ވިލުފުށީގައި ފެނަކަ "ފުނަރު ޕްރޮގްރާމް"ގެ އިމްތިހާނު ނިންމާލައިފި

ފެނަކަ ކޯޕަރޭޝަންގެ "ފުނަރު" އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދާ ސަރަހައްދުތަކުގެ ތެރެއިން ތ. ވިލުފުށީގެ އިމްތިހާނުތައް ނިންމާލައިފިއެވެ.

އިންޖީން ރިޕެއާއާއި މެއިންޓަނެންސް ދަސްކޮށްދިނުމަށް ކުރިއަށްގެންދިޔަ އެ ޕްރޮގްރާމުގެ ތިއަރީ އިމްތިހާން އިއްޔެ ނިންމާލިއިރު، ޕްރެކްޓިކަލް ބައި ނިންމާލީ މިއަދުއެވެ.

އަށް ރަށެއްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އިމްތިހާން ނުނިމި ވަނީ ހަތަރު ރަށެއްގައެވެ.

އިމްތިހާނު ނިމިފައިވާ ރަށްތައް:

  • ކުޅުދުއްފުށި ސިޓީ
  • ށ. މިލަންދޫ
  • ނ. ވެލިދޫ
  • ތ. ވިލުފުށި

ޖުމްލަ 50 ބައިވެރިން ހިމެނޭ މި ޕްރޮގްރާމްގައި ހަތަރު އަންހެން ކުދިން ވެސް ކިޔަވާ ކަމަށް ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިންގެ އެންޑް ރިސާޗްގެ ޑީން އައިޝަތު ފަސީހާ މުހައްމަދު ވިދާޅުވިއެވެ.

އޭގެ ތެރެއިން މިހާތަނަށް އިމްތިހާނު ނިމުނު ރައްތަކުގެ 25 ބައިވެރިން އިމްތިހާނު ފުރިހަމަ ކޮށްފައި ވެއެވެ.

މީގެއިތުރުން ހަތަރު ރަށެއްގައި އިމްތިހާނު އަދި ނުނިމެއެވެ. އިމްތިހާނު ނުނިމޭ ރަށްތަކަކީ:

  • ދ. ކުޑަހުވަދޫ
  • ބ. އޭދަފުށި
  • ފުވައްމުލައް ސިޓީ
  • ސ. ހިތަދޫ

ދެ ޖިންސުގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ފުރުސަތު ހުޅުވާލި މި ޕްރޮގްރާމަކީ، މުޖުތަމައުގައި ޓެކްނިކަލް ދާއިރާއަށް މީހުން ބިނާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ފެނަކަ އިންސްޓިޓިއުޓް އިން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ފެނަކައިން ވަޒީފާގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައި ވެއެވެ.

އެހެންކަމުން އެ ފަރާތްތަކުން ބޭނުންނަމަ ފެނަކައިން ވަޒީފާ ހަަމަޖެހޭނެ ކަމަށް ފަސީހާ ވިދާޅުވިއެވެ.

"ކެރިއާ ބިލްޑް ކުރަން ޒުވާނުންނަށް ހުޅުވާލާފައިވާ ފުރުސަތެއް މި ފުރުސަތަކީ. ދެން މި ޕްރޮގްރާމް މި އަހަރު ނިމުނަސް މީގެ އިތުރު ޕްރޮގްރާމްތަކެއް ފެނަކަ އިންސްޓިޓިއުޓް އިން ކުރިއަށް ގެންދާނެ ދެން އަންނަ އަހަރުވެސް،" ފަސީހާ ވިދާޅުވިއެވެ.

comment ކޮމެންޓް