ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ފަހުކޮޅު ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖު އަޅައި، 2023 ވަނަ އަހަރު އެ ކޮލެޖުގައި ކިޔަވައި ދޭން ފެށުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިބްރާހިމް ހަސަން އެހެން ވިދާޅުވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިއެވެ.
ދިއްދޫގައި ޖޫނިއާ ކޮލެޖެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި މިދިޔަ އަހަރާއި މިއަހަރުގެ ބަޖެޓުގައި ވެސް އެ މަޝްރޫއު ހިމަނާފައިވެއެވެ. ނަމަވެސް މިއަދާ ހަމައަށް އައިރުވެސް އެ ކޮލެޖު ގާއިމުވެފައި ނެތުމުން އެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފްސީލެއް ދިނުމަށް މެންބަރު އަބްދުﷲ ވަހީދު އެދިވަޑައިގަތެވެ.
މީގެ އިތުރުން، އެތަނުގެ އަމަލީ މަސައްކަތްތައް ފެށޭނެ ތާރީހެއް ބުނެދެއްވައި، ކިޔަވައި ދިނުން ފެށޭނެ ތާރީހެއް ސާފު ކޮށްދެއްވުމަށްވެސް މެންބަރު އެދިވަޑައިތެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 2019 ވަނަ އަހަރުގެ ފަހުކޮޅު އެ މަސައްކަތާ ބެހޭ ކޮންސެޕްޓު ޕޭޕަރުތައް އެކުލަވާލި ކަމަށެވެ. އަދި ޖެހިގެން އައި އަހަރު ސާވޭއެއްގެ މަސައްކަތް ކުރިއަށް ގެންގޮސް، ތަޖުރިބާކާރު ބޭބޭފުޅުންނާއެކު ކޮންސެޕްޓު ޕޭޕަރުތައް ރިވައިޒް ކުރިކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއަށް 1.6 މިލިއަން ރުފިޔާ ހަމަޖެއްސި އިރު މިއަހަރުގެ ބަޖެޓުގައި ވަނީ ތިން މިލިއަން ރުފިޔާ ކަނޑައަޅާފައިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދު އޭގެ ފުރިހަމަ ގޮތުގައި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ފަށައިގަތީ،" މިނިސްޓަރު ވިދާޅުވިއެވެ.
ދިއްދޫގައި ޖޫނިއާ ކޮލެޖާ އެކު ދަނާލްއެއް އެޅުމަށް ބޭނުންފުޅުވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެއީ، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ކުދިންވެސް ދިއްދޫއަށް ގޮސް، އެ ރަށުގައި ތައުލީމު ހާސިލް ކުރަން ފުރުސަތު ދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކޮލެޖު އިމާރާތުގެ ބޮޑުމިނާއި މަޝްރޫއަށް ބޭނުންވާނެ ބިމުގެ ބޮޑު މިންވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ މަޝްރޫއަށް ހޭދަވާނެ ވަގުތާއި ފައިސާވެސް މި އަހަރުގެ ތެރޭގައި އަންދާޒާކޮށްފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.
އެ މަޝްރޫއަށް އިންވެސްޓު ކުރުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި އެ މަޝްރޫއަށް ރާއްޖެއިން ބޭރުންވެސް އިންވެސްޓަރުން ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އިންވެސްޓަރުން ލިބިއްޖެނަމަ މި އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައިވެސް ކޮންސްޓްރަކްޝަން މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ލަފާ ކުރެއްވިއެވެ.