ދައްޕަރު އަނބުރާ ހޯދަން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

"ސޭވް ދައްޕަރު" ޕެޓިޝަން ހަވާލުކުރުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ-- ފޮޓޯ/ ސަން

ހއ. ފިއްލަދޫ ކައުންސިލަށް އެންގުމެއް ނެތި އެ ރަށުގެ އިހުތިސޯސުގެ ދަށުން ހއ. ދައްޕަރު ނަގާފައިވާތީ އެކަން ބަދަލުކޮށް، ދައްޕަރު އަނބުރާ ރައްޔިތުންނަށް ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ފިއްލަދޫ ރައްޔިތުން އިސްވެ އުފައްދާފައިވާ "ސޭވް ދައްޕަރު" ޓީމުން އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ ހަވާލުކުރީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.

ޕެޓިޝަން ހަވާލުކުރުމަށްފަހު އެ ޓީމުން ބުނީ އެއީ ރައްޔިތުންނަށް ދައްޕަރު އަނބުރާ ހޯދައިދިނުމަށް ހުރިހާ ރައްޔިތުންގެ ފަރާތުން ހުށަހަޅާ ޕެޓިޝަނެއް ކަމަށެވެ.

ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިހްތިސޯސްގެ ދަށުން ނަގާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައި، އާންމުކުރެއްވި ގަރާރަކުންނެވެ.

އޭގެ ސަބަބުން މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ ފިއްލަދޫ ރައްޔިތުން ބޭނުންވަނީ ފިއްލަދޫގެ އިހުތިސޯސްގެ ތެރޭގައި ދައްޕަރު އޮވެގެން އެތަން ތަރައްގީކޮށް، ސީދާ ރައްޔިތުންނަށް މަންފާ ލިބުމަށް ކަމަށެވެ.

ފިއްލަދޫ ރައްޔިތުން ވަނީ ދައްޕަރު ނަގަން ސަރުކާރުން ނިންމި ނިންމުން މުރާޖައާ ކުރަން ރައީސް ސޯލިހަށް ގޮވާލާފައެވެ.

"ސޭވް ދައްޕަރު" ޓީމުން ވަނީ ރައީސް ސޯލިހަށް ވެސް ޕެޓިޝަނެއް ހުށަހަޅަން ނިންމާފައެވެ. އެ ޓީމުން ބުނީ މާދަމާގެ ވަގުތެއްގައި އެ ޕެޓިޝަން ރައީސް އޮފީހަށް ހުށަހަޅާނެ ކަމަށެވެ.

އާދަޔާހިލާފު ރީތިކަމެއް ލިބިގެންވާ ހއ. ދައްޕަރަކީ ރާއްޖޭގެ އެންމެ އުތުރަށް އޮންނަ އަތޮޅުގައި ހިމެނޭ ފިއްލަދޫއާ ގުދުރަތީ ގޮތުން ގުޅިފައިވާ، ބިން ބޮޑު ރަށެކެވެ. ފިއްލަދޫއާ ބިމުން ގުޅިފައި އޮތް ނަމަވެސް، ދައްޕަރު އޮންނަނީ ވަކި ރަށެއްގެ ގޮތުގަ އެވެ.

ފިއްލަދޫ ކައުންސިލްގެ އިހުތިސޯސްއިން ދައްޕަރު ނެގުމާ ހަމައިން ވެސް އެ ރަށުގެ ރައްޔިތުން އައީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަމުންނެވެ.

comment ކޮމެންޓް