ޕޮލިސް ބޯޑުގެ މެންބަރަކާ ބެހޭ ގޮތުން އިޒްމިއާ ކަންބޮޑުވުން ފާޅުކުރައްވައިފި

ފުލުހުންގެ ކުރީގެ ސްޕޯކްސްޕާސަން، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ފުލުހުންގެ ކުރީގެ ތަރުޖަމާނު، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު ޕޮލިސް ބޯޑުގެ މެންބަރަކާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، އޭނާއަށް ފާޑު ވިދާޅުވެއްޖެއެވެ.

އިޒްމިއާ ޕޮލިސް ބޯޑުގެ މެންބަރަކާ ބެހޭ ގޮތުން ވައިބާ ގްރޫޕެއްގައި ހިއްސާ ކުރެއްވި މެސެޖެއް "ސަން"އަށް ވަނީ ލިބިފައެވެ.

އެ މެސެޖުގައި އިޒްމިއާ ވިދާޅުވީ، ފުލުހުންގެ މަސައްކަތުގެ ފެންވަރު ބެލުމަށާއި އެމީހުން ވަޒީފާ އަދާ ކުރަން ގާބިލުތޯ ކަނޑައަޅަން މިހާރު ހުރީ، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ޖިންސީ ފުރައްސާރައިގެ ސަބަބުން ފުލުހުންގެ ވަޒީފާއިން ވަކިކުރި މީހެއް ކަމަށެވެ. އަދި އެފަދަ މީހަކަށް ފުލުހުން ޖަވާބުދާރީވާން ޖެހޭކަން ބަލައިގަތުމަކީ ދަތިކަމެއް ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

ހަމައެއާއެކު، އެ މެންބަރުގެ ސަބަބުން އަންހެން މުވައްޒަފުންނާއި އަންހެން ގައިދީންގެ ރައްކާތެރި ކަމާމެދު ކަންބޮޑުވާ ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ.

ނަމަވެސް ޕޮލިސް ބޯޑުގެ މެންބަރު އައިޝަތު ނޫރާ މުހައްމަދަށް އިތުބާރު އޮތް ކަމަށް އިޒްމިއާ ވިދާޅުވިއެވެ. އަދި އެ ބޯޑުގައި ދެން ހިމެނޭ އަންހެން މެންބަރާ ބެހޭ ގޮތުން ޔަގީންކޮށް އެއްޗެއް ބުނެވެން ނެތް ނަމަވެސް، އޭނާ އަބަދުވެސް ރަނގަޅު ގޮތް އިހުތިޔާރު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިޒްމިއާގެ މެސެޖުގައިވެއެވެ.

ޕޮލިސް ބޯޑުގައި ހިމެނޭ ދެވަނަ އަންހެން މެންބަރަކީ ގާނޫނީ ވަކީލު ސަފާ ޝަރީފްއެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި މީގެ ކުރިން މަސައްކަތްކުރައްވާފައިއެވެ.

ޕޮލިސް ބޯޑުގެ ރައީސަކީ މއ. މަނާގެ، އަލީ ފާއިޒުއެވެ. އަދި ނައިބު ރައީސަކީ މ. ހަޒާރީވިލާ، އަހްމަދު ފަޔާޒް ހަސަންއެވެ. އެ ބޯޑުގައި ދެން ތިއްބަވަނީ ހ. ޝޭޑީކޯނާ، ހާމިދު އަބްދުޣަފޫރު އާއި މއ. ގޯލްޑަންމޫން، އަހުމަދު ނާޝިދު އާއި ގ. ޑިމްލައިޓް، އާދަމް އިބްރާހިމްއެވެ.

ތަކުރާރުކޮށް ގުޅުމުން ވެސް ފުލުހުންގެ ފަރާތުން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.

އިޒްމިއާ އެ ވާހަކަތައް ދެއްކެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރުކަމަށް ހަމަޖެއްސެވި މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު ވަޒީފާއިން ވަކިކުރަން ނޯޓިސް ފޮނުވާފައި ވަނިކޮށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޖަމްޝީދާއި އަހްމަދު މުހައްމަދު މަގާމުން ދުރުކުރަން ނިންމީ، އެކަމަށް ޕޮލިސް ބޯޑުން ލަފާ ދިން ފަހުންނެވެ.

އެ ބޯޑު އެކުލަވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ.

އެ ގާނޫނުގައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރަކު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ނުވަތަ ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ނަމަ ނުވަތަ އެ މީހަކާ ދެކޮޅަށް އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާ ނަމަ، އެ އޮފިސަރަކީ މަގާމަށް ގާބިލު މީހެއް ކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައިވާ ކަމަށެވެ.

comment ކޮމެންޓް