ބަންގްލަދޭޝް ގައުމީ ޓީމަށް ނިއުގެ ކުރީގެ ކޯޗު އޮސްކާ

އޭއެފްސީ ކަޕުގެ ޕްރެސް ކޮންފަރެންސްއެއްގެ ތެރެއިން އޮސްކާ--- ސަން ފޮޓޯ: ފަޔާޒު މޫސާ

އަންނަ މަހުގެ އެކަކުން 16އަށް މާލެގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ބަންގްލަދޭޝް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް އެ ގައުމުގެ ޗެމްޕިއަން ބަޝުންދަރަ ކިންގްސްގެ ކޯޗު އޮސްކާ ބްރުޒޯން ހަމަޖައްސައިފިއެވެ.

ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ބަންގްލްދޭޝް ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް އޮސްކާ ހަމަޖެއްސީ ގައުމީ ޓީމުގެ ކޮމިޓީއިން ހުކުރު ދުވަހު ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.

އޮސްކާއަށް ކޯޗުކަން ހަވާލުކުރީ އެ މަގާމުގައި ހުރި އިނގިރޭސި ކޯޗު ޖޭމީ ޑޭ މަގާމުން ވަކިނުކޮށް ދެ މަސް ދުވަހަށް ކޯޗުގެ ޒިންމާއިން ދުކުރުކޮށްލުމަށް ފަހުއެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ބަންގްލަދޭޝް ގައުމީ ޓީމުން ކްރިގިސްތާނުގައި ބޭއްވި ޓްރެއިނިން ކޭމްޕުގައިވެސް ޓީމަށް އިރުޝާދު ދީފައިވަނީ ޑޭއެވެ. ކްރިގިސްތާނުގެ ކޭމްޕުގައި ބަންގްލަދޭޝް ގައުމީ ޓީމުން ވަނީ އެކުވެރިކަމުގެ ތިން މެޗު ކުޅެފައެވެ.

ބަންގްލަދޭޝް ފެޑެރޭޝަނުން ކުއްލިއަކަށް ޑޭ މަގާމުން ދުރުކުރީ ކްރިގިސްތާނުގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ބަންގްލަދޭޝް ގައުމީ ޓީމުން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ކަމަށް އެ ގައުމުގެ ބައެއް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. ޓްރެއިނިން ކޭމްޕުގައި ކުޅުނު ތިން މެޗުންވެސް ބަންގްލަދޭޝް ވަނީ ބަލިވެފައެވެ.

ސަރަހައްދުގެ ގިނަ ގައުމުތަކެއްގައި މަސައްކަތް ކޮށްފައިވާ އޮސްކާ ވަނީ މީގެ ކުރިން އިންޑިއާގެ ސްޕޯޓިން ގޯއާ، މުމްބާއީ ސިޓީގެ އިތުރުން މުމްބާއީ އެފްސީއަށް އިރުޝާދު ދީފައެވެ.

ރާއްޖޭގައި އޮސްކާ ވަނީ ނިއު ރޭޑިއަންޓާއެކު ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. ބަންގްލަދޭޝްގެ ބަޝުންދަރަ ކިންގްސް އާ 2018 ވަނަ އަހަރު އޮސްކާ ހަވާލުވިފަހުން އޭނާ ވަނީ ދެ އަހަރު ބަންގްލަދޭޝް ޕްރިމިއާ ލީގު ބަޝުންދަރައަށް ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އޮސްކާ ވަނީ 2019 އަދި 2020 ވަނަ އަހަރުގެ ފެޑެރޭޝަން ކަޕުވެސް ދިފާއުކޮށްފައެވެ.

comment ކޮމެންޓް