އިންޑިއަން ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާއަށް ދައުވާކޮށްފި

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިން މީހާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފިއެވެ.

ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވަނީ މއ. ރެސްޓިންހައުސް، މުހައްމަދު އިމާދެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނެ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ޓްވިޓާ ގައި އިންޒާރުދިން މައްސަލައިގައި އިނާދުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ އުފުލައިފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އުފުލައިފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.

އިނާދުގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހުއެވެ.

ސޯޝަލް މީޑިއާގައި އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށާއި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެކަމަށް އިންޒާރު ދީފައިވާތީ, ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި ޗައިނާ އެމްބަސީއިން ފޮރިން މިނިސްޓްރީގައި އެދިގެން އެ ދެ މިޝަން ހުންނަ އިމާރާތްތަކުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައިވެއެވެ.

މީގެ އިތުރުން އިނާދުގެ މައްސަލައާ ގުޅިގެން އޭނާ އެމްޑީޕީގެ މެމްބަރުކަމުން ވަކިކުރުމަށް ވެސް އެ ޕާޓީން ނިންމައިފައިވައެވެ.

comment ކޮމެންޓް