އޮގަސްޓް މަހު އިމްޕޯޓާއި އާމްދަނީ އިތުރުވި ނަމަވެސް އެކްސްޕޯޓު ދަށަށް

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ/ ކަސްޓަމްސް

ހުސްވި އޮގަސްޓް މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު ދަށްވި ނަމަވެސް، އެތެރެ ކުރި މުދަލާއި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެއްޖެއެވެ.

ކަސްޓަމްސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓްު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ރާއްޖެއިން މުދާ ބޭރުކުރި މިންވަރު ވަނީ 60 އިންސައްތަ ދަށްވެފައެވެ.

އެގޮތުން، ނިމުނު އޮގަސްޓްް މަހު 270 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކުރި އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 675 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ.

ރާއްޖެއިން ބޭރު ކުރަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އެ ލިސްޓުގައި ދެން ހިމެނެނީ ޔޫކޭ، ޖާމަނީ އަދި ނެދަލެންޑްސްގެ އިތުރުން އިންޑިއާއެވެ.

އިމްޕޯޓަށް ބަލާއިރު، މިދިޔަ އަހަރުގެ އޮގަސްޓްު މަހު ރާއްޖެ އެތެރެކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ އޮގަސްޓްު މަހު އެ އަދަދު ވަނީ 3.5 ބިލިއަނަށް އިތުރުވެފައެވެ. އެއީ، 63 އިންސައްތައިގެ އިތުރުވުމެކެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތައް؛

  • އިންޑިއާ: 492 މިލިއަން ރުފިޔާގެ މުދާ
  • ޗައިނާ: 458 މިލިއަން ރުފިޔާގެ މުދާ
  • ޔޫއޭއީ: 447 މިލިއަން ރުފިޔާގެ މުދާ

ކަސްޓަމްސްއިން ބުނީ ރާއްޖެ އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮގަސްޓްު މަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓްު މަހު 182 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ އޮގަސްޓްު މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 102 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރުގެ އޮގަސްޓްު މަހު ލިބުނު އާމްދަނީ 288 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް