އެމްއޭސީއެލްއިން އޯޓިޒަމް އެސޯސިއޭޝަނަށް ބޮޑު އެހީއެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން އޯޓިޒަމް އެސޯސިއޭޝަންއަށް ފައިސާގެ އެހީ ހަވާލު ކުރުމުގެ ތެރެއިން

އޯޓިޒަމް އެސޯސިއޭޝަންގެ ކަރިކިއުލަމް ގަތުމަށާއި މުދައްރިސުން ތަމްރީނު ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން އެ އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ހުޅުމާލޭ އޯޓިޒަމް އެސޯސިއޭޝަންގައި މިއަދު ބޭއްވި ހަފްލާއެއްގައި އެމްއޭސީއެލްއިން ވަނީ އެ އެސޯސިއޭޝަނަށް 3,965 ޑޮލަރު ހަދިޔާކޮށްފައެވެ.

އެ ހަފްލާގައި އެމްއޭސީއެލްގެ ފަރާތުން އެހީ ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮފިސަރު އަހުމަދު އިބްރާހިމް އެވެ.

އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން އެ އެހީއާ ހަވާލުވީ، ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. އިސްމާއީލް ޝަފީއުއެވެ.

އުމުރުން ދެ އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ކިޔަވައިދެމުންދާ އޯޓިޒަމް ސެންޓަރަށް ދިމާވާ ބައެއް ދަތިތައް ޝަފީއު މިއަދު ފާހަގަކުރެއްވިއެވެ.

އެގޮތުން ކަރިކިއުލަމް އަކީ ބޭރުން ގެންނަން ޖެހޭ އެއްޗަކަށް ވުމާއި، މުދައްރިސުން ތަމްރީނު ކުރުމަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭކަމަށް ޝަފީއު ވިދާޅުވިއެވެ.

ހަމައެއާއެކު މުދައްރިސުން ތަމްރީނު ކުރި ނަމަވެސް، އެހެން ފުރުސަތުތައް ލިބުމާއެކު މުދައްރިސުން އެހެން ވަޒީފާތަކަށް ބަދަލުވާ ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

އެ ހަފްލާގައި އެމްއޭސީއެލްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އަހުމަދު އިބްރާހިމް ވިދާޅުވީ އޯޓިޒަމް އެސޯސިއޭޝަނުން ކުރާ ބުރަ މަސައްކަތަށް ކުޑަ ނަމަވެސް އެހީއެއް ވެދެވުމުން އެކަމާ އުފާކުރައްވާ ކަމަށެވެ.

މީގެ އިތުރުން އެ އެސޯސިއޭޝަނުން ކިޔަވައި ދެމުންދާ ކުދިންނަށް ސީދާ މަންފާ ކުރާނެ ފަދަ ކަމަކަށް އެހީވެދިނުމަކީ ކުރިމަގަށް މީހުން ބިނާކުރުމަށް ވެދެވުނު އެހީއެއްކަމަށްވެސް އަހުމަދު އިބްރާހިމް ވިދާޅުވިއެވެ.

comment ކޮމެންޓް