ސާފް ޗެމްޕިއަންޝިޕަކީ ގަލޮޅުދަނޑުގައި ކުޅެވޭ ފަހު މުބާރާތަށް ވެދާނެ!

އޮގަސްޓް 17، 2021: ގަލޮޅު ދަނޑު -- ސަން ފޮޓޯ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހުގެ އެއްވަނަ ދުވަހު މާލޭގައި ފަށައި ސާފް ޗެމްޕިއަންޝިޕް ނިމުމާއެކު ދިވެހި ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ސްޓޭޑިއަމް ގަލޮޅު ދަނޑު ތަޅާލައި، އާ ސްޓޭޑިއަމެއް މަރާމާތު ކުރަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ އިސް އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގެ މެޗުތަކަށް ސަޕޯޓަރުން ވައްދަން ނިންމާފައިވާ ކަމަށާއި، ސަޕޯޓަރުން ވެއްދުމަށް ކުރަން ޖެހޭ މަރާމާތުތައް ކުރުމުގެ މަސައްކަތް މި ހަފުތާގައި ފެށިގެންދާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ދަނޑުގެ ސިޑިބަރިތަކުގެ މަރާމާތު ކުރި ނަމަވެސް މިވަގުތަށް އެއްވެސް ބޮޑު މަރާމާތެއް ނުކުރާނެ ކަމަށެވެ. ސަބަބަކީ މިފަހަރުގެ ސާފް މުބާރާތަކީ މިހާރު މިއޮތް ސްޓޭޑިއަމުގައި ކުޅޭ ފަހު މުބާރާތަށް ވާނެތީ ކަމަށެވެ. އަދި އެ މުބާރާތް ނިމުމާ އެކު ދަނޑު "ތަޅާލައި" އައު ސްޓޭޑިއަމެއް އަޅަން ނިންމާފައިވާ ކަމަށެވެ.

ގަލޮޅު ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ އެ ދެ ފަރާތް ފުރަތަމަ ބަންދުކުރީ މީގެ ތިން އަހަރު ކުރިންނެވެ.

އެހެން ނަމަވެސް މިހާރު އެ ދެ ފަޅި ބަންދުކޮށްފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ދަނޑުގެ މަސައްކަތް ފެށިފައި ނުވާ އިރު، ސަރުކާރާއި އެފްއޭއެމްގެ ވިސްނުމަކީ ވެސް އެ ސްޓޭޑިއަމް އެއްކޮށް ތަޅާލައި، އައު ސްޓޭޑިއަމެއް އެޅުމެވެ. މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ ދަނޑުގެ މަސައްކަތް ފަށަން ވިސްނަނީ ޔަގީންކޮށް އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހުމުން ކަމަށެވެ.

މިއަހަރު ކުރީކޮޅު ގެނެސްދިން ޓީވީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އުއްމީދަކީ މި އަހަރުގެ ތެރޭގައި ގަލޮޅު ދަނޑުގެ މަސައްކަތް ފެށުން ކަމަށެވެ.

"(ގަލޮޅު ދަނޑުގެ) މި ދެ ފަޅި ބަންދުވެފަ އޮވެ ކުޅުމާ އަދި އެއްކޮށް މިތަން ނެތިގެން އޮތުމާ ވެސް ވަރަށް ތަފާތު. އެހެންވެގެން މި ހާލުގައި ތިބެގެން ކުރިއަށް މި ދަނީ. ވަރަށް ދަތި ދުވަސްތަކެއް މި ދަނީ ދެއްތޯ. ހަމަ ވަރަށް ލާރީގެ (ދަނޑު ހަދަން ބޭނުންވާ ފައިސާގެ) ވާހަކަ މި ދައްކަނީ. އަޅުގަނޑަށް ހީވަނީ ކުޑަ ހިސާބެއް ޖަހާލާއިރު ވެސް 20 ވަރަކަށް މިލިއަން ޑޮލަރުގެ ވާހަކަ ކަންނޭނގެ. އެހެންވީމަ އެ ތާށި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

ސަޕޯޓަރުން މެޗު ބެލުމަށް ބޭނުން ކުރެވޭ ސިޑި ބަރިއެއްގެ އިތުރުން އެތަނުގެ ދަށުގައި، އެކޮމަޑޭޝަން ބްލޮކުގެ ކޮޓަރިތައް ހުރެ އެވެ. އަދި ހޭންޑްބޯޅަ އެސޯސިއޭޝަނާއި ކެރަމް އެސޯސިއޭޝަނުގެ އޮފީސް އަދި ކެރަމް ހޯލް ވެސް ހުންނަނީ އެތަނުގަ އެވެ.

ގަލޮޅު ދަނޑުގައިވާ ގުދުރަތީ ޕިޗަކީ މުޅި ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވޭ ވަރުގެ ތަފާތު ޕިޗެކެވެ. ވިއްސާރަ ވެހުނުސް ފަސޭހަ ކަމާ އެކު ފެންގަނޑު ހިންދާލާ އެ ޕިޗު ވަށައިގެންވާ ސިޑިބަރިތިތައް ޒަމާނީ ކުރެވި ވަސީލަތްތައް ގާއިމްކުރެވިއްޖެ ނަމަ، ރާއްޖޭގެ ގައުމީ ފުޓްބޯޅައިގައި ގެއްލިފައިވާ ސަޕޯޓަރުންގެ ސަޕޯޓް ލިބި ދަނޑަށް ވަންނަ މީހުން އިތުރުވާނެ ކަމަށް ފުޓުބޯޅައިގެ ތަޖުރިބާކާރުން ބުނެއެވެ.

comment ކޮމެންޓް