އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން މޮޅުވެ ޗެލްސީން ލީގުގެ އެއްވަނައަށް ޖެހިލި އިރު، އެވަޓަންއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގައި ކުރިއަރަން ލިބުނު ފުރުސަތު ނަގާލައިފިއެވެ.
މިރޭ ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ކުޅެ ޔުނައިޓެޑުން ޕޮއިންޓަކާ އެކު ފުއްދާލަން ޖެހުނީ 1-1 އިން އެވަޓަނާ އެއްވަރުވެގެންނެވެ. ޗެމްޕިއަންސް ލީގުގައި ފަހުވަގުތު ލިބުނު މޮޅާ އެކު ޔުނައިޓެޑުން ލީގުގައި ވަރުގަދަ ކުޅުމެއް ދައްކާނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިއްބާ މިއަދު ކުޅުނު މެޗުގައި އެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.
އޯލްޑް ޓްރެފޯޑު ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި މިރޭ ޔުނައިޓެޑުން އެ ޓީމުގެ މުހިއްމި ބައެއް ކުޅުންތެރިން ހިމަނައިފައެއް ނުވެއެވެ. އެގޮތުން މިދިޔަ މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިން ކްްރިސްޓިއާނޯ ރޮނާލްޑޯ އަދި ޕޯލް ޕޮގްބާ ވެސް މެޗު ފެށީ ބެންޗުންނެވެ.
މިއަދުގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. ބްރޫނޯ ފަނަންޑޭޒް ދިން ހިތްގައިމު ބޯޅައަކުން އެ ގޯލު ކާމިޔާބު ކުރީ އެންތޮނީ މާޝިއަލްއެވެ.
ޔުނައިޓެޑުގެ ގޯލަށްފަހު އެވަޓަނުން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި އިރު، ދެވަނަ ހާފުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޓައުންސެންޑްއެވެ. އެއަށްފަހުން ޔެރީ މީނާ ވެސް އެވަޓަންއަށް ގޯލެއް ޖަހައިދިން އިރު، ވީއޭއާރުން ނިންމީ އޭނާ އޮފްސައިޑް ކަމަށެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުން މިރޭ ސައުތަމްޓޮންގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މިރޭގެ މޮޅާ އެކު ޗެލްސީ ކުޅުނު ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައަށް ޖެހިލި އިރު، ހަ މެޗާއެކު 14 ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތީ ލިވަޕޫލްއެވެ. ތިންވަނައިގައި އޮތް ޔުނައިޓެޑަށް ވެސް ލިބިފައިވަނީ 14 ޕޮއިންޓެވެ.
މިރޭގެ މެޗުގައި ޗެލްސީން ޖެހި ތިން ގޯލު އެ ޓީމަށް ޖަހައިދިނީ ޓީމޯ ވާނާއާއި ބެން ޗިލްވެލްގެ އިތުރުން ޗަލޮބާގެ އިތުރުން ބެން ޗިލްވެލްއެވެ. ސައުތަމްޓޮންގެ ގޯލު ޖެހީ ވާޑް-ޕްރޯސްއެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ ޕެނަލްޓީއަކުންނެވެ.