ސުލްތާންގެ ހަށިގަނޑު މިއަދު މާލެ ގެންނަނީ

އިންޑިއާއަށް ސިފައިންގެ ޓްރޭނިންއަށް ގޮސް އުޅެނިކޮށް މަރުވި މުހައްމަދު ސުލްތާން އިބްރާހިމް

އިންޑިއާގައި ޓްރެއިނިންއެއް ފުރިހަމަކުރަމުންދަނިކޮށް މަރުވި އެމްއެންޑީއެފް ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމްގެ ހަށިގަނޑު މިއަދު މާލެ ގެންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ސުލްތާންގެ ހަށިގަނޑު މާލެ ގެންނަން ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 01:00 ހާއިރު ކަމަށެވެ.

ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނެސް، ވަގުތުން ގެންދާނީ އާސަހަރާއަށް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އުމުރުން 22 އަހަރުގެ ސުލްތާންގެ މަރާ ގުޅިގެން އެމްއެންޑީއެފުން މީގެކުރިން ނެރުނު ބަޔާނުގައި ބުނީ ސުލްތާން ފުރިހަމަ ކުރަމުން އައީ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯސް ކަމަށެވެ.

ސުލްތާން މަރުވެފައިވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންހޯންގައި ހޮނިހިރު ދުވަހު އޮތް އެންޝިއުރެންސް ދުވުމެއް ފުރިހަމަ ކުރަމުންދަނިކޮށް ކަމަށާއި ދުވުމުގެ ތެރެއިން ސުލްތާން ވެއްޓުމާއެކު އޭނާއަށް އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ސުލްތާން މަރުވެފައިވާ ކަމަށެވެ.

ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމް ސިފައިންގެ ހިދުމަތާ ގުޅިފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުއެވެ. ތިން އަހަރު ދުވަހުގެ ކޯހަށް އިންޑިއާއަށް ދިއުމުގެ ކުރިން ސުލްތާން މަސައްކަތް ކުރަމުން އައީ އިންޓަގްރޭޓެޑް ހެޑްކުއާޓާޒްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ސުލްތާންގެ މަރާ ގުޅިގެން ޕޫނޭގެ ނޭޝަނަލް ޑިފެންސް އެކެޑެމީ (އެންޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ޓްރެއިނިންގެ ތެރެއިން ސުލްތާން ވެއްޓުމާއެކު، އޭނާއަށް ފަރުވާ ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

ސުލްތާންގެ މަރު އިތުރަށް ތަހުގީގުކުރުމަށް ކޯޓް އޮފް އިންކުއަރީން ވެސް އަންގައިފައިވާ ކަން ފާހަގަކޮށް، ސުލްތާންގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ވެސް ނިންމައިފައިވާ ކަމަށް އެންޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް