ނުހައްގުން ވަޒީފާއިން ވަކިކުރި 19 މީހަކަށް ހަ މިލިއަން ރުފިޔާ ނަގައިދީފައިވޭ

ސެޕްޓެމްބަރު 6، 2021: ރެހެންދި އެވޯޑު ދިނުމުގެ ހަފްލާގައި ރައީސުލްޖުމްހޫރއްިޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ސަންފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކި ކުރި 19 މީހަކަށް ބަދަލުގެ ގޮތުގައި ހަ މިލިއަން ރުފިޔާ ނަގައިދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން އެހެން ބުނީ، ދައުލަތުން މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދޭން ޖެހޭ ނިޒާމުގެ ނަޒާހާތްތެރިކަމާ ގުޅޭގޮތުން އޭސީސީން ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ.

އެގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން ދައުލަތާ ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމާ ގުޅޭ ގޮތުން ރައީސަށް ލަފާ ދިނުމަށް 2019ގައި އުފެއްދި ސެޓުލްމެންޓު ކޮމިޓީއަށް 37 މައްސަލައެއް ހުށަހަޅާފައިވެއެވެ.

އޭގެ ތެރެއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކައިގެން ހައްލުކޮށްފައިވާ ހަމައެކަނި މައްސަލައަކީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ރައްދުވާ ގޮތަށް ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި ދެ މައްސަލައެކެވެ.

އެއީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށްޓަކައި ނޫމަޑި އާއި ކުރީގެ ސަރުކާރާ ދެމެދު 20 ޖަނަވަރީ 2011 ގައި ސޮއިކުރި އެއްބަސްވުމުގެ މައްސަލައަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީއަކާއި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމަށްޓަކައި ކުރީގެ ސަރުކާރާ ދެމެދު 30 މެއި 2013 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ މައްސަލައެވެ.

އެ މައްސަލަތަކާ ގުޅިގެން ނޫމަޑިން އެދުނީ 155 މިލިއަން ޑޮލަރު ދިނުމަށެވެ. ނަމަވެސް އެ ކުންފުންޏާއި ސަރުކާރުން ފަހުން އެއްބަސްވީ ނޫމަޑިއަށް 55 މިލިއަން ޑޮލަރު ދިނުމަށް ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ކުރީގެ ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރި 19 މައްސަލައެއް ކޯޓުން ބޭރުގައި ހައްލުކޮށްފައި ވާނެ ކަމަށް ރައީސް އޮފީހުން ހާމަ ކުރިއެވެ.

އެ މައްސަލަތައް ރައްދުވީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި އެމްއެންޑީއެފް އާއި ފުލުހުންނާއި ކަރެކްޝަންސް އާއި ޓެކްސް އެޕީލް ޓްރައިބިއުނަލް އަދި ކާޑެއްދޫ އެއާޕޯޓަށެވެ.

އެ މައްސަލަތަކަށް ބަދަލެއްގެ ގޮތުން 6.8 މިލިއަން ރުފިޔާ ދިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދަައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގައި ހުރި މައްސަލަތައް ފާހަގަކޮށް އޭސީސީން ނެރުނު ރިސްކް އެސެސްމެންޓެއްގައި ވަނީ ދައުލަތުގެ މަޝްރޫއުތަކާ ގުޅިގެން ލިބޭ ގެއްލުމުގެ ބަދަލު ދިނުމާ ބެހޭ ގޮތުން، ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހުރި ކޮރަޕްޝަނަށް މަގުފަހިވެފައިވާ ކަންކަން ފާހަގަކޮށްފައެވެ.

އެގޮތުން ސެޓްލްމެންޓް ކޮމިޓީން މައްސަލަތައް ނިންމުމުގައި އަމަލު ކުރާނޭ ވަކި މިންގަނޑެއް ނުވަތަ ރިއާޔަތް ކުރާނޭ ވަކި ކަންތައްތަކެއް އެ ކޮމިޓީން އަމަލު ކުރާ އުސޫލުގައި ތަފްސީލުކޮށް ބަޔާންކޮށްފައި ނެތުން ހިމެނެއެވެ. އޭގެ ސަބަބުން އެކި މައްސަލަ އެކިގޮތަށް ނިންމުމުގެ ފުރުސަތު ނުވަތަ ކޮމިޓީއިން އެއިރަކު ބޭނުންވާ ގޮތަކަށް ނިންމުމުގެ ފުރުސަތު އޮތް ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމުގައި ކޮރަޕްޝަންގެ ނުރައްކާ ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އެ ރިޕޯޓުގައި ފާހަގަ ކުރިއެވެ. ނަމަވެސް އޭސީސީން އެ ރިޕޯޓު ނެރުނު އިރު ސެޓްލެމެންޓް ކޮމިޓީ އޮތީ އުވާލާފައެވެ.

ރައީސް އޮފީހުން ބުނީ ސެޓުލްމެންޓް ކޮމިޓީގެ ބައްދަލުވުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ކަމަށެވެ. އަދި އެ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް އެ ކޮމިޓީ އުވާލައްވާފައިވާ ކަމަށެވެ.

comment ކޮމެންޓް