ހާލަންޑްގެ ލަނޑު ޖެހުމުގެ ރެކޯޑް ކުރިއަށް

ބޮރޫޝިއާ ޑޯޓްމުންޑްގެ ކެޕްޓަން ރޮއިސް (ކ) އާއި ހާލަންޑް (ވ)--- ފޮޓޯ: ޓެލެކޮމް

އާލިން ބްރައުޓް ހާލަންޑްގެ މޮޅު ކުޅުމާއެކު ތުރުކީގެ ޗެމްޕިއަން ބެސިކްޓަސްގެ މައްޗަށް ބޮރޫޝިއާ ޑޯޓްމުންޑް 2-1ގެ ނަތީޖާއަކުން ކުރި ހޯދައިފިއެވެ.

ތުރުކީގައި ކުޅުނު އެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޑޯޓްމުންޑްއިންނެވެ. މެޗުގެ 20 ވަނަ މިނިޓުގައި އެ ލަނޑު ޖެހީ އިންގިރޭސި ޒުވާން މިޑްފިލްޑަރު ޖޫޑް ބެލިންހަމްއެވެ. ބެލިންހަމް މިލަނޑު ޖެހީ ފުލް ބެކް ތޯމަސް މުނިއޭ ދިން ބޯޅައަކުންނެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑޯޓްމުންޑްއިން ލީޑު ފުޅާ ކުރިއެވެ. ބެލިންހަމް ފަހިކޮށްދިން ފުރުސަތަކުން ގޯލު ޖަހައި މެޗުގެ ނަތީޖާ 2-0އަށް ބަދަލުކޮށްލީ ގޯލާ ރައްޓެހި ފޯވާޑް ހާލަންޑްއެވެ.

އެ ގޯލާއެކު ހާލަންޑް ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު 17 މެޗުން 21 ލަނޑު ހަމަކޮށްފައެވެ. މި ސީޒަނުގައި މިހާތަނަށް ހާލަންޑް ވަނީ 10 މެޗު ކުޅެ 14 ލަނޑު ޖަހާފައެވެ.

މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ބެސިކްޓަސްއަށް ޑޯޓްމުންޑްގެ ގޯލު ފޫއަޅުވާލެވުނީ މެޗުގެ އެންމެ ފަހު މިނިޓުގައެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓުގައި އެ ލަނޑު ޖެހީ ޑިފެންޑަރު ފްރެންސިސްކޯ މޮންޓެރޯއެވެ.

comment ކޮމެންޓް