ފަހަތުން އަރައި، ދެލަނޑު ޖަހައި އޭސީ މިލާންގެ މައްޗަށް 3-2 އިން ލިވަޕޫލް ކުރި ހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ނުވަ ވަނަ މިނިޓުގައެވެ. މިލަނޑަކީ މިލާންގެ އިނގިރޭސި ޑިފެންޑަރު ފިކަޔޯ ޓޮމޯރީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގެ 15 ވަނަ މިނިޓުގައި ލިވަޕޫލްއަށް ނަތީޖާ 2-0ގެ ބަދަލުކޮށްލުމަށް ފުރުސަތު ލިބުނެވެ. ނަމަވެސް ލިބުނު ޕެނެލްޓީ ގޯލުގެ ތެރެއަށް ވައްދާލެވޭ ގޮތެއް މުހައްމަދު ސަލާހްއަކަށް ނުވިއެވެ.
ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް މިލާންއިން ދެ ލަނޑު ޖަހައި މެޗުގެ ލީޑު ހޯދިއެވެ. މެޗުގެ 42 ވަނަ މިނިޓުގައި އަންޓޭ ރެބިޗް ނަތީޖާ އެއްވަރުކޮށްލި އިރު 44 ވަނަ މިނިޓުގައި މިލާންއަށް ލީޑު ނަގައިދިނީ އެޓޭކިން މިޑްފިލްޑަރު ބްރަހިމް ޑިއާޒްއެވެ.
ދެވަނަ ހާފުގެ ތިން ވަނަ މިނިޓުގައި ލިވަޕޫލްއަށް އެއްވަރުކޮށްދިނީ ސަލާހްއެވެ. އެންފީލްޑުގައި އޭނާ ކުޅުނު 100 ވަނަ މެޗުގައި ސަލާހް މިލަނޑު ޖެހީ އޮރީގީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
ލިވަޕޫލްއަށް މެޗުގެ ތިން ޕޮއިންޓު ހޯދައިދިން ގޯލު ޖަހައިދިނީ ކެޕްޓަން ޖޯޑަން ހެންޑަސަންއެވެ. މިލަނޑަކީ ހެންޑަސަން ޗެމްޕިއަންސް ލީގުގައި ހައަހަރަށް ފަހު ޖެހި ފުރަތަމަ ލަނޑެވެ.