ހާލުގައި ޖެހިފައިވާ އަފްޣާން ރައްޔިތުންނަށް އެއްބިލިޔަން ޑޮލަރުގެ އިންސާނީ އެހީ ދެނީ

ޖެނީވާގައ ބޭއްވި ބައްދަލުވުން

ޖެނީވާ (ސެޕްޓެމްބަރު 14) :ހަނގުރާމައާއި ޓެރަރިޒަމާއި އެމެރިކާފަދަ ބޭރުގެ އިސްތިއުމާރީ ބާރުތަކުގެ އަނިޔާވެރިކަމުގެ ސަބަބުން އަފްޣާނިސްތާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ މައްސަލަތައް ހައްލުކުރުމަށްޓަކައި އަފްޣާނިސްތާނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއް ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ބައިނަލްއަގްވާމީ މުޖްތަމައުން ނިންމައިފި އެކަން އިއުލކާން ކޮށްފިއެވެ.

އދ. އިސްކޮށް އޮވެގެން އަފްޣާނިސްތާނަށް އެހީވުމަށް ޖެނީވާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އެއްބިލިޔަން ޑޮލަރުގެ އިންސާނީ އެހީދިނުމަށް ނިންމާފައިވަނީ ދުނިޔޭގެ އެތަށް ގައުމަކާއި ބައިނަލްއަގްވާމީ އެތަށް ޖަމްއިއްޔާއެއް ޝާމިލްވާގޮތަށެވެ. މީގެތެރޭގައި ޗައިނާ، ޔޫރަޕްގެ އިއްތިޙާދު، އެމެރިކާ، ޕާކިސްތާން އަދ ބައެއް އަރަބި ގައުމުތަކާއި ތުރުކީ ހިމެނެއެވެ. އެކިގައުމުތަކުން އަފްޣާނިސްތާނަށް ފޯރުކޮށްދޭނީ އެކި އެހީތަކެވެ.

އދ. ބުނާގޮތުން އަފްޣާނިސްތާނުގެ އާބާދީގެ ދެބައިކުޅަ އެއްބައިކަމަށްވާ 18 މިލިޔަން މީހުން ދިރިއުޅުގެ ހުރިހާކަމެއް ބަރޯސާވަނީ ބައިނަލްއަގްވާމީ ގޮތުން ދޭ އެކިބާވަތުގެ އެހީތަކަށެވެ. މީގެތެރޭގައި ކާބޯތަކެއްޗާއި ބޭހާއި އަންނައުނާއި ބޯހިޔާވަހިކަންވެސް ހިމެނެއެވެ. މީގެއިތުރުން އަފްޣާނިސްތާނުގެ ގާތްގަނޑަކަށް 14 މިލިޔަން މީހުން ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް ބުނެއެވެ.

ހާލުގައި ޖެހިފައިވާ އަފްޣާން ރައްޔިތުން

ޖެނީވާގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އދ. ގެ ސެކެޓުރީ ޖެނެރަލް އެންޓޯނިޔޯ ގުޓެރެޝް ވިދާޅުވީ ފާއިތުވި 40 އަހަރުގެ ތެރޭގައި އަފްޣާން ރައްޔިތުން ތިބީ ހަނގުރާމައިގެ ތެރޭގައި ކަމުން އެގައުމުގެ ރައްޔިތުންގެ ގިނަ ބަޔަކުވަނީ އިންސާނީ ކާރިސާއެއްގެ ތެރޭގައި ކަމުގައެވެ. އަދި މި މަސް ނިމުމުގެ ކުރިން އަފްޣާނިސްތާނުން ކާބޯތަކެތި ހުސްވެދާނެކަމުގެ އިންޒާރުވެސް ގުޓެރެޝް ދެއްވިއެވެ.

އަފްޣާން ރައްޔިތުންގެ ހާލަތު މިގޮތަށް އޮތްކަމަށްވިޔަސް ތާލިބާން ޖަމާއަތް އެގައުމުގެ ވެރިކަމަށް އައުމާއެކު އެމެރިކާއާއި ޔޫރަޕުންވަނީ އަފްޣާނިސްތާނާ ދެކޮޅަށް ދަތިކުރުމުގެ ލާއިންސާނީ ފިޔަވަޅުތައް އަޅާފައެވެ. ޚާއްސަކޮށް އެމެރިކާއިންވަނީ އަފްޣާން މަރުކަޒީ ބޭންކުގެ ރިޒާވްގެ ގޮތުގައި ހުރި 7 ބިލިޔަން ޑޮލަރުގެ ބޭނުން ނުކުރެވޭގޮތް ހަދައި އަފްޣާނިސްތާނުގައި ތާލިބާނުން އުފައްދާފައިވާ ސަރުކާރަށް ދުނިޔޭގެ މާލީ ނިޒާމުގެ ތެރެއިން މުއާމަލާތްތައް ނުހިންގޭނެގޮތް ހަދާފައެވެ.

މިފަދަ ކަންކަން އެމެރިކާއާއި ޔޫރަޕުން އަފްޣާނިސްތާނާ ދެކޮޅަށް ކުރަމުން ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައެވެ. އަފްޣާން ރަައްޔިތުންނަށް އަދަބު ދީގެންވެސް ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމުން ބޭރުކުރުމަށް މަގުފަހި ކުރުމުގެ ސިޔާސީ ބޭނުމުގައެވެ.

މިގޮތަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އަފްޣާން ސަރުކާރަށް ހިންދެމިނުލެވޭވަރު ކުރުމަށްފަހު އެމެރިކާ ވަނީ އަފްޣާން ރައްޔިތުންނަށް އިންސާނީ އެހީ (ކާބޯތަކެއްޗާއި ބޭސް) ފޯރުކޮށްދިނުމަށް ބޭނުންވާ އެހީ ހޯދުމަށް ބޭއްވި މި ބައްދަލުވުމުގައި އަފްޣާނިސްތާނަށް 64 މިލިޔަން އެމެރިކާ ޑޮލަރުގެ އިންސާނީ އެހީ އދ. މެދުވެރިކޮށް ދޭނެކަމަށް ބުނެފައެވެ.

ޗައިނާއިން ބުނެފައިވަނީ އަފްޣާނިސްތާނަށް ކުއްލި އެހީގެގޮތުގައި 31 މިލިޔަން ޑޮލަރުގެ ތަކެއްޗާއި ކޮވިޑް-19ގެ ވެކްސިންގެ 3 މިލިޔަން ޑޯޒު ވަރަށް އަވަހަށް ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. ފަރަންސޭސިވިލާތުންވަނީ އަފްޣާން ރައްޔިތުންނަށް 118 މިލިޔަން ޑޮލަރުގެ އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

ޕާކިސްތާނުންވަނީ ކައްކާ ތެލާއި ބޭހާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ގިނައަދަދެއްގެ ތަކެތި އަފްޣާނިސްތާނަށް ދިނުމަށް ނިންމާފައެވެ. ރަޝިޔާއާއި ތުރުކީއާއި ގަތަރާއި ސައޫދީއާއި ޔޫއޭއީންވެސްވަނީ އަފްޣާނިސްތާނަށް އެތަށް މިލިޔަން ޑޮލަރެއްގެ އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދޭނެކަމަށް މި ބައްދަލުވުމުގައު އިއުލާން ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު