ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުންދާ ފިޔަވަތީގައި ދިރިއުޅެމުންދާ ގިނަ ކުދިން ނަފްސާނީ ބަލި މަޑުކަމެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު އޮތް ކަމަށް އެޗްއާރްސީއެމް އާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ފިޔަވަތީގެ މައްސަލައާ ގުޅިގެން ތައްޔާރު ކުރި ރިޕޯޓުތަކުން ހާމަވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ރިފޯޓުތަކުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކަށް އަލިއަޅުވާލައްވައިފައި ވެއެވެ.
އެގޮތުން ފިޔަވަތީގައި މި ވަގުތު ދިރިއުޅެމުން ދާ ބައެއް ކުދިންގެ ފަރާތުން ނަފްސާނީ ބަލި މަޑުކަމުގެ އަސަރު ފެންނަން ހުރި ކަމަށާއި މިކަމުގެ ސަބަބުން އެހެން ކުދިންނަށް ވެސް އަސަރު ކޮށްފާނެ ކަން ވަނީ ހާމަ ކޮށްފައެވެ.
މީގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ބައެއް ކުދިން ތިބި ކަމަށް ވީނަމަވެސް ކުދިންގެ އަދަދާއި މުއައްޒަފުންގެ އަދަދު ނުބައްދަލުވުމުގެ ސަބަބުން އެ ކުދިންނަށް ވެސް ދޭންވާ އެކަށީގެންވާ އަޅާލުން ނުދެވޭ ކަމަށް ރިޕޯޓްގައި ވެއެވެ. މިކަމުގެ ސަބަބުން އެހެން ކުދިންގެ އުޅުމަށްވެސް ބޮޑެތި ބަދަލުތަށް އަންނަމުންދާކަން ވަނީ ފާހަގަ ކޮށްފައެވެ.
ރިޕޯޓުގައި އިތުރަށް ހާމަކޮށްފައިވަނީ އެކި އުމުރުފުރާގެ ކުދިންނަށް ތަންފީޒު ކުރަން ޖެހިފައިވަނީ އެކިއެކި ގާނޫނުތައް ކަމުގައެވެ. ނަމަވެސް ހުރިހާ ކުދިންހެން ވަކި އުމުރު ފުރާއަކަށް ބެލުމެށް ނެތި ތޮއްޖެހިގެން ދިރިއުޅެން ޖެހިފައިވުމުން ގާނޫނުތައް ތަންފީޒުކުރުމުގައި ވެސް ދަތިތަކެއް ހުރި ކަމަށް ވެސް މި ރިޕޯޓުން އެނގެއެވެ.