ވިއެޓްނާމްގެ މީހަކު ކޮވިޑް ފެތުރުމުން ފަސް އަހަރަށް ޖަލަށް

ލީ ވަން ޓްރީ

ވިއެޓްނާމްގެ މީހަކު ކޮވިޑްގެ ގައިޑްލައިންތަކާ ޚިލާފުވެ، އޭނާގެ ސަބަބުން ބަލި ފެތުރުމާ ގުޅިގެން އޭނާ ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ވިއެޓްނާމްގެ ލީ ވަން ޓްރީ ކިޔާ 28 އަހަރުގެ މީހަކު ޖަލަށް ލާން ހުކުމް ކުރީ އޭނާ މިދިޔަ ޖުލައި މަހު ހޯ ޗީީ މިން ސިޓީ އިން ކަމައު ސިޓީ އަށް ދަތުރުކުރި ފަހުންނެވެ. އަދި އޭނާ އެ ސިޓީއަށް ހުށަހެޅި ހެލްތު ޑިކްލަރޭޝަން ފޯމުގައި އޭނާގެ ދަތުރާ ބެހޭ ގޮތުން ދޮގު ހަދާ، ކަރަންޓީނުވުމުގެ ގަވާއިދުތަކާ ހިލާފުވުމުންނެވެ.

ކަމައު ސިޓީގެ ލޯކަލް އޮތޯރިޓީން އަންގާފައި ވަނީ އެއްވެސް ސިޓީ އަކުން ކަމައުއަށް ދަތުރުކޮށްފިނަމަ 21 ދުވަސް ވަންދެން އެމީހަކު ކަރަންޓީނު ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް ޓްރީ އެ ގަވާއިދާ ހިލާފުވި ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ކަމައު ސިޓީއަށް ދަތުރު ކުރި ފަހުން ޓްރީ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އޭނާގެ ފަރާތުން އާއިލާގެ މީހުންނަށާއި އޭނާ ދިޔަ ވެލްފެއާ ސެންޓަރުގެ މުވައްޒަފުންނަށްވެސް ކޮވިޑް ޖެހިފައިވެއެވެ.

އެ މައްސަލާގައި ޓްރީ ފަސް އަހަރަށް ޖަލަށް ލުމުގެ އިތުރުން ކޯޓުން ވަނީ އޭނާ 880 އެމިރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

ވިއެޓްނާމްގައި ކޮވިޑް ކޮންޓްރޯލު ކުރުމަށްޓަކައި އެގައުމުން ދަނީ ރައްކާތެރިކަމުގެ އެތައް ފިޔަވަޅެއް އަޅަމުންނެވެ. އަދި އެގައުމުގެ ސިއްހީ އިދާރާތަކުންނާއި ސަރުކާރުން ދަނީ ގިނަގިނައިން އަތް ދޮވުމަށާއި ގައިދުރުކަން ބެހެއްޓުމަށް އިރުޝާދު ދެމުންނެވެ.

ވިއެޓްނާމުން މިހާތަނަށް 530،000 މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 13،300 މީހުން މަރުވެފައިވެވެ.

comment ކޮމެންޓް