މުހިންމީ މަތީ ވަނަ އެކަންޏެއް ނޫން، ރަނގަޅު އަހްލާގީ ސިފަތައް ވެސް މުހިންމު: މެޑަމް ފަޒްނާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު --

ދަރިވަރުން ސްކޫލްގެ މާހައުލުން ނިކުމެގެން އަންނަ އިރު މުހިންމީ ހަމައެކަނި މަތީ ވަނަތަކެއް އެކަނި ނޫންކަމަށާއި ރަނގަޅު އަހްލާގީ ސިފަތަކެއް އަށަގެންފައި ހުރުމަކީ ވެސް ލިބޭ ބޮޑު ކާމިޔާބީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސްގެ ދެކަނބަލުން މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރ. ރަސްގެތީމު ސްކޫލަށް މެޑަމް ފަޒްނާ ކުރެއްވި ޒިޔާރަތުގައި އެ ކަމަނާ ވަނީ ސްކޫލްގެ އިސްވެރިންނާއި ޓީޗަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން މެޑަމް ފަޒްނާ ވިދާޅުވީ ދަރިވަރުން ސްކޫލުގެ ދައުރު ނިންމާ ނިކުންނަ އިރު ރަނގަޅު އަހްލާގެއް އެ ކުދިންގެ ކިބައިގައި އަށެގެންފައިވުމަކީ ސްކޫލަށް ވެސް ލިބޭ ކާމިޔާބީއެއްކަމަށެވެ. އަދި އެކަމަނާ ވަނީ ޓީޗަރުންނަށް ހިތްވަރު ދެއްވާފައެވެ.

ހަމައެއާއެކު ރަސްގެތީމު ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ވެސް އެކަމަނާ ވަނީ އެ ސްކޫލުގެ ލައިބްރަރީއަށް ގަނާކުރުމާއި ޖިންސީ ގޯނާއާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ދެ ވާހަކަފޮތް ހަދިޔާކުރައްވާފައެވެ.

ސްކޫލްގެ ވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި މެޑަމް ފަޒްނާ ވަނީ ސްކޫލްގެ އިސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. އެގޮތުން ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދިނުމުގައި ދިމާވާ ޖާގައިގެ ދަތިކަން ވަނީ އެ ސްކޫލުން ފާހަގަކޮށްފައެވެ.

ރައީސްގެ ދެކަނބަލުންގެ މި ރަސްމީ ދަތުރުފުޅަކީ ށ. އަތޮޅުގެ ހަތަރު ރަށަކަށާއި، ރ. އަތޮޅުގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި، ރައީސް އޮފީހާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް