އެމްއޭސީއެލްގެ 99.9 ޕަސެންޓު މުވައްޒަފުން ވެކްސިން ޖަހައިފި

އެމްއޭސީއެލްގެ 99.9 ޕަސެންޓު މުވައްޒަފުން ވެކްސިން ޖަހައިފި -- ފޮޓޯ: އެމްއޭސީއެލް

މޯލްޑިވިސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ 99.9 ޕަސެންޓު މުވައްޒަފުން ކޮވިޑް-19 ވެކްސިން ޖަހައިފިއެވެ.

މޯލްޑިވްސް ހެލްތު ޕްރޮޓެކްޝަން ސާވިސް (އެޗްޕީއޭ)އާ ގުޅިގެން އެމްއޭސީއެލްގެ އެއާޕޯޓް އެމާޖެންސީ ސާވިސެސްއިން ކޮވިޑް ވެކްސިން ޕްރޮގްރާމެއް ފެށީ މިދިޔަ މާޗް މަހުގެ 29ގައިއެވެ.

އެ ޕްރޮގްރާމްގެ މަގުސަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ހުރިހާ މުވައްޒަފުންނަށް ވެކްސިން ޖެހުމެވެ. އެއީ އެމްއޭސީއެލް އާއި އެއާލައިންތަކުގެ މުވައްޒަފުންނާއި ކޮންޓްރެކްޓަރުން ހިމެނޭ ގޮތަށެވެ.

އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެމްއޭސީއެލްގެ 99.9 ޕަސެންޓު މުވައްޒަފުން ވެކްސިން ޖަހާފައިވާ އިރު 89.3 ޕަސެންޓު މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައެވެ.

އެމްއޭސީއެލްގެ ވެކްސިންގެ ޖެހި މުވައްޒަފުންގެ އަދަދު 99.9 ޕަސެންޓަށް އަރާ -- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގެ މުވައްޒަފުންގެ އިތުރުން 1،716 ވީއައިއޭ ޕާސްހޯލްޑަރުން ވަނީ އެ ޕްރޮގްރާމްގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައެވެ.

"އަޅުގަނޑުމެންގެ ގާތްގަނޑަކަށް ހުރިހާ މުވައްޒަފުން ވެކްސިން ޖަހާފައި ވާތީ އުފާކުރަން. މިއީ އަޅުގަނޑުމެންގެ މުވައްޒަފުންނާއި ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި އަޅުގަނޑުމެން ކުރި އެންމެ މުހިއްމު ކަންތައް. އަޅުގަނޑުމެންނަކީ މިކަން ހާސިލު ކުރި އެންމެ ފުރަތަމަ އެއް އެއާޕޯޓުކަން ފަހުރުވެރިކަމާއެކު ފާހަގަކުރަން،" އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ސީއީއޯ ކަމާއި އެމްޑީގެ މަގާމަށް ސްޓުއާޓް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖޫން 28ގައިއެވެ. އަދި އޭނާ ރަސްމީކޮށް އެ ދެ މަގާމާ ހަވާލުވެވަޑައިގެންނެވީ އޭގެ މަހެއް ފަހުން، ޖުލައި 26ގައިއެވެ.

ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އެމްއޭސީއެލް ހިންގުމުގެ ޒިންމާ ނެންގެވުމަށް ފަހު، ވެލާނާ އެއާޕޯޓަކީ އެންމެންނަށްވެސް ރައްކާތެރި ތަނެއްކަން ކަށަވަރު ކުރުމަށްޓަކައި ސްޓުއާޓް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެލާނާ އެއާޕޯޓަށް ވަނީ އެއާޕޯޓްސް ކައުސިލް އިންޓަނޭޝަނަލް (އޭސީއައި)ގެ ހެލްތު އެކްރެޑިޓޭޝަން ސެޓުފިކެޓް ދީފައެވެ. އޭރު އެ އެއާޕޯޓަކީ އޭޝިއާ ޕެސިފިކް ގައުމުތަކުގެ ތެރެއިން އެ ސެޓްފިކެޓު ލިބުނު ދެވަނަ އެއާޕޯޓެވެ.

އެމްއޭސީއެލްގެ 89.3 ޕަސެންޓު މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައި -- ފޮޓޯ: އެމްއޭސީއެލް

މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު ވީއައިއޭއަށް ވަނީ އޭސީއައި ވޮއިސް އޮފް ދަ ކަސްޓަމާ ރެކޮގްނިޝަން އެވޯޑު ދީފައެވެ. އެއީ އެއާޕޯޓުގެ ހިދުމަތުގެ ފެންވަރާ ބެހޭ ގޮތުން މީހުންގެ ހިޔާލު ހޯދުމަށް އެންމެ ރަނގަޅަށް މަސައްކަތް ކުރާ އެއާޕޯޓުތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.

ވެލާނާ އެއާޕޯޓު ހިންގާ ކުންފުނީގެ ހައިސިއްޔަތުން އެމްއޭސީއެލްއިން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި އާއި ރާއްޖެއަށް އާ އެއާލައިންތައް ގެނައުމުގައި އިސް ދައުރެއް އަދާ ކުރަމުންނެވެ.

ވީއައިއޭގެ ހިދުމަތްތައް މިހާރަށް ވުރެ ފުޅާ ކުރުމަށްޓަކައި އެމްއޭސީއެލްއިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލް އެޅުމާއި އާ ރަންވޭ އަކާއި އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސް އަކާއި ބޯޓުތަކަށް އަޅާ ތެޔޮ ރައްކާ ކުރަން އާ ފިއުލް ފާމެއް ހެދުން ހިމެނެއެވެ.

comment ކޮމެންޓް