އެއީ ގޯސް ނިޔަތެއްގައި ކުރި ކަމެއް ނޫން، މާފަށް އެދެން: ލުބާ ބީޗް

ލ. ފޮނަދޫގައި ހިންގި ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ ލުބާ ބީޗް

ލ. ފޮނަދޫގައި ކުދިންތަކެއް ހިމަނައިގެން ކުރިއަށް ގެންދިޔަ ހަރަކާތަކާ ގުޅިގެން، މީހުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިފައި ވާތީ، އެ ހަރަކާތް ކުރިއަށް ގެންދިޔަ 'ލުބާ ބީޗް' ގެ ފަރާތުން މާފަށް އެދިއްޖެއެވެ.

ފޮނަދޫ އަތިރިމަތީގައި ކުރިއަށް ގެންދިޔަ ހަރަކާތް ބައެއް މީހުން ސިފަކުރީ 'ޔޯގާ'ގެ ހަރަކާތް ކަމަށެެވެ. އަދި ބައެއް މީހުން މީސްމީޑިޔާގައި ނުރުހުން ފާޅު ކޮށްފައިވެއެވެ.

"ނަން ބަދަލު ކޮށްލާފަ ކޮންމެ އެއްޗެއް ދިވެހިންގެ ތެރޭގަ އާއްމު ކުރަނީ. ޔޯގާ ކިޔަސް އެއީ ބުދިސްޓް އަދި ހިންދޫއިން ކުރާ ކަމެއް،" މީސް މީޑިއާގައި ނުރުހުން ފާޅުކުރި މީހަކު ހިއްސާ ކޮށްފައި ވެއެވެ.

'ލުބާ ބީޗް' ގެ ފަރާތުން މިކަން ހިނގާދިޔަ ގޮތް ހިއްސާކުރަމުން ހުސެން ޝަރީފް ވިދާޅުވީ، އެ ހަރަކާތަކީ މާންދޫ ހޮރައިޒަން ފިޝަރީޒްއާ ލުބާ ބީޗްއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި އެ ހަރަކާތުގައި ބައިވެރިވި މީހަކީ މާންދޫގެ ވިޔަފާރި ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ޖަރުމަނު މީހެއް ކަމަށެވެ. އެ ފިރިހެން މީހާއާއެކު އޭނާގެ ލޯބިވެރިޔާވެސް ދިޔައެެވެެ.

އެމީހުން ދިޔައީ ޗުއްޓީހޭދަކުރަން ކަމަށާއި، އެތަނުން އަންހެން މީހާ އަކީ ޖަރުމަނުގައި އާޓް ދާއިރާގައި މަސައްކަތް ކުރާ މީހެއް ކަމުން، އެ އާޓިސްޓް މެދުވެރިކޮށް ކުދިންނަށް ހަރަކާތެއް ކުރިއަށް ގެންދިޔައީ ކަމަށް ހުސެން ކިޔައިދިނެވެ.

ލުބާ ބީޗްގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރަކާތަށް ކިޔަނީ 'ސޭންޑް އާޓް ފޯ ޑިފަރެންޓް ޕޯސެސް' އެވެ.

"އެ ސަރަހައްދަކީ އަޅުގަނޑުމެން އަމިއްލައަށް ސާފުކޮށް ބަލަހައްޓާ ސަރަހައްދެއް. އެތަނުގަ އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާ މީސްމީހުންގެ ދަރިންނާ، އެގޮތަށް ތަންކޮޅެއް ގާތް މީހުންގެ ދަރިން އެތަނުގައި ތިބޭނީ،" އޭނާ ބުންޏެވެ.

ވިހި ކުދިން ހިމެނޭގޮތަށް ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި އެކި 'ޕޯސްޓް' ތައް ހެދި ކަމަށް އޭނާ ކިޔައިދިނެވެ.

ފޮނަދޫގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ލުބާ ބީޗް

ވެލައެއްގެ ގޮތަށާއި ގަހެއްގެ ގޮތަށް ވެސް ބައްޓަން ހެދި އެ ހަރަކާތުގައި، 'ޔޯގާ' ސިފަވާގޮތަށް ހުރި ޕޯސް އެކަނި މީސްމީޑިއާގައި ދައުރުވީކަމަށް އޭނާ ބުންޏެވެ.

ކުދިންގެ ބެލެނިވެރިންވެސް އެތާނގައި ތިބޭނެކަން ފާހަގަ ކުރަމުން އޭނާ ބުނީ، އެތާނގައި ތިބޭނީ 'ލޭގެ ގޮތުން' ގާތް ކުދިން ކަމަށެވެ.

މީސް މީޑިއާގައި އެގޮތަށް ވާހަގަ ފެތުރުނީ ހަގީގަތް ނުބަލާ ބަޔަކު ދެއްކި ވާހަކަ އަކުން ކަމަށް ފާހަގަ ކުރެއްވިއެވެ.

"އެ ޕޯސް އަޅުގަނޑުވެސް ފަހުން ބަލާލި އިރުގަ އެ ޕޯސް އަސްލު ކަމަކު ނުދޭ. އެއީ އޭގަ އެބައިން ޔޯގާ އެސް ޕޯސް. އެހެން ޕޯސްތައް ކަމުދޭ. އެ ޕޯސްއެއް އަޅުގަނޑަކަށް ކަމަކު ނުދޭ. އެއްވެސް މީހެއް އެކަމާ މެދުގަ އެއްވެސް ރުޅިވެރިކަމެއް ނުބޭއްވުން އެދެނީ،" އޭނާ ބުންޏެވެ.

ފޮނަދޫގައި ކުރިއަށް ދިޔަ ހަރަކަތުގެ ތެރެއިން -- ފޮޓޯ/ ލުބާ ބީޗް

އެއީ ޔޯގާ ނޫން ކަމަށާއި، އާޓް މަސައްކަތެއް ނަމަވެސް މީހުނަށް ހީވެފައިވާ ހީވުމަށްޓަކައި އޭނާ ވަނީ މާފަށް އެދިފައެވެ.

އެއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮވެގެން ކުރިއަށް ގެންދިޔަ ކަމެއް ނޫން ކަމަށާއި އަދި ގޯސް ނިޔަތެއްގައި ކުރިކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ފޮނަދޫގައި ކުރިއަށް ދިޔަ ހަރަކާތުގެ ތެރެއިން -- ފޮޓޯ ލުބާ ބީޗް

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްްޓްރީގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެއީ ސްކޫލުން ހިންގި ހަރަކާތެއް ނޫން ކަމަށެވެ.

"އެއީ ސްކޫލުން ހިންގި ކަމެއް ނޫން. އެއީ ހަމަ ޕްރައިވެޓް ބަޔަކު ކުރި ކަމެއް. އެއްވެސް ގޮތަކަށް ސްކޫލް ރިލޭޓެޑް ކަމެއް ނޫން،"

މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން މިނިސްޓްރީއަށް ގުޅަމުންދާ ކަމަށާއި މިކަމަކީ ސްކޫލުން އިންތިޒާމު ކުރި ހަރަކާތެއް ނޫން ކަން އެ ފަރާތްތަކަށް ވެސް ސާފު ކޮށްދީފައި ވާނެ ކަމަށް އެޑިއުކޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފޮނަދޫ ކައުންސިލް މެމްބަރު އަބްދުއް ރައޫފް ޔޫސުފް "ސަން" އަށް ވިދާޅުވީ، އެރަށުގައި އެފަދަ ކަމެއް ހިނގައިގެން އުޅޭކަމަށް މީސް މީޑިއާގެ ޒަރިއްޔާއިން އެނގިފައިވާ ކަމަށެވެ.

އަދި އެއީ ސްކޫލާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އަމިއްލަ ބައެއް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އޭނާ ވެސް ފާހަގަ ކުރެއްވިއެވެ.

ރައޫފް ވިދާޅުވީ، އެ ހަރަކާތުގައި ބައިވެރިވި ކުދިން ބައިވެރި ކޮށްފައި ވަނީ އެއީ ކޮން ކަމެއްކަން ބެލެނިވެރިންނަށް ސާފުކޮށްް ނޭނގި ކަމަށް ލަފާކުރެވޭ ކަމަށެވެ.

comment ކޮމެންޓް