ހުޅުމާލޭ ޖަލުން ހޮސްޕިޓަލަށް ގެންދިޔަ ގައިދީ، ވެއްޓުނުތާ 43 މިނިޓް ތެރޭގައި އައިލާއަށް ގުޅިކަމަށް އެ ކަން ހިނގާ ދިޔަ ގޮތުގެ ޓައިމްލައިންގައި ބުނެފިއެވެ.
ހޯމް މިނިސްޓްރީން ނެރުނު ޓައިމްލައިންގައި، ގައިދީ ޖަލުގައި ހުރި ހިސާބުން ފެށިގެން އިންސްޕެންޓްރޭޓްގެ މުވައްޒަފުން ސީން އަށް ދިއުމާ ހަމައަށް ކަން ހިނގި ގޮތް ފާހަގަ ކޮށްފައިވެއެވެ.
ނިޔާވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ ހުޅުމާލޭ ޖަލުގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގދ. ވާދޫ/ ޖަނަވަރީގެ މުޙައްމަދު އަސްލަމް (40 އަހަރު) އެވެ.
ކަން ހިނގާ ދިޔަ ގޮތުގެ ޓައިމްލައިން އިން ދައްކާ ގޮތުގައި، 17:55 ގައި، އަސްލަމް މޭޒެއްގެ މަތީގައި އިށީނދެ އިންތަން ސީސީޓީވީއިން ފެނިފައި ވާ ކަމަށް ފާހަގަ ކުރިއެވެ.
އަދި 17:59 ގައި އޭނާ އަނބުރައިގަނެގެން ވެއްޓުމުން، ގައިދީން ވަގުތުން އޭނާއަށް ސީޕީއާރް ދީފައި ވާކަމަށް ފާހަގަ ކޮށްފައިވެއެވެ.
އަދި 18:02 ގައި އޮފިސަރުން ސީން އަށް އެޓެންޑް ކުރި އިރު، އަސްލަމް ހޭނެތިފައި ވާކަން ޓައިމްލައިންގައި ފާހަގަ ކުރިއެވެ.
އަދި 18:10 ގައި އަސްލަމް ހޮސްޕިޓަލަށް ގެންދެވުމާއެކު ވަގުތުން ޑޮކްޓަރު އެޓެންޑްވި ކަމަށާއި 18:30 ގައި އާއިލާއަށް ގުޅުމަށް ޕްރިޒަން އޮފިސަރުން މަސައްކަތް ފެށި ކަމަށް އޭގައި ފާހަގަ ކުރިއެވެ.
ނަމަވެސް އާއިލާ މެމްބަރަކަށް ގުޅިފައި ވަނީ 18:42 ގައެވެ.
އޭގެ ފަހުން 18:51 ގައި އެކަން އިންސްޕެލްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށް ރިޕޯޓް ކޮށްފައި ވެއެވެ.
ކަން ހިނގާ ދިޔަ ގޮތުގެ ޓައިމްލައިން ރިޕޯޓްގައި ވާ ގޮތުން، އަސަލަމް ނިޔާވީ 18:55 ގައެވެ. އަދި އިންސްޕެކްޓްރޭޓްގެ މުވައްޒަފުން 19:25 ގައި ސީންއަށް ގޮސްފައިވެއެވެ.
މުޙައްމަދު އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޛުކުރަމުންދިޔަ ފަރާތެއް ކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި ނިޔާވިއިރު އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ނޫންކަމުގައި ވެސް ބުނެފައިވެއެވެ.