ފަނޑިޔާރުންނަށް އަދުލުވެރިކަމާއެކު މަސައްކަތް ކުރެވޭނީ ސިޔާސީ މީހުން ޖޭއެސްސީން ބޭރުވީމަ: އަލީ ވަހީދު

އަލީ ވަހީދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގައި ފަނޑިޔާރުންނަށް އަދުލުވެރިކަމާއެކު މަސައްކަތް ކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސިޔާސީ މީހުން ބޭރު ކުރުމުން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ޓުވިޓާ މެދުވެރިކޮށް އެހެން ވިދާޅުވީ އޭނާ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގާނޫނާ ޚިލާފު ވުމުން އެގައުމުގައި ހައްޔަރުކޮށްފައި ވަނިކޮށެވެ. އޭނާ ވަނީ ބަންދުގައި ހުންނަވައިގެން މީގެ ކުރިންވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން މިއަދު އަލީ ވަހީދު ތުހުމަތު ކުރެއްވީ ދައުލަތުގެ އިހުމާލުގެ ސަބަބުން ރަނގަޅަށް ނުނިމޭ ކޮންމެ މައްސަލައެއް ފަނޑިޔާރުންގެ އިސްތަށިފުޅުގައި އަޅުވަން ޕީޖީ ޝަމީމް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ފަނޑިޔާރުންނަށް އަދުލުވެރިކަމާއެކު މަސައްކަތް ކުރެވޭނީ ޖޭއެސްސީން ސިޔާސީ މީހުން ދުރު ކުރުމުން ކަމަށެވެ.

"ދައުލަތުގެ އިހުމާލުން ޗޮކުންދާ ކޮންމެކަމެއް ޕީޖީ ޝަމީމު އަޅުވަން މަސައްކަތް ކުރަނީ ފަނޑިޔާރުންގެ ބޮލުގައި. ފަނޑިޔާރުންނަށް އަދުލުވެރިކަމާއެކު މަސައްކަތް ކުރެވޭނީ ސިޔާސީ މީހުން ޖޭއެސްސީއިން ބޭރުވީމަ،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު އެހެން ވިދާޅުވީ، ޖޭއެސްސީގައި ސިޔާސީ މީހުންނަށް ނުތިބެވޭ ގޮތަަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި ވަނިކޮށެވެ. މި މަހުގެ ކުރީކޮޅު މަޖިލީހަށް އެ ބިލު ހުށަހެޅީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.

އެ ބިލުގައި ވަނީ ގާނޫނު އަސާސީ މިހާރު އޮތް ގޮތަށް ޖޭއެސްސީއަށް މެމްބަރުން އައްޔަން ކުރުމުން، އެކޮމިޝަނުން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކުގައި ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާކަން ހާމަވާ ކަމަށެވެ.

މީގެ އިތުރުން އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓުގައި ވަނީ "ވާނުވާ" ބަންދުގެ މައްސަލައަށްވެސް އިޝާރާތް ކުރައްވާފައެވެ. އެގޮތުން އެ މައްސަލަ ހައްލު ކުރާނެ ކަމަށް ޕީޖީން ބުނި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށް އަލީ ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރާ މީހުން ގިނަ ދުވަސްތަކެއް ވަންދެން "ވާނުވާ" ބަންދުގައި ތިބެން ޖެހޭ މައްސަލަ ހައްލު ކުރުމަށް މިދިޔަ އަހަރު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ވަނީ އިސްލާހެއް ގެނެސްފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއަށް އިތުރުކުރި އަކުރުގައި ބުނަނީ ޝަރީއަތް ނިމެންދެން މީހަކު ބަންދުކުރަން ފަނޑިޔާރު ނިންމައިފި ނަމަ، ކޮންމެ 30 ދުވަހަކުން އޭނާގެ ބަންދު ރިވިއު ކުރުމުގެ އަޑުއެހުމެއް ބާއްވަން ވާނެ ކަމަށެވެ.

އެ މައްސަލައާ ބެހޭ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕީޖީން މަޖިލީހަށް ހުށަހެޅި ރިޕޯޓެއްގައި ވަނީ ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގާނޫނަށް ގެނައި އިސްލާހުން އެދެވޭ ނަތީޖާތަކެއް ހާސިލުކުރެވޭ ކަމަށެވެ. އަދި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މައްސަލައަށް ފާހަގަކުރެވޭ ފަދަ އިސްލާހީ ބަދަލެއް އަންނާނެ ކަމަށް ޕީޖީން ލަފާކޮށްފައިވެއެވެ.

comment ކޮމެންޓް