ގަވައިދާ ޚިލާފަށް ލަންކާގައި ކޯސްތައް ހިންގާތީ، އެމްކިއުއޭއިން އެވިޑަށް ނަސޭހަތް ދޭތާ އަހަރެއް

އެވިޑް ކޮލެޖު، އެކްސްޕޯއެއްގައި: އެކްރެޑިޓޭޝަނާ ޚިލާފަށް ޕްރޮގްރާމުތަކެއް ލަންކާގައި ހިންގާތީ، އެވިޑު ކޮލެޖަށް ނަސޭހަތްދޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އެމްކިއުއޭއިން ވަނީ ބުނެފައި --- ފޮޓޯ/ އެވިޑް ކޮލެޖް

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ދޫކޮށްފައިވާ އެކްރެޑިޓޭޝަނާ ޚިލާފަށް އެވިޑު ކޮލެޖުން ލަންކާގައި ޕްރޮގްރާމުތަކެއް ހިންގާތީ، އެ ކޮލެޖަށް ނަސޭހަތްދީ، އެކަން އޮތޯރިޓީން މިއަދު އިއުލާންކޮށްފިއެވެ.

އެމްކިއުއޭއިން ކުރި އިއުލާނެއްގައި ބުނީ، އެ އޮތޯރިޓީއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމުތައް ރާއްޖޭން ބޭރުގައި ހިންގުމާ ބެހޭ ގަވައިދާ ޚިލާފަށް ލަންކާގެ "އެމަޒޯން ކޮލެޖު" އާއި "އަލްޒެޓް ޔުނިވާސިޓީ"ގައި ޕްރޮގްރާމުތައް ހިންގައި، ދަރިވަރުންނަށް އެވިޑު ކޮލެޖުގެ ސަނަދު ދީފައިވާ ކަމަށެވެ.

އެ ކަން އެމްކިއުއޭގެ ސަމާލު ކަމަށް އައީ، އެވިޑު ކޮލެޖުން ހިންގުުމަށް ހުއްދަ ދީފައިވާ ބައެއް ޕްރޮގްރާމުތައް, އެމަޒޯން ކޮލެޖާއި އަލްޒެޓު ޔުނިވާސިޓީގައި ފުރިހަމަކޮށް، ގްރެޖުއޭޓުވެގެން ހޯދާފައިވާ އެވިޑު ކޮލެޖުގެ ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އެ އިދާރާއަށް ހުށަހެޅުމުންނެވެ.

ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު:އެކްރެޑިޓޭޝަނާ ޚިލާފަށް ޕްރޮގްރާމުތަކެއް ލަންކާގައި ހިންގާތީ، އެވިޑު ކޮލެޖަށް ނަސޭހަތްދޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އެމްކިއުއޭއިން ބުނޭ -- ފޮޓޯ/ އެމްކިއުއޭ

އެ ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ދަރިވަރުންނާއި އެކި ގައުމުތަކުގެ ކޮލިފިކޭޝަންސް އެޖެންސީތަކުން ހުށަހެޅިއިރު، އެ ކަމާ ގުޅޭ މައުލޫމާތުތަކެއް އެވިޑުން ވަނީ އެމްކިއުއޭއާ ހިއްސާކޮށްފައެވެ.

އެމްކިއުއޭއިން ބުނީ، ސްރީލަންކާގެ "ޗެސްޓާ ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަން" އާއި "އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް" އާއި "އިނޮވޭޓަސް ކެމްޕަސް" އާއި "ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީޒް"ގެ އިތުރުން "ބިޓްވިން ކެމްޕަސް"ގައި އެވިޑް ކޮލެޖުގެ ޕްރޮގްރާމްތައް ސްރީލަންކާގައި ހިންގުމަށް އިޝްތިހާރުކޮށް އިއުލާނުކޮށްފައިވާ ކަން އެނގިފައިވާ ކަމަށެވެ.

މިގޮތުން، އެ ކަން ފާހަގަވީ، އެ އޮތޯރިޓީއަށް ލިބުނު މަޢުލޫމާތާއި އެ މަޢުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށްޓަކައި އެ އޮތޯރިޓީން ބެލިބެލުމުން ކަމަށް އެމްކިއުއޭއިން ވަނީ ބުނެފައެވެ.

"ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، މި ތަންތަނަކީ ސްރީލަންކާގެ ޔޫޖީސީ، ޓިވެކް އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަންގައި މަތީ ތަޢުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ތަންތަން ނޫންކަން،" އެމްކިއުއޭއިން އިތުރަށް ތަފުސީލުކޮށްދިނެވެ.

އެމްކިއުއޭއިން ބުނީ، އޮގަސްޓު 29، 2024އިން ފެށިގެން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އެކްރެޑިޓޭޝަން ދިން ގޮތާ ޚިލާފަށް ނުހިންގުމަށް ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގައި، ނަސޭހަތްތެރިވަމުން އަންނަ ކަމަށެވެ.

އޭގެ ފަހުން، މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ނަމަވެސް، މިއަދާ ހަމައަށް، އެ އޮތޯރިޓީގެ ހުއްދަ ހޯދުމަކާ ނުލައި މިކަން ކުރަމުން އަންނަކަން ލިބިފައިވާ މަޢުލޫމާތުތަކުންނާއި ލިޔެކިޔުންތަކާއި އެވިޑް ކޮލެޖުން އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފާހަގަކުރެވިފައިވާ ކަމަށް އެމްކިއުއޭއިން ވަނީ ބުނެފައެވެ.

އެމްކިއުއޭއިން ބުނީ، އެ ފަދަ ކަންކަމުގެ ނަތީޖާއަކަށް ވާނީ، ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މުއައްސަސާތަކާ މެދު ގާއިމުވެފައިވާ އިތުބާރާއި ޔަގީންކަމަށް އިޢާދަނުކުރެވޭފަދަ ގެއްލުންތައް ލިބެމުން ދިޔުން ކަމަށެވެ.

އެމްކިއުއޭގެ ބައްދަލުވުމެއްގެ ތެރެއިން ---- ފޮޓޯ/ އެމްކިއުއޭ

މިފަދަ ކަންކަމުގެ ސަބަބުން ދޭދޭ ގައުމުތަކުގެ މެދުގައި ދެމިއޮންނަ ގާތް އެކުވެރި ގުޅުމަށް ހީނަރުކަން އައުމަށް އެކަށީގެންވާ ކަން އެމްކިއުއޭއިން ފާހަގަކުރިއެވެ.

ވަކިން ޚާއްޞަކޮށް، މިފަދަ ގާވާޢިދާ ޚިލާފު ޢަމަލުތަކުގެ ސަބަބުން، ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް އެކަމުގައި ގެއްލުން ލިބި، އެކަމުގެ ނޭދެވޭ އަސަރުކޮށް ބައިނަލްއަގުވާމީ ދަރިވަރުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް އައުމަށް ފަސްޖެހި، ރާއްޖޭގެ ތަޢުލީމީ ފެންވަރާއި މިންގަނޑުތަކާމެދު ސުވާލު އުފެދި، ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ބައިނަލްއަގާވާމީ މަގުބޫލުކަން ގެއްލި، އެ ސަނަދުތައް ބަލައިނުގަތުމުގެ ކަންބޮޑުވުން އެބައޮތްމޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)

މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި އެ އޮތޯރިޓީގެ ހުއްދަ ނުހޯދާ ނުހިންގުމަށް ހުރިހާ މަރުކަޒުތަކަށް މިދިޔަ އަހަރުގެ ފެބްރުވަރީ 17ގައި އެމްކިއުއޭއިން ވަނީ އަންގާފައެވެ. އޭގެފަހުން ވަނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު ގެ ދަށުން، އޮތޯރިޓީގެ ހުއްދަ ހޯދައިގެން ޕްރޮގްރާމްތައް ހިންގަން އިލްތިމާސްކޮށްފައެވެ.

އެ ކަންކަމަށް ތަކުރާރުކޮށް އަމަލު ކުރުމަށް އެމްކިއުއޭއިން އެވިޑަށް އެންގިއެވެ. އެހެންވެ، އެކަމަށް އަމަލުކޮށްފައިނުވާ ކަމަށް ބުނެ، އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދުގެ ދަށުން، އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖަށް ނަސޭހަތްތެރިވާން އެމްކިއުއޭއިން ވަނީ ނިންމާފައެވެ.

މިދިޔަ ސެޕްޓެމްބަރު 10ގައި ގެޒެޓުކުރި އެ ގަވައިދުގެ ދަށުން، ދެވަނަ ފިޔަވަޅަކަށް އޮންނާނީ އެވިޑް ކޮލެޖް 8،000 ރުފިޔާއިން ޖޫރިމަނާކުރުމެވެ. އެއަށްފަހު 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

https://sun.mv/172327

ފާހަގަކުރެވޭ ގޮތުގައި، މީގެކުރިން ވެސް އެވިޑު ކޮލެޖުގެ މިފަދަ މައްސަލައެއް ފެންމަތިވިއެވެ. މިގޮތުން، އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ޚިލާފަށް ކޯސްތަކެއް ހިންގަން އެވިޑް ކޮލެޖުން އިޝްތިހާރު ކުރި މައްސަލައެއް ޑިސެމްބަރު 29، 2022ގައި ފެންމަތިވިއެވެ.

އެކަމާ ގުޅިގެން އޭރު އެވިޑުން ބުނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެކްރެޑިޓް ނުކުރާ ކޯހެއް އެވިޑް ކޮލެޖުން ނުހިންގާ ކަމަށާއި އެ ފަދަ ކޯހެއްކަމަށް ބުނެ ދައްކާ ވާހަކައަކީ ކޯހުގެ އިޝްތިހާރު ހެދުމުގައި ލިޔެވުނު ކުށެއް ކަމަށެވެ.

comment ކޮމެންޓް