ގައުމީ ޓީމު ގަތަރުގައި ދެމެޗު ކުޅެން ހަމަޖައްސައިފި

ގައުމީ ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން---ފޮޓޯ: އެފްއޭއެމް

އަންނަ މަހުގެ އެކަކުން 16އަށް މާލޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކޭމްޕުކޮށްފައިވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ ދެމެޗު ކުޅެން ހަމަޖައްސައިފިއެވެ.

އެގޮތުން މިއަދު ދޯހާގައި ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ގައުމީ ޓީމު ވާދަކުރާނީ ގަތަރުގެ ދެވަނަ ޑިވިޝަންގެ ލުސައިލް އެފްސީއާއެވެ. ދެވަނަ މެޗު ރާއްޖެއިން ކުޅޭނީ އަންނަ ހޮނިހިރު ދުވަހު، ގަތަރުގެ އާމީ ނެޝެނަލް ޓީމާ ދެކޮޅަށެވެ.

މީގެ ކުރިން ރާއްޖެއިން ތިންވަނަ މެޗެއްވެސް ކުޅެން ހަމަޖެހިފައި އޮތެވެ. އެއީ ސްރީ ލަންކާގެ ގައުމީ ޓީމާއެކު ކުޅެން އޮތް މެޗެކެވެ. ނަމަވެސް ލަންކާ ޓީމު ގަތަރުގައި ކޭޕްމު ކުރުމަށް ވިސާ ހަމަނުޖެހުމުގެ ސަބަބުން އެގައުމު މިހާރު ވަނީ ސައުދީ އަރިބިއާގައި ކޭމްޕުކޮށްފައެވެ. ލަންކާއަށް ގަތަރުގެ ކޭމްޕު ހަމަނުޖެހުނީ ލަންކާގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ.

ރާއްޖެގެ އިތުރުން ނޭޕާލްވެސް ވަނީ ގަތަރުގައި ކޭމްޕުކޮށްފައެވެ. ނޭޕާލްއިން އިންޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅެފައިވާއިރު ބަންގްލަދޭޝް ވަނީ ކްރިގިސްތާނުގައި އެކުވެރިކަމުގެ ތިން މެޗު ކުޅެފައެވެ.

އަންނަ މަހުގެ އެކެއްގައި ބާއްވާ ސާފް މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ނިކުންނަނީ ނޭޕާލްއާ ދެކޮޅަށެވެ. އަދި ހަތް ވަނަ ދުވަހު ބާއްވާ ދެވަނަ މެޗުގައި ރާއްޖެއިން ބަންގްލަދޭޝްއާ ކުރިމަތިލާ އިރު ތިން ވަނަ މެޗުގައި ރާއްޖެ ވާދަކުރާނީ ލަންކާއާއެވެ. އެއީ 10 ވަނަ ދުވަހުގެ ހަވީރު ގަޑީގައިއެވެ. އަދި 13 ވަނަ ދުވަހުގެ ރޭ ބާއްވާ ފަހު މެޗުގައި ރާއްޖެ ބައްދަލު ކުރާނީ އިންޑިއާއާއެވެ.

comment ކޮމެންޓް