އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ނުފޫޒެއް ނުފޯރުވަން: މިނިސްޓަރު ހުސައިން

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ ގައުމީ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެއްވެސް ވަރަކަށް މަސައްކަތް ނުކުރައްވާކަމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަދި އެ ޕާޓީގެ ނައިބު ރައީސް ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވާކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވާ މިނިސްޓަރު "ސަން"އަށް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށް އޭނާ ނުފޫޒު ފޯރުވަން ޖެހިވަޑައިގަންނަވަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

"އަޅުގަނޑަކީ އަނެއްހެން އެމްޑީޕީގެ މެމްބަރެއް ނޫން. އެހެންވީމާ އަޅުގަނޑަކަށް ނޭނގޭ އެމްޑީޕީގެ މީހުން އަޅުގަނޑު ބުނާ އެއްޗެއް އަޑުއަހާނެ ކަމެއް. އަޅުގަނޑު ބުނާ އެއްޗަކަށް އެގޮތަށް އަމަލުކުރާކަށް ވެސް ނުޖެހޭނެ ދެއްތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

ހުސައިން އިތުރަަށް ވިދާޅުވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވިކަމުގައިވީ ނަމަވެސް ނުފޫޒު ފޯރުވުމުގެ ގޮތުން ބަހެއް ބުނާކަމަށް ވަނީނަމަ އެފަދަ ބަހަކަށް އަމަލުކުރާކަށް ވެސް ނުޖެހޭނެކަމަށެވެ.

"އަޅުގަނޑަށް ނުފޫޒު ފޯރުވޭނެ ގޮތަކީ ކޮބައިކަމެއް ބުނާކަށް ނޭނގެ އަޅުގަނޑަކަށް، އަޅުގަނޑު ގަބޫލެއް ނުކުރަން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ އެއްވެސް ކަމަކަށް މި ދެންނެވި މަގާމުގެ ހައިސިއްޔަތުން ނުފޫޒު ފޯރުވޭނެކަމަކަށް،" މިނިސްޓަރު ހުސައިން ވިދާޅުވިއެވެ.

އެއްވެސް ނުފޫޒެއް އެމްޑީޕީގެ އެތެރޭގެ އިންިހާބަށް ފޯރުވަން މަސައްކަތް ނުކުރާކަމަށް މިނިސްޓަރު ހުސައިން ވިދާޅުވެފައިވާއިރު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވަނީ މިނިސްޓަރު ހުސައިން އިންތިހާބަސް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން ނެގުމަށް ބާރު އަޅުއްވާ މިނިސްޓަރު މަސައްކަތްކުރައްވާކަމަށް ވައްޑޭ ވިދާޅުވިއެވެ.އަދި އެކަމާ ގުޅިގެން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

comment ކޮމެންޓް