އުރީދޫ ޑާޓާ ސެންޓަރާއެކު ހުސައިންގެ ދަތުރު، ކާމިޔާބު މަސައްކަތެއް!

އޫރިދޫ ޑާޓާ ސެންޓަރުގެ ސީނިއާ މެނޭޖަރ ހުސައިން ހަލީމް -- ސަންފޮޓޯ/ ފަޔާޒު މޫސާ

އުރީދޫގެ ޑާޓާ ސެންޓަރުގެ ސީނިއާ މެނޭޖަރު ހުސައިން ހަލީމް އުރީދޫއާއެކު ކުރި ދަތުރަކީ އެތަކެއް ތަފާތު ތަޖުރިބާތަކެއް އޭނާ ކުރި ދަތުރެކެވެ. ވަރަށް އުފާވެރި އަދި އެހާމެ ހިތްގައިމު ދަތުރެކެވެ. އެ ދަތުރަށް ނިމުން އަންނަން އޭނާ ބޭނުން ނުވާއިރު އަދިވެސް އޭނާ ބޭނުންވަނީ ގިނަ ކަންތައްތައް އުރީދޫއާއެކު ތަޖުރިބާ ކުރާށެވެ.

"އެންމެ ކުޑައިރު ވެސް އުޅެނީ ދެފަށް ނަރު ގުޅައިގެން"

ކުޑައިރުގެ ހަނދާންތައް "ސަން"އާ ހިއްސާ ކުރަމުން ހުސައިން ބުނީ އެންމެ ކުޑައިރުއްސުރެ ވެސް އޭނާއަކީ ކަރަންޓުގެ ކަންކަމަށް ވަރަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމަށެވެ.

"އޭރުގައި ހުންނާނެ ބެޓެރި ބުރިތައް، ފަހެއްފަހެއްގެ މިހެން ނަރު ގުޅައިގެން. ދެން އޭގެން ފޮށި ހަދައިގެން. ދެން އެ ފޮށި ތެރޭގައި މި ހުންނަ ބައިސްކަލް ބޮއްކެތް ލައިގެން އެއަށް ކަރަންޓު ދިނުން ދެން އެއީ" ހުސައިން ކިޔައިދިނެވެ.

ހުސައިންއަކީ އޭނާގެ އާއިލާގައި ހުރި ހަމައެކަނި އިލެކްޓްރިކަލް އިންޖިނޭރެވެ. އޭނާގެ އާއިލާއަކީ އެފަދަ ބެކްގްރައުންޑެއް އޮންނަ އާއިލާއެއް ވެސް ނޫނެވެ. އޭނާގެ އާއިލާގައި ބޮޑަށް އޮންނަނީ ބޭސްވެރިކަމުގެ ބެކްގްރައުންޑެކެވެ.

އެންމެ ކުޑައިރުއްސުރެ އެފަދަ ކަންކަމަށް ޝައުގުވެރިކަން އުފެދުނީ ކީއްވެކަން ހުސައިންއަށް ވެސް ނޭނގެއެވެ. ނަމަވެސް ޔަގީންވާ ކަމަކީ އެއީ އެންމެ ކުޑައިރު ވެސް ހުސައިންގެ "ޕެޝަން" ކަމެވެ. އަދި މިއަދު އޭނާގެ "ޕްރޮފެެޝަން" ކަމެވެ.

ގދ.ތިނަދޫއަށް އުފަންވި ނަމަވެސް ވަރަށް ޅަ އުމުރެއްގައި މާލެއަށް ބަދަލުވި ގޮތަށް ހުސައިން ދިރިއުޅެނީ މާލޭގައެވެ. އޭނާގެ ތައުލީމީ ހަޔާތުގެ ބޮޑުބައެއް ހޭދަކުރީ މަޖީދިއްޔާ ސުކޫލުގައެވެ. މަޖީދިއްޔާއިން ގުރޭޑް 10އަކާ ހަމައަށް ކިޔެވުމަށްފަހު މަތީ ސާނަވީ ތައުލީމު ހާސިލު ކުރީ ސެންޓަރ ފޯ ހަޔަރ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިންނެވެ.

އެއަށްފަހު މެލޭޝިއާގެ ކޮލެޖަކުން އޭނާ މެކޭނިކަލް އިންޖިނޭރިންގެ ޑިޕްލޮމާއެއް 2002ވަނަ އަހަރު އޭނާ ހާސިލު ކުރިއެވެ.

"އެއީ މެކޭނިކަލް އިންޖިނޭރިން. އައި ތޯޓު އައި ވޯޒް މޯރ އިންޓު މެކޭނިކަލް އިންޖިނޭރިން. ދެން އެކަމު މެކޭނިކަލް އިންޖިނޭރިން ހަދާފަ އައިސް ފަހުން އިލެކްޓްރޯނިކް ބަޔަށް ބޮޑަށް ޕުޝް ކުރެވުނީ" ހުސައިން ކިޔައިދިނެވެ.

އެއަށްފަހު އޭނާ އިލެކްޓްރިކް އިންޖިނޭރިން ކޯސް ފުރިހަމަ ކުރީ އިނގިރޭސިވިލާތުގެ އިސް ލަންޑަން ޔުނިވާސިޓީގައެވެ. އަދި އެއަށްފަހު ޔޫއެސްގެ ޕޮލީ ސްޓާރ ޔުނިވާސިޓީން މާސްޓާސް އޮފް ޕަވާރ ސިސްޓަމް މެނޭޖްމަންޓު ފުރިހަމަ ކުރިއެވެ. އަދި އޭނާ ވަނީ މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ވެސް ފުރިހަމަ ކޮށްފައެވެ.

އުރީދޫގައި 11 އަހަރު، ގިނަ ތަޖުރިބާތަކެއް!

ހުސައިން އެންމެ ފުރަތަމަ އުރީދޫއާ ގުޅުނީ 2010ވަނަ އަހަރުގެ ކުރީ ކޮޅުގައެވެ. އޭރުގައި އެއީ ވަތަނިއްޔާއެވެ. ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭންފެށި ދެ ވަނަ ކުންފުނި ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ރީބްރޭންޑްކޮށް، އެ ކުންފުނީގެ ނަން "އުރީދޫ މޯލްޑިވްސް"އަށް ބަދަލު ކުރީ 2013ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23ގައެވެ. އެއީ އެ ކުންފުނިން ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދެމުން އަންނަތާ އަށް އަހަރު ފަހުންނެވެ.

އޭނާ އެންމެ ފުރަތަމަ އުރީދޫއާ ގުޅުނީ ޕަަވާރ ސިސްޓަމްސް ސީނިއާ އިންޖިނޭރެއްގެ މަގާމަށެވެ. އޭނަ ކިޔައިދިން ގޮތުގައި ހުސައިން އެންމެ ބޮޑަށް ޝައުގުވެރިކަން ހުރި ދާއިރާއަކީ ޓެލެކޮމިއުނިކޭޝަން ޕަވާރގެ ދާއިރާއެވެ.

" ޓެލެކޮމިއުނިކޭޝަން ޕަވާރ އަކީ އެހެން ޕަވާރ އޭރިއާސްއާ ކުޑަކޮށް ތަފާތު އެއްޗެއް. މިސާލަކަށް ސްޓެލްކޯ ކަހަލަތަނެއްގައި ވޯކް ކުރާ މީހަކު ވެއްޖިއްޔާ އެއީ ޑީސަލް ޕަވާރ ނޫނީ އެކަހަލަ އެއްޗެއް. މިސާލަކަށް އެހެން އޭރިއާއަކަށް ދަންޏާ ސްޕެޝަލައިޒް ވާނީ އެ އޭރިއާއަކަށް. އެކަމަކު ޓެލެކޮމް އޭ ބުނެއްޖިއްޔާ ޓެލެކޮމްގަ ހުންނާނީ ހަމަ ހޯލް ލޭންޑްސްކޭޕް އެެއްކޮށް ކަވާރ ކުރާނެ," ހުސައިން ކިޔައިދިނެވެ

ހުސައިން ޑާޓާ ސެންޓަރުގެ ތެރޭގައި މަސައްކަތް ކުރަނީ -- ސަންފޮޓޯ/ ފަޔާޒް މޫސާ

އުރީދޫއާ ގުޅުނީ ކީއްވެކަން ކިޔައިދެމުން ހުސައިން އިތުރަށް ބުނީ އުރީދޫއަކީ ޗެލެންޖުތައް ނަގާ އެ ޗެލެންޖުތައް "އެގްޒެކިއުޓް" ކުރާ ބައެއް ކަމަށެވެ. އެގޮތުން އާ ކަންތައްތައް ބަލާ، އާ ކަންތައްތައް ތަޖުރިބާ ކުރުމަކީ އުރީދޫއިން އަބަދުވެސް ކުރާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރިއެވެ.

" އެންމެ ފުރަތަމަ ޖޮއިން ކޮށްފަ ވެސް. އޭރުގައި ސޯލާ ފުޓްޕްރިންޓަކީ އަކީ ރާއްޖޭގައި އެހާ އާއްމު އެއްޗެއް ނޫން. ނުވެސް ހުރޭ އޭރުގައި. ހަމަ އެކަން އެންމެ ފުރަތަމަ އެސްޓަބްލިޝް ކުރީ. އޭރުގައި މެނޭޖްމަންޓުން ބޭނުންވީ ސޯލާ ނޫނީ ރިނިއުބަލް އެނާޖީ އުރީދޫގެ ނެޓްވޯކް ތެރޭ ވެސް ޑިވަލޮޕް ކުރަން،" އުރީދޫގައި ފުރަތަމަ ކުރެވުނު ތަޖުރިބާތައް ހިއްސާ ކުރަމުން ހުސައިން ކިޔައިދިނެވެ.

ޑޭޓާ ސެންޓަރ، މިހާތަނަށް ކުރެވުނު އެންމެ ހިތްހަމަ ޖެހޭ މަސައްކަތް!

ޑޭޓާ ސެންޓަރުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ތަންތަން ކަމުގައި ވިޔަސް މިއީ ރާއްޖެއަށް މުޅިން އާ ކަމެކެވެ. އުރީދޫއިން ރާއްޖެއަށް ޑޭޓާ ސެންޓަރެއް މިހާރު ތައާރަފް ކޮށްފައިވާއިރު އެ މަސަައްކަތުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވާ އެއް ފަރާތަކީ ހުސައިންއެވެ. ޑާޓާ ސެންޓަރުގެ ސީނިއާ މެނޭޖަރެއްގެ މަގާމުގައި ހުރި ހުސައިން ބުނި ގޮތުގައި ޑާޓާ ސެންޓަރުގެ މަސައްކަތަކީ މިހާތަނަށް އުރީދޫއާއެކު ކުރެވޭ އެންމެ ހިތްހަމަޖެހޭ މަސައްކަތެވެ.

ހުސައިން އުރީދޫ ޑާޓާ ސެންޓަރު ތެރޭގައި -- ސަންފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ މޯލްޑިވްސްގެ ޑޭޓާ ސެންޓަރަކީ ޓިއަރ-3 ސެޓިފިކޭޝަން ރެޑީ، ފުޅާ ދާއިރާއެއްގެ ހިދުމަތްތަކެއް ލިބިގެންދާނެ ސެންޓަރެއްކަމަށެވެ. މި ސެންޓަރު ގާއިމް ކުރެވިފައިވަނީ ތަނަވަސް ސްޓޯރޭޖް ކެޕޭސިޓީއަކާއެކު 7/24 މަސައްކަތްކުރާ ހައި ސެކިއުރިޓީ ސިސްޓަމް، ފިނި ހޫނުމިން ބެލެހެއްޓޭ ސިސްޓަމްތަކާއި، ވަރުގަދަ ޕަވަރ ބެކަޕަކާއެކު ގާއިމްކުރެވިފައިވާ ސެންޓަރެކެވެ. މި އިމާރާތް ބިނާކޮށްފައިވަނީ ކާރިސާތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ބަލާ ރައްކާތެރިވުމަށް އަޅަންޖެހޭ ވަރުގަދަ ފިޔަވަޅުތަކާއެކުއެވެ. މީޑިއަމް އެންޑް ހައި ޑެންސިޓީ ރެކްސްޕޭސްއާއެކު، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑޭޓާ ހޮސްޓު ކުރެވޭނެ ކަމުގައެވެ.

ކަރަންޓްގެ ކުއްލި ހާލަތެއް ދިމާވި ކަމުގައި ވިޔަސް ސެންޓަރުގެ ޕަވަރ ބެކަޕް މެދުވެރިކޮށް 14 ދުވަހު ހިދުމަތް ފޯރުކޮށްދެވޭނެއެވެ. އުރީދޫ މޯލްޑިވްސްއިން ގާއިމްކުރި މި ސެންޓަރުގައި ކުންފުނިތަކަށް ހާއްސަ އުރީދޫގެ ޚިދުމަތްތައް ތަޖުރިބާކޮށް ބަލާލުމަށް ޑެމޯ ރޫމެއްވެސް ވަނީ ގާއިމްކޮށްފައެވެ.

އުރީދޫ ޑާޓާ ސެންޓަރު -- ސަންފޮޓޯ/ ފަޔާޒު މޫސާ

ހުސައިން ކިޔައިދިން ގޮތުގައި ޑާޓާ ސެންޓަރުގެ އެންމެ ބޮޑު ބޭނުމަކީ ކުދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ފުޅާ ދާއިރާގައި ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ޑާޓާ ސެންޓަރުގެ ބޭނުން ހިފޭނެ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ހުސައިން ކިޔައިދިން ގޮތުގައި ޑޭޓާ ސެންޓަރު ތަރައްގީ ކުރަނީ ދުނިޔޭގެ ފެންވަރުގައި ގަބޫލު ކުރާ ސްޓޭންޑާޑަށެވެ. އެ މަސައްކަތް ގާތްގަނޑަކަށް ނިންމާލެވިފައިވާއިރު ދެން އޮތީ ސެޓިފިކޭޝަން ޕްރޮސެސްކަމުގައި އޭނާ ކިޔައިދިނެވެ.

"އެކަން ކުރެވިފައި އޮތީ މިހާރު. އެކަން ކޮށްފަ ސެޓިފިކޭޝަން އޮން ޕްރޮސެސްގައި މިހާރު. އަޕްޓައިމް އިންސްޓިޓިއުޓުން ކުރިއަށް އޮތް ދެމަހެއްގެ ތެރޭގަައި ސެޓިފިކެޓް ރިލީޒް ކުރާނެ" ހުސައިން ކިޔައިދިނެވެ.

ޑޭޓާ ސެންޓަރުގެ އޮޕަރޭޝަންސްއާ މިހާރު ހަވާލުވެ ހުރީ ހުސައިންއެވެ.

ކޮވިޑް ތެރޭގައި ވެސް ޑޭޓާ ސެންޓަރުގެ މަސައްކަތުގައި!

މަސައްކަތްތަކުގައި ކުރިމަތިވި ގޮންޖެހުންތައް ކިޔައިދެމުން ހުސައިން ބުނީ ޑޭޓާ ސެންޓަރުގެ މަސައްކަތުގައި އެންމެ ބޮޑަށް ކުރިމަތިވި ގޮންޖެހުމަކީ ކޮވިޑް ކަމަށެވެ. އެ ސެންޓަރުގެ މަސައްކަތް ކުރަމުން ދަނިކޮށް ކޮވިޑްގެ ބަލިމަޑުކަން ރާއްޖޭގެ ގޮނޑުދޮށަށް ބިންދާލުން ވީ ވަރަށް ވެސް ބޮޑު ގޮންޖެހުމަކަށެވެ.

" ތާރީހެއް ކަނޑައަޅައިގެން އަޅުގަނޑުމެން މަސައްކަތް ކުރީ. ދެން ޕްރޮޖެކްޓެއްގައި މަސައްކަތް ކުރާއިރުގައި ޑޭޓްއަކީ ކިޔުމަށްފަހުގައި ދެން ކޮވިޑެއް އެހެން އެއްޗެއް ނޯންނާނެ. ވަންސް ކޮމިޓެޑް އެ ތާރީހަކަށް ޖެހޭނެ ނިންމަން" ހުސައިން ކިޔައިދިނެވެ.

ކޮވިޑް-19ގެ ސަބަބުން ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ހުސައިންއާއި އޭނާގެ ޓީމުން މަސައްކަތް ހުއްޓައެއް ނުލައެވެ. ހިތްވަރު އެލުވައެއް ނުލައެވެ. ސަރުކާރުގެ އިދާރާތަކާއި އުރީދޫގެ މެނޭޖްމަންޓުގެ އެހީތެރިކަމާއެކު އެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އެ ޓީމުގެ މަަސައްކަތަށް ހުއްޓުމެއް ނާދެއެވެ.

"ޑޭޓާ ސެންޓަރުގެ އެކިއެކި ބައިތައް ތައްޔާރު ކުރުމާއި ފުލްފިލް ކުރުމަށް ބޭރުން ގެންނަން ޖެހޭ މީހުން ގެނައުން، އިޓް ވޯޒް އަ ބިގް ޗެލެންޖް. އިންޑިއާ ޗައިނާފަދަ ގައުމުތަކުން މީހުން ގެންނަން ޖެހުނު." އެ ދުވަސްވަރު ކުރިމަތިވި ގޮންޖެހުން ހުސައިން ކިޔައިދިނެވެ.

އުރީދޫ ޑާޓާ ސެންޓަރުގައި ހުސައިންއާއި އޭނާގެ ޓީމުން ކުރީ ބުރަ މަސައްކަތެއް -- ސަންފޮޓޯ/ ފަޔާޒު މޫސާ

ޑޭޓާ ސެންޓަރުގައި ލޮކްޑައުން ވެގެން ވެސް ހުސައިންއާއި އޭނާގެ ޓީމުން މަސައްކަތް ކުރިއެވެ.

އަދިވެސް ބޭނުންވަނީ އާ ކަންކަން ތަޖުރިބާ ކުރަން!

އުރީދޫގައި އުޅެން އެންމެ ބޮޑަށް ހުސައިން ބޭނުންވާ އެއް ސަބަބަކީ އާ ކަންކަން ތަޖުރިބާ ކުރުމަށް އުރީދޫއިން ދޭ އިސްކަމެވެ. އުރީދޫއިން އެފަދަ ކަންކަމަށް ހުޅުވާލާ ފުރުސަތުތަކެވެ.

" ސޯ އައި ކޭން ސީ މެނީ ނިއު ތިންގްސް. އެއީ ކުރިއަށް އޮތްތަނުގައި ކުރާ އުއްމީދަކީ" ހުސައިން ކިޔައިދިނެވެ.

ހުސައިން ބުނީ ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ އާ ކަންތައްތަކެއް ރައްޔިތުންނާ ހަމައަށް ވެސް ގެނެވޭނެ ކަމަށާއި ނަމަވެސް މިހާރު އެކަންކަން ހާމަ ކުރެވެން ނެތް ކަމަށެވެ. އަދި އުރީދޫއާއެކު އޭނާގެ ދަތުރު އޮތީ ކުރިއަށް ކަމަށާއި މިހާރު އުރީދޫއަކީ އޭނާގެ ދެވަނަ އާއިލާއަށް ވެއްޖެ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ހުއްޓުމެއް ނެތް ޝުކުރު އުރީދޫގެ މެނޭޖްމަންޓަށް!

މަސައްކަތުގެ މާހައުލުގައި އުރީދޫގެ މެނޭޖްމަންޓުގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ހުސައިން ފާހަގަ ކުރިއެވެ. ހުސައިން ބުނީ މަސައްކަތުގެ މާހައުލުގައި ބައެއް ފަހަރަށް މައްސަލަ ވެސް ޖެހޭނެ ކަމަށެވެ. ހިތްހަމަ ނުޖެހޭ ކަންކަން ވެސް ދިމާވާނެ ކަމަށެވެ. އެހެން ނަމަވެސް ކުރިއެރުމުގައި އުރީދޫއިން ވެދޭ އެހީއަކީ އޭނާ އަބަދުވެސް ފާހަގަ ކުރާނެ ކަމެއް ކަމުގައި ހުސައިން ބުންޏެވެ.

" މި ސްޓޭޖްއަށް އައުމުގައި އުރީދޫގެ މެނޭޖްމަންޓުގެ ރޯލް ވަރަށް ބޮޑު. އާއިލާ އޮފްކޯޒް އަބަދުވެސް ތިބޭނެ "

comment ކޮމެންޓް