މެއި ހައެއް ހަމަލާ: އިތުރު ތިން މީހަކަށް ދައުވާކޮށްފި

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވި ތިން މީހުން --

މެއި ހައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ހައްޔަރުކުރި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީ އާއި އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ، އިސްހާގަށެވެ.

ތިން މީހުންގެ ތެރެއިން އެންމެ ގިނަ ދައުވާކޮށްފައިވަނީ އިސްހާގަށެވެ. އޭނާއަށް ވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއާއި އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ ކޮށްފައެވެ.

ފަހުމީގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ހަތަރު ވަނަ މާއްދާގެ (ށ) ގެ އެއް ވަނަ ނަންބަރާއި، ދެވަނަ ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދެ ވަނަ ނަންބަރާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

ނާޒިމްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެހަތަރު ވަނަ މާއްދާގެ (ށ) ގެ އެއްވަނަ ނަންބަރާއި، ދެ ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ޤާނޫނުގެ ހަތް ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަމުގެ ދައުވާއެވެ.

comment ކޮމެންޓް