ލުބްނާނުގެ އާ ސަރުކާރަކީ މިވަގުތަށް އެކުލަވާލެވޭނެ އެންމެ ރަނގަޅު ސަރުކާރު : ރައީސް އަވްނު

ލުބްނާނުގެ ރައީސް މިޝައިލް އަވްނު

ބައިރޫތު (ސެޕްޓެމްބަރު 12) : ލުބްނާންގައި އެކި ސަބަބުތަކާ ގުޅިގެން ސަރުކާރެއް އެކުލަވާނުލެވި އެއްއަހަރުގެ ދިގުމުއްދަތެއް ހޭދަވުމަށްފަހު އެކުލަވާލި ސަރުކާރަކީ މިވަގުތަށް އެކުލަވާލެވޭނެ އެންމެ ރަނގަނޅު ސަރުކާރު ކަމަށް އެގައުމުގެ ރައީސް މިޝައިލް އަވްނު ވިދާޅުވެއްޖެއެވެ.

ރިޔާސީ ގަނޑުވަރުގައި ދެއްވި ބަޔާނެއްގައި އަވްނު ވިދާޅުވީ އައު ސަރުކާރަކީ ލުބްނާނުގެ ރައްޔިތުންނަށް ލިބުނު ބޮޑުކާމިޔާބީއެއް ކަމަށާ އައު ސަރުކާރު ވެރިކަމާ ހަވާލުވުމުން ލުބްނާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުވުމަށް މަގުފަހި ވެގެންދާނެކަން ޔަގީންވެ ވަޑައިގަންނަވާ ކަމުގައެވެ.

ކުރީގައިވެސް ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ނަޖީބު މިގާތީ އެކުލަވާލެއްވި އައު ސަރުކާރުގައި 24 ވަޒީރުން ހިމެނޭއިރު މި ސަރުކާރަށް ލުބްނާނުގެ ޕާލަމެންޓްގެ ތާއީދުލިބޭނެކަން ގާތްގަނޑަކަށް ވަނީ ކަށަވަރުވެފައެވެ.

ލުބްނާނުގެ އައު ސަރުކާރަށް ބޭރުގެ ފަރާތްތަކުންވެސް ވަނި މަރުހަބާ ކިޔާފައެވެ. މަރުހަބާ ކިޔާފައިވާ ބޭރުގެ ފަރާތްތަކުގެ ތެރޭގައި އަރަބި ލީގާއި އދ. އާއި އެމެރިކާ، ފަރަންސޭސިވިލާތް، އަދި ޔޫރަޕްގެ އިއްތިޙާދު ހިމެނެއެވެ.

ލުބްނާނުގެ އައު ބޮޑުވަޒީރު މުހައްމަދު ނަޖީބު މީގާތީ

ފަންނީ ޓެކްނޯކްރޭޓުންގެ މައްޗަށް އެކުލެވިފައިވާ މިސަރުކާރުގެ މައިގަނޑު މަގްސަދަކީ އިގްތިސާދީ ގޮތުން ލުބްނާން މިހާރު ވެއްޓިފައިވާ ހާލަތުން އަރައިގަތުމެވެ. ލުބްނާނުގެ އައު ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާ ނަޖީބު މީގާތީ ވިދާޅުވީ އޭނާ އެކުލަވާލެއްވި ސަރުކާރަށް ލުބްނާނުގެ ހުރިހާ ސިޔާސީ ޕާޓީތަކުގެ ތާއީދު ލިބިފައިވާކަމަށާއި އަދި ރައީސް މިޝައިލް އަވްނުގެ ރުހުންވެސް ލިބިފައިވާ ކަމުގައެވެ.

އެހެންކަމުން ޕާލަމެންޓުން ސަރުކާރަށް ރުހުން ދިނުމާއެކު ގައުމު ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާނެކަމަށް މީގާތީ ވިދާޅުވިއެވެ. މިކަމުގައި އިސްރާއީލު ފިޔަވައި އެހެން ހުރިހާ ގައުމުތަކާވެސް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަން މިގާތީ ހާމަކުރެއްވިއެވެ.

ރިޕޯޓްތައް ބުނާގޮތުން ލުބްނާނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކަކީ ނަވާރަސަތޭކަ ހަތްދިހަ ފަހަކުން ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރާ ހަމައަށް އެގައުމުގައި ހިނގި ދާޚިލީ ހަނގުރާމައަށް ފަހު ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި އެގައުމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައެވެ. ލުބްނާނުގެ ވެރިރަށް ބައިރޫތުގެ ކަނޑުގެ ބަނދަރުގައި މިދިޔަ އަހަރު ހިނގި ގޮވުންތަކުގެ ހާދިސާއާ އަދި ކޮވިޑް އާ ގުޅިގެން ފަތުރުވެރިކަން ހުއްޓުމަކަށް އައުމުން އެގައުމުގެ ހާލަތު އިތުރަށްވަނީ ގޯސްވެފައެވެ.

މިއާއެކު ލުބްނާނުގެ އިގްތިސާދު ބޮއްސުންލައި އާންމުންގެ ވަޒީފާތައް ގެއްލި ވިޔަފާރިތަކާއި ބޭންކްތައް ބަނގުރޫޓްވެ ފައިސާގެ އަގު ތަކުރާރުކޮށް ދަށަށްދިޔުމުގެ ނަތީޖާއަކީ ތަކެތީގެ އަގުބޮޑު އިންތިހާއަށް ބޮޑުވެ ފަގީރުކަން އާންމު ވުމެވެ.

މިދިޔަ އަހަރުގެ މެދެއްހާ ހިސާބު ބައިރޫތުގެ ބަނދަނރު ގޮވި ހާދިސާއަށްފަހު ބޮޑުވަޒީރު ހައްސާން ދިޔާބު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއަށްފަހު މީގެ ދެމަސްކުރިން ކުރީގެ ބޮޑުވަޒީރެއްކަމަށްވާ ސައުދުލްހަރީރީ ސަރުކާރެއް އެކުލަވާލެއްވިއެވެ. ނަވެސް އެސަރުކާރަށް ރައީސް މިޝައިލް އަވްނުގެ ރުހުންނެތުމުން އޭނާ މަގާމުން އިސްތިއުފާ ދެއްވީއެވެ. އެއަށްފަހު ނަޖީބު މީގާތީގެ ބޮޑުވަޒީރުކަމުގައި އެކުލަވާލި ސަރުކާރަށް މިވަނީ ރައީސް އަވްނުގެ ރުހުން ލިބިފައެވެ.

ސުންނީ މުސްލިމެއް ކަމަށްވާ މީގާތީއަކީ ލުބްނާނުގެ އެންމެ މުއްސަނދި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މަލްޓި ބިލިޔަނަރެކެވެ. ލުބުނާނުގައި ސަރުކާރެއް އެކުލަވާނުލެވި ދިގުލައިގެން ދިޔައީ އެގައުމުގެ ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަން ބޮޑުވުމާއި ފަރަންސޭސިވިލާތާއި ސައޫދީ އާއި އެމެރިކާއާއި އީރާން ފަދަ ބޭރުގެ ބައެއް ގައުމުތަކުން ލުބްނާނުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ފިއްތުންތައް ކުރިމަތިކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ލުބްނާނުގެ އައު ސަރުކާރު އެކުލަވާލީ މިދިޔަ ހަފްތާގައެވެ. އެސަރުކާރަށް ރުހުން ހޯދުމަށް ޕާލަމެންޓަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިހަފްތާ ތެރޭގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު