ފުވައްމުލަކުގައި އެކްޓިވް 46 ކޭސް، މޮނިޓަރިންއިން ނަގައިފި

ފުވައްމުލައް--

ތިން ހަފްތާއަށްވުރެ ގިނަ ދުވަހަށް ފަހު، ފުވައްމުލައް ސިޓީ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް މެންބަރު އިބްރާހީމް މުހައްމަދު "ސަން"އަށް ވިދާޅުވީ މޮނިޓަރިންގެ ހާލަތުން ނަގައިފައިވަނީ ބަލަން ޖެހޭ ކަންކަމަށް ބެލުމަށްފަހު، ރަށުގެ ހާލަތު ކުރިއަށް ވުރެ ރަނގަޅުވުމުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަށުގެ އާބާދީގެ ބޮޑު ބައެއް މިހާރު ވެކްސިން ވެސް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އެގޮތުން 90 އިންސައްތައަށް ވުރެ ގިނަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވާއިރު، 65 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މޮނިޓަރިންއިން ނެގިނަމަވެސް މިވަގުތު ވެސް އެރަށުގައި ބަލި ޖެހިފައިތިބި 46 މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި އިއްޔެ ޕޮޒިޓިވްވީ ހަތަރު މީހުން ވެސް ހިމެނެއެވެ.

ފުވައްމުލައް މޮނިޓަރިންއަށް ލައިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުގެ ރެއެވެ. މޮނިޓަރިންއަށް ލައިފައިވަނީ އޭގެ ކުރިން މޮނިޓަރިންއިން ނެގިތާ މާ ގިނަ ދުވަސް ނުވަނީސް، ރަށުގެ ހާލަތު ގޯސްވެގެންނެވެ. އޮގަސްޓު ފަސް ވަނަ ދުވަހު އެރަށް އޭރު މޮނިޓަރިން އިން ނެގިއިރު ރަށުގައި ބަލި ޖެހިފައި ތިބި 44 ތިއްބެވެ.

comment ކޮމެންޓް