އިޓަލީގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި މީހާގެ ހަށިގަނޑު ރާއްޖެ ގެންނަން މަސައްކަތް ކުރަމުން އަންނަކަމުގައި އާއިލާއިން ބުނެފިއެވެ.
އިޓަލީ މީހަކާ އިނދެގެން އުޅުނު ހދ. ނޮޅިވަރަމްފަރު، ވައިމަތީގޭ މަހުމޫދު އިމާދު، 44، އޭނަ ދިރިއުޅުނު ގޭގެ ބަގީޗާތެރޭގައި ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ މައިދައިތައަށެވެ. އޭނާ މަރާލި ކަމަށް އާއިލާގެ ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
"ސަން"އާ ވާހަކަ ދައްކަމުން އިމާދުގެ އާއިލާއިން ބުނީ އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްދިނުމަށް ފޮރިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. އަދި ބޭނުންވަނީ އިމާދުގެ ހަށިގަނޑު ގެނެސް ރާއްޖޭގައި ވަޅުލަން ކަމަށް ވެސް އާއިލާއިން ބުނެއެވެ.
އާއިލާއިން އިތުރަށް ބުނީ އިމާދުގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އާއިލާއިން ބުނާ ގޮތުގައި އިމާދުގެ ފޯނު އޮތީ ޗިސްޗިސްކޮށްލައިފައެވެ.
މިކަމާ ގުޅިގެން އާއިލާއިން ޝައްކު އުފައްދާ ކަންތައްތަކެއް އެބަހުއްޓެވެ.
އިމާދު އިޓަލީ މީހަކާ އިނދެގެން އުޅޭތާ 10 އަހަރު ވެއްޖެއެވެ. މީގެ ކުރިން ސަފާރީއެއްގައި މަސައްކަތްކުރި އިމާދު އިޓަލީއަށް ދިޔައީ ރަށުގައި ގެސްޓު ހައުސްއެއް އެޅުމުގެ މަސައްކަތުގައި އުޅުމަށްފަހު ނިމިދިޔަ މެއިމަހުއެވެ. އޭނާ މަރުވި އިރު އޭނާގެ އަންހެނުންނާއި ބަފައިބެ ހުރީ ނޮޅިވަރަންފަރުގައެވެ.