ބީއެމްއެލް އިސްލާމިކް އިން ހިޔާ ފްލެޓަށް ފައިސާވެސް ދޫކުރާނެ!

ބީއެމްއެލްގެ އިިސްލާމިކް ބޭންކިން ޑިވިޝަންގެ އިންޓެރިމް އިންޗާޖް ހަސަން ކަލާމް -- ފޮޓޯ: ބީއެމްއެލް

ހޯމް އިމްޕްރޫވްމަންޓަށް ބޭނުންވާ ފައިސާ ސްކީމް ފަސޭހައިން އާންމުންނަށް ނެގޭނެ ފުރުސަތުތަކެއް ބޭންކް އޮފް މޯލްޑިވްސްގެ ބީއެމްއެލް އިސްލާމިކުން ހުޅުވާލައިފިއެވެ.

ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންއަކީ ސޯޝަލް ހައުސިންގެ ދަށުން ލިބިފައިވާ ފްލެޓް ނިންމުމަށާއި މަރާމާތުކޮށް އަދި އެތަނަށް ބޭނުންވާ ތަކެތި ގަތުމަށް، ސޯޝަލް ހައުސިން ލިބިފައިވާ ފަރާތްތަކަށް ހާއްސަ ކުރެވިގެން ދޫކުރާ ފެސިލީޓިއެކެވެ. މި ފެސިލިޓީއަކީ ރަހުނަކާ ނުލާ ދޫކުރާ ފެސިލިޓީއެކެވެ.

ބީއެމްއެލް އިިސްލާމިކް ބޭންކިން ޑިވިޝަންގެ އިންޓެރިމް އިންޗާޖް ހަސަން ކަލާމް "ސަން"އަށް ވިދާޅުވީ މި ފެސިލިޓީއަކީ އިސްލާމިކް ބޭންކިންގައި ބޭނުންކުރާ މުރާބަހާއެއްގެ އިތުރުން ޑިމިނިޝިން މުޝާރަކާ އަދި ސާވިސް އިޖާރާ އުސޫލުތަކުގެ ދަށުން ފޯރުކޮށްދެވޭ ފެސިލިޓީއެއް ކަމަށެވެ.

ބީއެމްއެލްގެ އިިސްލާމިކް ބޭންކިން ޑިވިޝަންގެ އިންޓެރިމް އިންޗާޖް ހަސަން ކަލާމް "ސަން"އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ބީއެމްއެލް

އޭނާ ވިދާޅުވީ ފައިނޭންސިންގެ ދަށުން މުދަލާއި ނަގުދު ފައިސާ ވެސް ލިބޭނެ ކަމަށާއި އަމިއްލައަށް އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ ކަމަށެވެ. ހަމައެއާއެކު ފްލެޓް ނުވަތަ އެޕާޓްމަންޓްގެ ވެރިފަރާތާއެކު އިތުރު ފަރާތެއް ފައިނޭންސިންގައި ބައިވެރިކުރަން ބޭނުންނަމަ އެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގެ ދަށުން ކޮންމެ ފެސިލިޓީއަކަށް ވެސް ފައިސާ ދޫކުރަނީ ޕްރޮޖެކްޓަކަށް 150،000 ރުފިޔާއާ ހަމައަށެވެ. އަދި ފައިސާ ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

ނަމަވެސް އިސްލާމިކް ފައިނޭންސްގެ އުސޫލުތަކުގެ ދަށުން ފެސިލިޓީގެ މުއްދަތުގެ ކުރިން އަވަހަށް ފައިސާ ދައްކައި ހަލާސްކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އަވަހަށް ފައިސާ ދައްކާ ހަލާސް ކުރާނަމަ ބޭންކުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ޑިސްކައުންޓް ދޭނެ ކަމަށް ކަލާމް ވިދާޅުވިއެވެ.

މީގެ އިތުރުން ފްލެޓް ނުވަތަ އެޕާޓްމަންޓްގެ ވެރިފަރާތާއެކު އިތުރު ފަރާތެއް ފައިނޭންސިންގައި ބައިވެރިކުރަން ބޭނުންނަމަ އެ ފުރުސަތު ވެސް ލިބޭނެއެވެ. އަދި ފްލެޓްގެ ވެރިފަރާތް ފައިނޭންސިންއަށް ޝަރުތު ހަމަނުވާނަމަ، އެތަނުގެ ވެރިފަރާތާއި އާއިލީ ގޮތުން ގުޅުން ހުރި ފަރާތަކަށް މި ފައިނޭންސިންއަށް އެދި ހުށަހެޅޭނެއެވެ.

އާއިލާގެ މެމްބަރުންގެ ގޮތުގައި ފެސިލިޓީގައި ބައިވެރި ކުރެވޭނީ މަންމަ، ބައްޕަ އަދި ކައިވެނީގެ ގޮތުން ގުޅުންހުރި ފަރާތްތަކުގެ އިތުރުން އެއްބަނޑު އެއްބަފާ މީހުންނާއި ދަރިންނެވެ. އަދި މާމަ ނުވަތަ ކާފަ އަދި މާމަ ނުވަތަ ކާފަ ދަރިންނަށެވެ.

ކަލާމް އިތުރަށް ވިދާޅުވީ ސޯޝަލް ހައުސިންގެ ދަށުން އަތޮޅުތެރޭގައި ދޫކޮށްފައިވާ ތަންތަނަށް ވެސް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންއަށް އެދި ހުށަހެޅޭނެ ކަމަށެވެ.

މި ފެސިލިޓީއަށް އެދި، އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު މާލެއިންނަމަ ހުށަހަޅާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗަށެވެ. އަދި މާލެއިން ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއް ނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް ފޯމު ހުށަހެޅޭނެއެވެ.

comment ކޮމެންޓް