އައްޑޫސިޓީގައި ހިންގަމުން ގެންދިޔަ އޭޝިއަން އެކަޑެމީ އޮފް އޭރޯނިޓިކްސްގެ ފްލައިންގް ސްކޫލާ އެކު އެވިޑު ކޮލެޖުން ހަދައިފައިވާ އެއްބަސްވުން ބާތިލުކޮށްފިއެވެ.
މިއަދު އެވިޑް ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮލެޖުގެ ޗެއާމަން ޢަބްދުﷲ މުސްތާޤު ރަޝާދު ވިދާޅުވީ ޓްރިޕަލް އޭއާއި އެވިޑް ކޮލެޖާ ދެމެދު ވެފައިވާ އެއްބަސްވުން މިއަދުން ފެށިގެން ބާތިލް ކޮށްފައިވާނެ ކަމަށެވެ.
"މިއަދުން ފެށިގެން އައްޑޫ ފްލައިންގް ސޫކުލް ހިންގުމުގެ ނުވަތަ އެއްވެސް ކަމެއްގައި މުއާމަލާތް ކުރަން ޖެހޭ އެއްވެސް ދައުރެއް މިއަދުގެ މިގަޑިން ފެށިގެން އެވިޑް ކޮލެޖަށް ނޯންނާނެ،" މުސްތާޤު ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރިތާ ދެމަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް ކަމާބެހޭ އިދާރާތަކުން ފްލައިން ސްކޫލުގައި ތިބޭނެ ތަނެއް ވެސް ހަމަޖައްސައިދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ފްލައިން ސުކޫލުގެ ކިޔެވުން ނުފެށި ގިނަ ދުވަސްތަކެއް ވޭތުވެގެން ދިއުމުގެ ސަބަބުން 4.7 މިލިއަން ރުފިޔާގެ ގެއްލުމެއް އެވިޑަށް ލިބުނު ކަމަށް ވެސް މުސްތާޤު ވިދާޅުވިއެެވެ. ނަމަވެސް މި ގެއްލުން ފޫ ބައްދަން އަދި އެއްވެސް ގޮތެއް ރާވައިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެވިޑް ކޮލެޖުން ގަނެފައިވާ ފްލައިޓާ މެދު އަމަލުކުރާނެ ވަކި އުސޫލެއް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައެއްނުވެއެވެ. މިއަދު މެންދުރުފަހު 2:00 ގައި ފްލައިން ސްކޫލްގެ ދަރިވަރުންނާ ބައްދަލުކޮށް އެކަމާ ބެހޭ މައުލޫމާތު މުސްތާޤު ވަނީ ހިއްސާ ކުރައްވާފައެވެ.
"އަޅުގަނޑު ހަމަ ކޮޅު ނެތް ކޮޅަށް ދުވިން. އެކި ކޮޅު ކޮޅަށް. ގުޅަން ޖެހޭ ފަރާތްތަކަށްވެސް ގުޅިން. ވާހަކަވެސް ދެއްކިން. ބައްދަލު ނުކުރާ ފަރާތެއް ނޯންނާނެ،" މުސްތާޤު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފްލައިން ސްކޫލް ކުދިންގެ ހައްގު ހޯދައިދިނުމަށް ކުރެވުނު ހުރިހާ ކަމެއް އެވިޑް ކޮލެޖުން ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް އަލިމަގެއް ނުފެނުމުން އެެއްބަސްވުން އުވާލަން މަޖުބޫރު ވީ ކަމަށްވެސް މުސްތާޤު ވިދާޅުވިއެވެ.