ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓުވި ބްރެންޓްފޯޑްއިން ލިވަޕޫލް ހުއްޓުވައިފިއެވެ. ބްރެންޓްފޯޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 3-3އިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ބްރެންޓްފޯޑްއިންނެވެ. މިލަނޑު އެޓީމަށް 27 ވަނަ މިނިޓުގައި ޖަހައިދިނީ ޑިފެންޑަރު އީތަން ޕިނޮކްއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ނަތީޖާ އެއްވަރުކޮށްލިއެވެ. މެޗުގެ 31 ވަނަ މިނިޓުގައި މިލަނޑު ޖެހީ ޕޯޗުގަލް ވިންގާ ޑިއޯގޯ ޔޮޓާއެވެ. މިލަނޑު ޖަހަން ޔޮޓާއަށް ފުރުސަތު ހޯދައިދިނީ ކެޕްޓަން ޖޯޑަން ހެންޑަސަންއެވެ.
މެޗުގެ ދެވަނަ ހާފުގައި 54 ވަނަ މިނިޓުގައި ލިވަޕޫލުން ލީޑު ނެގިއެވެ. މިގޯލު ފަބީނިއޯ ދިން ބޯޅަ އަކުން ޖެހީ ފޯވާޑް މުހައްމަދު ސަލާހުއެވެ.
ލިވަޕޫލުން ލީޑު ނެގިތާ ނުވަ މިނިޓު ފަހުން ބްރެންޓްފޯޑުން ގޯލެއް ޖަހައި ނަތީޖާ 2-2އަށް ބަދަލުކޮށްލިއެވެ. މިގޯލު ޖެހީ ވިޓާލީ ޔަންނެލްޓްއެވެ.
ހަތަރު މިނިޓު ފަހުން ލިވަޕޫލުން އަނެއްކާވެސް ލީޑު ނެގިއެވެ. މިލަނޑު ޖެހީ ޒުވާން މިޑްފިލްޑަރު ކާޓިސް ޖޯންސްއެވެ.
ލިވަޕޫލް ތިން ޕޮއިންޓާ ދިމާލަށް މިސްރާބު ޖަހާފައި ވަނިކޮށް ބްރެންޓްފޯޑުން ގޯލެއް ޖަހައި ނަތީޖާ 3-3އަށް ބަދަލުކޮށްލިއެވެ. މެޗުގެ 82 ވަނަ މިނިޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ޔޮއާން ވިސާއެވެ.