ކޮންމެ ރަށެއްގައި ވެސް އެ ރަށެއްްގެ ތަރައްގީއަށް ޓަކައި އެންމެ އިސްކޮށް މަސައްކަތްކުރަން ޖެހޭނީ އެ ރަށެއްްގެ ކައުުންސިލުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ ދައުރު ވެސް ފުޅާވެފައިވާކަމަށެވެ. އަދި ކައުންސިލްތަކުން ރަށުގެ ތަރައްގީއަށް މަސައްކަތްކުރާއިރު ސަރުކާރުގެ ފަރާތުން ހިންގާ މަޝްރޫތައް ހިންގާނީ ވެސް ކައުންސިލާ މަޝްވަރާކުރުމަށްފަހު ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ތަރައްގީގެ މަޝްރޫތަކަށް ސަރުކާރުގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
މި ބައްދަލުވުމުގައި މަޑުއްވަރީ ކައުންސިލުން ވެސް ވަނީ ރައީސާ ގިނަ ކަންތައްތަކެއްގައި މަޝްވަރާކޮށްފައެވެ. އަދި ކަައުންސިލްގެ ކަންބޮޑުވުންތައް ވެސް ރައީސާ ހިއްސާކޮށްފައެވެ.

ސެޕްޓެމްބަރު 30، 2021: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. މަޑުއްވަރީ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
އެގޮތުން މަޑުއްވަރީ ކައުންސިލުން ބުނީ އެ ރަށަށް މި ވަގުތު އެންމެ ބޭނުންވެފައި އޮތީ ޒަމާނީ ފެންވަރުގެ ބަނދަރެއްކަަމަށެވެ. އަދި ރަށުގެ ބިން އިތުރުކުރުމާއި، އެ ރަށުގެ ގިރަމުން އަންނަ ސަރަހައްދު ހިމާޔަތްކުރުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ ރައީސްއަށް ހުށަހަޅާފައެވެ.
ހަމައެއާއެކު އެ ރަށުގައި ކުނި މެނޭޖްކުރުމުގައި ހުރި ދަތިތައް ވެސް ކައުންސިލުން ފާހަގަކުރިއެވެ. އަދި ރަށުގެ އިހްތިސާސް ކަނޑައަޅާފައި އޮތް ގޮތަށް ބަދަލު ގެނައުމަށް ވެސް ކައުންސިލުން އެދިފައިވެއެވެ.
އެއާއެކު ރައީސްވަނީ ކައުންސިލުން ފާހަގަކުރި ކަންތައްތައް ހައްލުކޮށްދެއްްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ރަށްރަށުގެ ކައުންސިލްތަކާއެކު ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން ރައީސް ސޯލިހު މީގެ ކުރިން ވެސް ވަނީ ގިނަ ރަށްތަކެއްގެ ކައުންސިލާ ބައްދަލުކުރައްވާފައެވެ.
އަދި ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރ. އަތޮޅުގެ ހަތަރު ރަށަށާއި ށ. އަތޮޅުގެ ފަސް ރަށަށް މި މަހުގެ ތެރޭ ކުރެއްވި ދަތުރުފުޅުގައި ވެސް ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ ވަނީ ބައްދަލުކުރައްވާފައެވެ.