ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ނެންގެވިކަމަށް ވިދާޅުވެ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކައަކީ އެއްވެސް އަސާސެއްނެތް ވާހަކައެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވާ އަލީ ވަހީދު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި މިހާރުގެ ރައީސް ސޯލިހް ކަޅު ދަބަހުގައި 35 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެންދެވި ކަމަށެވެ.
އެކަމާ ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ ރައީސް ކޮމްޕްރޮމައިޒް ވާނޭ ފަދަ ވާހަކައެއް ނުވަތަ ހެއްކެއް ނޯންނާނެ ކަމަށް މީގެ ކުރިން ވެސް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއްގެ ހެއްކެއް އޮތް ނަމަ ހާމަކުރައްވަން ރައީސް އެދިވަޑައިގެންނެވި ކަން ވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.
މަބްރޫކް ވިދާޅުވީ އަލީ ވަހީދު މިނިސްޓަރުކަމުގައި ހުންނެވިއިރު އެ ވާހަކަ ނުދައްކަވައި، މިހާރު އެ ވާހަކަތައް ދެއްކެވުމުން އެކަމާ ބެހޭ ގޮތުން ސުވާލު އުފެދޭ ކަމަށެވެ.
"އަލީ ވަހީދު ދައްކަވަނީ އަސާސެއް ހުރި ވާހަކައެއް ނޫން، ހެއްކެއް ނޯންނާނެ. ހެކި އޮތިއްޔާ އަވަހަށް ދައްކަވާ،" މަބްރޫކް ވިދާޅުވިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިދިކޮޅަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފައެވެ.
އެގޮތުން އަލީ ވަނީ އޭނާ ޖިންސީ ގޯނާ ނުކުރައްވާ ކަމަށާއި އެ މައްސަލާގައި އޭނާ ފްރޭމްކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފައިއެވެ. އަދި އޭނާ ފްރޭމް ކުރީ ސީދާ ރައީސް އޮފީހުގެ އޯޑަރަށް ކަމަށްވެސް އަލީ ވަހީދު ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން އަލީގެ މައްޗަށް އެ ތުހުމަތުތައް ކުރީ އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް ނިސްބަތްވާ މިނިސްޓަރުން ކެބިނެޓުން ބޭރު ކުރުމަށް ކަމަށް އަލީ ވިދާޅުވިއެވެ.