ގައުމީ ޓީމު އެނބުރި ރާއްޖެ އައިސް، ޖެންގައި ކޭމްޕުކޮށްފި

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކޭމްޕުކުރި ގައުމީ ޓީމު ފަރިތަކުރުންތައް ނިންމާލުމަށްފަހު މާލެ އައިސް ހޮޓެލް ޖެންގައި ކޭމްޕުކޮށްފިއެވެ.

މުބާރާތް ނިމެންދެން ގައުމީ ޓީމު ތިބޭނީ ޖެންގައެވެ. ރާއްޖޭގެ އިތުރުން ބަންގްލަދޭޝް ގައުމީ ޓީމުވެސް ކޭމްޕު ކުރާނީ ޖެންގައެވެ.

އިންޑިއާ ގައުމީ ޓީމު ބަނޑޮސްގައި ތިބޭއިރު ނޭޕާލް ޓީމު ކޭމްޕުކުރާނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައެވެ. ސްރީ ލަންކާ ގައުމީ ޓީމުގެ ކުޅުންތެރިން ތިބުމަށް ހަމަޖެހިފައިވަނީ ހުޅުލެ އައިލެންޑް ހޮޓެލްގައެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތައް ތިބޭ ހޮޓެލްތައް ކަނޑައަޅައިފައިވަނީ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިންނެވެ.

އަމިއްލަ ގައުމުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ނިކުންނަން ރާއްޖެއިން ތައްޔާރުވަމުން އަންނައިރު ރާއްޖެއަކީ މުބާރާތުގެ ދިފާއީ ޗެމްޕިއަނެވެ. އެންމެ ފަހުން ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތް ކާމިޔާބުކުރީ ރާއްޖެއިންނެވެ. މީގެ އިތުރުން ރާއްޖެ ވަނީ 2008 ވަނަ އަހަރުގެ މުބާރާތުގެ ތަށި ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު ވާދަކުރާނީ ސްރީ ލަންކާ އާއި ބަންގްލަދޭޝްއެވެ. އެރޭ ކުޅޭ މެޗުގައި ރާއްޖެ ބައްދަލުކުރާނީ ނޭޕާލް އާއި ދެކޮޅަށެވެ.

comment ކޮމެންޓް