ޤާސިމަކީ އަޅުގަނޑު ވަރަށް އިހްތިރާމްކުރާ ބޭފުޅެއް: ރިޔާޒް

މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް (ކ) އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް (ވ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޤާސިމް އިބްރާހީމް އަކީ ވަރަށް އިހްތިރާމްކުރާ ބޭފުޅެއް ކަމަށް ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

އަބްދުﷲ ރިޔާޒް "ސަން"އަށް ވިދާޅުވީ ޤާސިމް އިބްރާހީމް ބަދުނާމުވާ ފަދަ ވާހަކައެއް އެއްވެސް އިރެއްގައި، އެއްވެސް ތަނެއްގައި ދައްކާފައި ނުވާނެ ކަމަށާއި އެފަދަ ވާހަކައެއް ކުރިއަށް އޮތް ތަނުގައިވެސް ނުދައްކަވާނެ ކަމަށެވެ.

އަބްދުﷲ ރިޔާޒް އެހެން ވިދާޅުވިއުރު، އޭނާ އާއި ބެހޭގޮތުން ޤާސިމް ވިދާޅުވެފައިވަނީ ރިޔާޒަކީ އެއްވެސް ގޮތެއްފޮތެއް ހުރި ބޭފުޅެއް ނޫން ކަމަށެވެ. ގާސިމް ވިދާޅުވީ ރިޔާޒަކީ ވަރަށް އިތުބާރު ކުރައްވައިގެން ގެންގުޅުއްވި ބޭފުޅެއް ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު މަސައްކަތްކުރީ ޕާޓީތެރެ ބައިބައިކޮށް، އޭނާގެ ބޮލަށް ފައިން އަރަން ކަމަށެވެ.

ރިޔާޒް ވިދާޅުވީ ޤާސިމް އިބްރާހީމް އަކީ އޭނާއަށް އެކި ގޮތްގޮތުން ވަރަށް ބޮޑެތި އެހީތަކެއް ވެދެއްވި ބޭފުޅެއް ކަމަށާއި އެކަން ދުވަހެއްގެ ކޮޅުންވެސް ހަނދާން ނައްތާ ނުލައްވާނެ ކަމަށެވެ.

"އޮނަރަބަލް ގާސިމް އިބްރާހީމް އަކީ އަޅުގަނޑު ވަރަށް އިހްތިރާމްކުރާ ބޭފުޅެއް. އަޅުގަނޑު އަބަދުވެސް އެމަނިކުފާނަށް ހެޔޮ އެދެން. ޤާސިމްގެ އަބުރަށް ހުތުރު އަރާ ޒާތުގެ ވާހަކައެއް އަޅުގަނޑު ނުދައްކަން. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ވާހަކައެއް ނުދައްކާނަން. ޤާސިމަކީ ވަރަށް ހެޔޮ ވަރަށް ރަނގަޅު ބޭފުޅެއް. އެކަން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން،" ރިޔާޒް ވިދާޅުވިއެވެ.

"އެމަނިކުފާނަށް އަބަދުވެސް ހެޔޮ އެދެން. އެމަނިކުފާނަށް ހެޔޮގޮތްގޮތް ވުމަށް އެދެން. އެއީ ރަނގަޅު ބޭފުޅެއް. އެއީ ހެޔޮލަފާ ބޭފުޅެއް"

ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ ކިނބިދޫ ދާއިރާއަށް ރިޔާޒް ހޮވުނީ އޭނާގެ ބުރަ މަސައްކަތުން ކަމަށެވެ. އެގޮތުން އެތައް މިލިއަން ރުފިޔާއެއް ހޭދަ ކުރައްވާ، ދާއިރާގެ ގިނަ ބަޔަކަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާނެ ކަމަށެވެ.

ޤާސިމްގެ އެ ވާހަކަތަކާ ބެހޭގޮތުން ރިޔާޒް ވިދާޅުވީ ޤާސިމްއަކީ އޭނާގެ އިންތިހާބު ތަކުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވި ބޭފުޅެއް ކަމަށާއި އެކަން ހެޔޮހިތުން ބަލައިގަންނަ ކަމަށެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ ޤާސިމްގެ އިތުރުން ހެޔޮއެދޭ ވަރަށް ގިނަ ފަރާތްތަކުން އޭނާގެ ކެމްޕެއިންނަށް އެހީތެރިކަން ދެއްވި ކަމަށެވެ. އެހެންކަމުން ޤާސިމަށް އެކަނި ޝުކުރު ދެންނެވުމަކީ އެންމެ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.

"ޤާސިމް އިބްރާހީމްގެ އިތުރުން ހެޔޮއެދޭ ވަރަށް ގިނަ ބޭފުޅުން އަޅުގަނޑުގެ ކެމްޕެއިނަށް ވަނީ އެހީތެރިކަން ދެއްވާފަ. ހަމައެކަނި އެންމެ ބޭފުޅެއްގެ އެހީތެރިކަމެއް ނޫން ލިބުނީ،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އޭނާ އަކީ ރާއްޖޭގެ ސަލާމަތީ ހިދުމަތުގެ ދާއިރާގައި އެތައް އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާ އަދި އެ ތަންތަނުގެ އެންމެމަތީ ވެރިޔާގެ މަގާމްވެސް އަދާކުރައްވާފައި ހުންނެވި ބޭފުޅަކަށް ވާތީ، ރައްޔިތުން ވަނީ އެ ހިދުމަތްތައް ވަރަށް ބޮޑަށް ބަލައިގެންފައި ކަމަށެވެ.

އޭނާ ވިދާޅުވީ އޭގެ ފަހުން މަސައްކަތް ކުރެއްވީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމަށް ކަމަށެވެ. އެގޮތުން ކުރެއްވި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ ވަރަށް ގިނަ ބައެއްގެ ތާއީދާއެކު ދެފަހަރުވެސް މަޖިލީހަށް ހޮވުން ކަމަށެވެ.

"އަޅުގަނޑަކީ ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގަ 25 އަހަރު ހިދުމަތްކޮށްފަހުރި މީހެއް. އަދި އެތަންތަނުގެ އެންމެ އިސް މަގާމް އަދާކޮށްފަހުރި މީހެއް. އޭގެ ފަހުން ދެން އަޅުގަނޑު ނުކުތީ ރައްޔިތުންގެ މަޖިލީހަށް. ދެ ފަހަރުވެސް ރައްޔިތުން އަޅުގަނޑު ހޮވީ ވަރަށްބޮޑު ތާއީދާއެކު. އެއީ އަޅުގަނޑުގެ ހިދުމަތް ރައްޔިތުން ބަލައިގަންނާތީ ލިބުނު ތާއީދު ކަމަށް ދެކެނީ،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ މަޖިލީހަށް ހޮވުމުގައި އެންމެ ބުރަކޮށް މަސައްކަތްކުރީ އޭނާގެ ކެމްޕެއިން ޓީމުން ކަމަށެވެ. އޭގެ ތެރެއިން އެކި ގޮތްގޮތުން އެހީތެރިވީ ބޭފުޅުންގެ ތެރޭގައި ޤާސިމް އިބްރާހީމްގެ ނަންފުޅުވެސް ފާހަގަ ކުރައްވާ ކަމަށެވެ.

އަބްދުﷲ ރިޔާޒު އާއި ކާނަލް ނާޒިމް، ޖުމްހޫރީ ޕާޓީން ވަކިވީ އެ ޕާޓީ ތެރޭގައި ސިއްރުން ރޭވި ރޭވުންތައް، ނާކާމިޔާބު ވުމުން ކަމަށް ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވަނީ ވިދާޅުވެފައެވެ.

އެ ވާހަކައަށް ރައްދު ދެއްވާ ރިޔާޒް ވިދާޅުވީ ޕާޓީ ތެރޭގައި މަސައްކަތް ކުރެއްވީ ވަރަށް އިހްލާސްތެރިކަމާއެކުގައި ކަމަށެވެ. އެހެންކަމުން ޕާޓީ ތެރެއިން އެއްވެސް ކަމެއް ރޭވިކަން އެނގިފައިނުވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ރާއްޖެއިން ބޭރަށް ޤާސިމް ވަޑައިގަތީ ޕާޓީގެ ހުރިހާ ބާރުތަކެއް ދެއްވާފައި ކަމަށާއި އޭރުވެސް މަސައްކަތް ކުރެއްވީ ވަރަށް އިހްލާސްތެރިކަމާއެކުގައި ކަމަށެވެ. އެކަން ޕާޓީގެ ބޭފުޅުންވެސް ދަންނާނެ ކަމަށެވެ.

"ޤާސިމް ގައުމުން ބޭރުގަ ހުންނެވިއިރު ޕާޓީ ހިންގުން އޮތީ އަޅުގަނޑާ ހަވާލުކޮށްފަ. ހުރިހާ ބާރުތަކެއް އަޅުގަނޑަށް ދެއްވާފަ އޮތް އިރުގަވެސް ވަރަށް ތެދުވެރި އިހްލާސްތެރި މަސައްކަތްތަކެއް ހުންނާނީ ކޮށްދީފަ. ކޮންމެ ބޭފުޅަކު ކޮންމެ ވާހަކައެއް ދެއްކެވިޔަސް އަޅުގަނޑު އެކަނިވެސް ނޫނީ ނާޒިމާ ގުޅިގެންވެސް އެއްވެސް ކަމެއް ރާވާފައެއް ނޯންނާނެ،" ރިޔާޒް ވިދާޅުވިއެވެ.

އަބްދުﷲ ރިޔާޒު މަަޖިލީހަށް ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓް ގައެވެ. އޭނާ ޖޭޕީން ވަކިވުމާ ހަމައަށް ހުންނެވީ އެ ޕާޓީގެ ނައިބު ލީޑަރުގެ މަގާމުގައެވެ. ރިޔާޒް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ޕޮލިސް ކޮމިޝަނަރުކަމުން ރިޓަޔާ ކުރެއްވުމަށްފަހުގައެވެ.

ޖުމްހޫރީ ޕާޓީން ވަކިވުމަށްފަހު، ކާނަލް ނާޒިމް އާއި ރިޔާޒް ގުޅިގެން މިހާރު ގެންދަވަނީ، މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

comment ކޮމެންޓް