ތައުލީމީ ސެޓްފިކެޓު ގަނެ ވިއްކާ ކަމުގެ ކަންބޮޑުވުން މިނިސްޓަރަށް

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ ފަޔާޒު މޫސާ

އަމިއްލަ މަންފާތަކަށް ތައުލީމީ ސެޓްފިކެޓުތައް ގަނެ، ވިއްކާ މައްސަލައާއި ކޯސްތަކުގެ ފެންވަރު ދަށް ވަމުން އަންނަ ކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދުގެ ސުވާލަކަށް ޖަވާބު ދެއްވުމަށްޓަކައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންފައެވެ. މެންބަރު ވަހީދުގެ ސުވާލަށް ޖަވާބު ދެއްވުމަށްފަހު ބައެއް މެންބަރުން ވަނީ މިނިސްޓަރާ އިތުރު ސުވާލުކުރައްވާފައެވެ.

ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވަނީ މަތީ ތައުލީމު ދޭ މަރުކަޒުތަކުން މިހާރު ހިންގަމުން އަންނަ ކޯސްތަކުގެ ފެންވަރު ދަށް ވެފައިވާ ކަން ފާހަގަކުރައްވާ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މެންބަރު ޔާސިރު ވިދާޅުވީ މިހެން ވުމުގެ ސަބަބުން މަތީ ތައުލީމު ހާސިލްކުރުމަށްފަހު މަސައްކަތުގެ ދާއިރާއަށް ނިކުންނައިރު ބޭނުންވާ ތަމްރީނާއި ތަޖުރިބާ ނުހުންނަ ކަމަށެވެ.

"ރައްޔިތުން ދެކޭ ގޮތުގައި ސެޓްފިކެޓަކީ ވިއްކާ އެއްޗަކަށް ބަދަލުވަމުން އެބަދޭ،" ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވަނީ މިކަން ހައްލުކުރުމަށްޓަކައި މިނިސްޓްރީން ކުރެވެނީ ކޮންކޮން މަސައްކަތްތަކެއްތޯ މިނިސްޓަރާ ސުވާލުކުރައްވާފައެވެ.

މެންބަރު ޔާސިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަސަން ވިދާޅުވީ ސަނަދު ވިއްކާ މައްސަލަ މެދުވެރިވަނީ ހަމައެކަނި ސަނަދެއް ހޯދުމުގެ ބޭނުމުގައި އުނގެނޭތީ ކަމަށެވެ.

"އުނގެނުމުގެ ބޭނުމަކީ ސަނަދު ހޯދުން ކަމަށް ވެގެން ނުވާނެ. އެހެން ފަހަރުގަ އެ ވަނީ ބައެއް ފަހަރު އެ ވަޒީފާގަ ދެމިތިބުމާ ވަޒީފާ ކުރިއެރުން ހޯދަން ސަނަދެއް އޮންނަން ލާޒިމްކުރުވާތީވެ. އެކަހަލަ ހާލަތްތައް އަޅުގަނޑުމެންނަށް މާޒީގަ ފެނިފަ އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.

އުނގެނުމުގެ މައިގަނޑު މަގްސަދަކަށް ވާން ޖެހޭނީ އިލްމު ހޯދައި، އިލްމުން އެ މީހެއްގެ ދިރިއުޅުން ރަނގަޅު ފެންވަރަކަށް ގެންގޮށް، އެ މީހަކު އުޅޭ މުޖުތަމައަކަށް ފައިދާތަކެއް ގެނެސްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މަތީ ތައުލީމާ ބެހޭ ގާނޫނުގެ ދަށުން، މަތީ ތައުލީމަށް ހިންގޭ ކޯސްތަކުގެ ފެންވަރު ބެލުމަކީ މިނިސްޓްރީގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އެކަމަށްޓަކައި ގާނޫނުގެ ދަށުން ހަދަން ޖެހޭ އުސޫލުތަކާއި ގަވައިދުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ ތައުލީމީ ކަންކަން ރަނގަޅަށް ފުރިހަމައަށް ރެގިއުލޭޓް ނުކުރެވި ގިނަ ދުވަސްތަކެއް ވީމަ ހެން މިހާރު މިއޮތް ހާލަތަށް ކަންތައްތައް ގޮސްފަ މިއޮތީ. އެހެންވީމާ މިހާރު އަޅުގަނޑުމެން އެޑްރެސް ކުރަން އުޅޭއިރުގަ ހުރޭ ގޮންޖެހުންތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގޮންޖެހުންތަކެއް ގިރާކުރުމަށްފަހު، ތައުލީމީ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

comment ކޮމެންޓް