ދައްކަމުން އެ ދަނީ މޫނު ބުރުގާ އަޅާ ކަނބަލުންނަށް ނަމޫނާއެކެވެ. އާއިޝަތު ހަޝްމާއަށް މޫނު ބުރުގާއަކީ ޓީޗިންގެ ދާއިރާއިން ކުރިއަށް ދިއުމަށް އޮތް ހުރަހެއް ނޫނެވެ. އިމާދުއްދީން ސްކޫލްގެ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހަޝްމާ ކިޔަވައިދެނީ ވަރަށް ހިތްހަމަޖެހިގެންނެވެ. ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ ފަރާތުން ވެސް އޭނާއަށް ފުރިހަމަ އެއްބާރުލުން ލިބޭތީއެވެ.
މޫނު ބުރުގާ އެޅުމުން ވަޒީފާއިން ވަކި ކުރި ދުވަސްތައް މާޒީވެ ގޮސްފިއެވެ. މިއަދު މޫނު ބުރުގާ އަޅައިގެން ޓީޗަރަކަށް ވެވޭނެކަން ސާބިތުކޮށްދެމުން ހަޝްމާ ދެނީ މެސެޖެކެވެ.
މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް އައުމަކީ އެއްވެސް ހާލެއްގައި ހުރަހެއް އޮތްކަމެއް ނޫން. މިހާރު ވަޒީފާގެ މާހައުލަކީ ވެސް މޫނުބުރުގާ އަޅާ ފަރާތްތަކުން ބަލައިގަންނަ މާހައުލެއް. އެހެންކަމުން ވަޒީފާގެ މާހައުލުގައި އުޅޭ ފަރާތްތަކަށް ބުނެނަލް ބޭނުންވަނީ މޫނު ބުރުގާ އެޅިޔަސް ވަޒީފާގެ ގޮތުން އަޅުގަނޑުމެން އަދާކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ހުރަހެއް ނެތޭ
މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމުން ކުދިންނަށް ނަފްސާނީ ގެއްލުންތަކެއް ލިބޭ ކަމަށް ދައްކަމުން ދިޔަ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަން ހަޝްމާ އަންނަނީ ސާބިތުކޮށްދެމުންނެވެ.
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމަކީ މިހާރު ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން ވެސް ހުއްދަ ކަމެކެވެ. މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ނުކުންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވިފައެވެ. އެހެންކަމުން މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ނުކުންނަން ޖެހިލުންވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ހަޝްމާ ބުންޏެވެ.
މީގެ 17 އަހަރު ކުރިން ރ. އަލިފުށީ ސްކޫލްގެ ވަގުތީ ޓީޗަރަކަށް ހަޝްމާ ކުރިމަތިލިއިރު، ނަރުހަކަށްވުމުގެ ހުފަވެން އޭނާ އައީ ދެކެމުންނެވެ. އޭރު އޭނާގެ ޝައުގުވެރިކަން ހުރީ ނަރުހަކަށްވެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރުމަށެވެ. ވަގުތީ ޓީޗަރެއްގެ ވަޒީފާއަށް ހަޝްމާ ދިޔައީ އާއިލާގެ ހާލަތު ހުރިގޮތުން ވަޒީފާއެއް ހޯދަން މަޖުބޫރުވުމުންނެވެ.
ޓީޗަރަކަށްވެ ކުދިންނާއެކު އުޅެން ފެށުމުން ހަޝްމާގެ ހިތް ބަދަލުވެއްޖެއެވެ. ތައުލީމު އުނގަންނައިދިނުމަށް ލޯބިޖެހުނީއެވެ. ނަރުހަކަށްވުމުގެ ޝައުގުވެރިކަން ނެތިއްޖެއެވެ.
އަލިފުށީ ސްކޫލްގައި 11 އަހަރު މަސައްކަތް ކުރުމަށްފަހު އިމާދުއްދީން ސްކޫލާ ހަޝްމާ ގުޅުނީ 2015 ވަނަ އަހަރުއެވެ. ޓީޗިން ދާއިރާއިން މިހާރު މާސްޓާސް ހާސިލުކޮށްފައިވާ ހަޝްމާ ކުރިން ކިޔަވައިދިނީ ޕްރައިމަރީ ގްރޭޑްތަކަށެވެ. ނަމަވެސް މިހާރު އޭނާ ކިޔަވައިދެނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށެވެ.
ހަޝްމާ ކިޔައިދިން ގޮތުގައި ޚާއްސަ އެހީއަށް ބޭނުވާ ކުދިންނަށް ކިޔަވައިދިނުމަކީ ވަރަށް ބޮޑު ޗެލެންޖެކެވެ. ސަބަބަކީ އެކުދިންނަށް ކޮންމެ އެއްޗެއް ވެސް އުނގަންނައިދޭން ވަރަށް ބުރަ މަސައްކަތް ކުރަންޖެހޭތީއެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ އެހެން ޓީޗަރުންނެކޭ އެއްފަދައިން ހަޝްމާ ވެސް އެންމެ ބޮޑު އިސްކަމެއްދޭ އެއްކަމަކީ އެކުދިންގެ އުޅުން އިތުރަށް ގޯސްވެގެންދާނެ ކަމެއް މެދުވެރިވިޔަ ނުދިނުމަށެވެ.
"މިސާލަކަށް ދިމާވާ ކަމެއްގެ ސަބަބުން އެކުދިންގެ ބިހޭވިއާ އިތުރަށް ގޯސްވެގެން ދާންޖެހޭ ހާލަތެއް އައިސްފިއްޔާ އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާނެ ކަމެއް. އަޅުގަނޑުމެން ބޭނުންވަނީ އެކުދިން އަންނައިރުވެސް ހެޕީކޮށް، ޕޭރެންޓުންނާ ހަވާލުކުރާއިރުވެސް ހެޕީކޮށް ބަހައްޓަން. އެގޮތަށް ފޮނުވާލެވޭ ދުވަހަކީ ވަރަށް ހިތްހަމަޖެހިލައިގެން މަސައްކަތް ނިންމާލެވޭ ދުވަހަކަށް އަސްލުވަނީ،" ހަޝްމާ ކިޔައިދިނެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިމާދުއްދީން ސްކޫލްގައި ކިޔަވައިދެނީ އެ ސްކޫލްގައި ގާއިމްކޮށްފައިވާ ޖުވެލް ސެންޓަރުގައެވެ. އެފަދަ ކުދިންނަށް ކިޔަވައިދިނުމަށް އިމާދުއްދީން ސްކޫލުން ވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއެވެ. އެ ސްކޫލްގެ ޖުވެލް ސެންޓަރުގެ ޓީޗަރުންގެ އުންމީދަކީ ސްކޫލް ނިންމާފަ ދާއިރު އެ ކުދިންނަކީ މުޖުތަމައު ބަލައިގަންނަ، މުޖުތަމައުގަ ފައިދާހުރި މަސައްކަތެއް ކުރެވޭ ފެންވަރުގެ ކުދިންނަށް ހެދުމެވެ. ވަރަށް އަވަހަށް އެ އުންމީދުގައި ކުލަޖެހޭނެ ކަމަށް އެ ޓީޗަރުން ގަބޫލުކުރެއެވެ.
"އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ސްޕެޝަލް ނީޑް ކުދިންނަށް ޚާއްސަކޮށްގެން ވޮކޭޝަނަލް ޓްރޭނިންތަކެއް މިކޮޅުގަ ޖައްސަން. މިހާރު ހުރިހާ ޑޮކިއުމެންޓްތައް ތައްޔާރުކޮށް ހުރިހާ މަސައްކަތެއް ނިމިފައެހެރީ އެޕްރޫވްކުރާ ހިސާބަށް ގޮސްފައި،" ހަޝްމާ ކިޔައިދިނެވެ.
ކުދިންނަށް ލިބޭ ކާމިޔާބީ، ހަޝްމާގެ އުފާވެރިކަން!
ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ނުލިބުމަކީ އެހެން ޓީޗަރުންނެކޭ އެއްފަދައިން ހަޝްމާގެ ވެސް ކަންބޮޑުވުމެކެވެ. ހިތްހަމަނުޖެހޭ އެފަދަ ކަންތައްތަކެއް ހުއްޓަސް ހަޝްމާ މި ދާއިރާގައި ހިތްހަމަޖެހޭ ކަންތައްތަކެއް ވެސް އެބަހުއްޓެވެ.
ގިނަ ދުވަސްތަކަކަށްފަހު ކުރިން ކިޔަވައިދިން ކުދިންނާ ބައްދަލުވާއިރު ލޯބިން ގޮވާލާ އަޑު އިވުމަކީ ހަޝްމާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެ ކުދިންނަށް ލޯބިދީ އޯގާތެރިކޮށް ކަންތައްތައް ކޮށްދެވިފައިވާ ކަމުގެ އިހްސާސް ކުރެވެއެވެ. ހަޝްމާ ބުނާގޮތުގައި އެއީ ބަޔާންކުރަންވެސް ދަތި ހިތްހަމަޖެހުމެކެވެ.
ހަޝްމާ ކިޔަވައިދޭ ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ވެސް އެކި މުބާރާތްތަކުން ވަނަ ހޯދާފައިވެއެވެ. އެއީވެސް އޭނާ ވަރަށް ބޮޑަށް އުފާވާ ކަމެކެވެ.
"ގަބޫލުކުރެވެނީ ސްކޫލުން ވެސް އަޅުގަނޑުމެންނަށް ކަންތައްތަކެއް ކޮށްދެވެއޭ އެކުދިންނަށް ސެލްފް ކޮންފިޑެންސް ބިލްޑްކޮށްދޭން. އެ ހުނަރުތައް ތަރައްގީކޮށްދޭން. ވަރަށް ކުރީގަ މަސައްކަތްކޮށްދިން ކުއްޖެއް ވެސް، މިހާރު މަސައްކަތްކޮށްދޭ ކުއްޖެއްވެސް އެކަހަލަ ކާމިޔާބީއެއް ހޯދާތަން ފެނުނީމަ ހަމަ ވަރަށް ވަރަށް އުފާވޭ،" ހަޝްމާ ކިޔައިދިނެވެ.
މެއިން ސްޓްރީމްގައި ތިބި ކުދިންނަށް އެހީވާން ހަޝްމާ ބޭނުންވޭ
ޖުވެލް ސެންޓަރުގައި ކިޔަވައިދެނީ އޯޓިޒަމް، ޑައުންސިންޑްރޮމް ހުންނަ ކުދިންނަށެވެ. މެއިން ސްޓްރީމްގައި ކިޔަވައިދޭ ބައެއް ކުދިންނަށް ވެސް ޖުވެލް ސެންޓަރުގެ އެހީތެރިކަން ބޭނުންވެއެވެ.
ގިނަ ފަހަރަށް އެފަދަ ކުދިންނަށް އެހީތެރިކަން ނުދެވި މުޖުތަމައުއަށް ބޭނުން ނުހިފޭ ކުއްޖެއްގެ ގޮތުގައި މުޖުތަމައު ތެރެއަށް ނުކުމެގެންދިއުމަކީ ހަޝްމާ ވަރަށް ހިތްދަތިވާ ކަމެކެވެ.
އެކަން ހައްލުކުރުމަށް އިމާދުއްދީން ސްކޫލުން ވަނީ މަސައްކަތް ފަށާފައެވެ. ޖުވެލް ސެންޓަރުގެ ކުދިންނާއެކު އެފަދަ ކުދިންނަށް ސެޓްފިކެޓް ލެވެލްގެ ޕްރޮގްރާމެއް ހިންގަން އެ ސްކޫލުން ވަނީ ނިންމާފައެވެ. އެ ޕްރޮގްރާމް ކާމިޔާބުވެ، މެއިން ސްޓްރީމްގައި ތިބި އެފަދަ ކުދިން އޯލެވެލް ނިންމައި މުޖުތަމައުއަށް ކޮންމެވެސް ގޮތަކުން ޚިދުމަތްކުރާތަން ފެނުމަކީ ހަޝްމާ ކުރާ އުންމީދެކެވެ.
ބެލެނިވެރިންގެ ތައުރީފް ލިބޭ
ހަޝްމާ ބުނިގޮތުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންގެ މަސައްކަތް ބަލައިގަނެ ބެލެނިވެރިންގެ ފަރާތުން ލިބެނީ ތައުރީފްގެ ބަސްތަކެކެވެ. އެއީ ދަރިވަރުންނަށްޓަކައި ޓީޗަރުންނަށް ބުރަ މަސައްކަތްތަކެއް ކޮށްދެވޭކަން ބެލެނިވެރިން ގަބޫލުކުރާ ކަމުގެ ހެއްކެއް ކަމުގައި އޭނާ ދެކެއެވެ.
ހަޝްމާ އަކީ މާސްޓާސް ހަދާފައިވާ ޓީޗަރެކެވެ. ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގެ ދާއިރާއިން އޭނާއަށް އަދި ހާސިލުކުރެވުނީ ޑިޕްލޮމާއެވެ. ހަޝްމާ ބޭނުންވަނީ އެ ދާއިރާއިން އިތުރަށް ކިޔަވައިގެން އިތުރު ކާމިޔާބީތައް ހޯދުމަށެވެ.
ފިރިމީހާއަށް ޚާއްސަ ޝުކުރު
އޭނާއަށް ޚާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ސްކޫލް މެނޭޖްމަންޓުން މަސައްކަތް ކުރާ ކަމަށް ހަޝްމާ ބުނެއެވެ. އެކަމުގެ ޝުކުރުވެސް އަދާކުރިއެވެ. ސްކޫލްގެ އިތުރުން އާއިލާގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަމަށް އޭނާ ބުނެއެވެ. ހަޝްމާ ބުނިގޮތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ފިރިމީހާގެ ފަރާތުންނެވެ.
"ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އަޅުގަނޑުގެ އާއިލާއަށް ޚާއްސަކޮށް އަޅުގަނޑުގެ ފިރިމީހާއަށް. އޭނަގެ އެހީތެރިކަމާ ނުލާ، އަސްލު މިހާހިސާބަށް ނާދެވޭނެއޭ ބުނެވޭނީ. އަޅުގަނޑު މިދާއިރާއިން ކުރިއަށް ދިޔުމަށް ފިރިމީހާ ވަރަށް ވަރަށް ހިތްވަރުދެއްވާ،" ހަޝްމާ ކިޔައިދިނެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭތީ ހަޝްމާއާމެދު އޭނާގެ ފިރިމީހާ އާދަމް މާހިރު ވަރަށް ބޮޑަށް ފަޚުރުވެރިވެއެވެ. އެކަމަށްޓަކައި އޭނާ ހަޝްމާއަށް ޝުކުރު އަދާކުރިއެވެ.
"ޓީޗަރުންގެ ދުވަހު އަޅުގަނޑުގެ އަންހެނުން ހަޝްމާއަށް ދޭން ބޭނުންވާ މެސެޖަކީ މުޖުތަމައުގައި ޚާއްސަ އަޅާލުން ބޭނުންވާ މީހުންނަށް އެހީތެރިވުމުގައި އަބަދުވެސް ދެމިހުންނާށޭ. އަޅުގަނޑުގެ ފަރާތުން ހުރިހާ ވަގުތެއްގައި ވެސް އިހްތިރާމާއި ލޯތްބާއި ގަދަރު ހަޝްމާއަށް ލިބޭނެއޭ،"