ބާސެލޯނާގެ ތާރީހުގައި ވެސް އެ ކުލަބާ ހަވާލުވި އެންމެ ގޯސް ވެރިންގެ ލިސްޓުގެ ކުރީގައި ޖޯސެޕް މާރިއާ ބާޓޮމެއުގެ ނަން އޮންނާނެ ކަމަށް އެ ކުލަބުގައި ގިނަ ދުވަސްތަކެއް ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފިއެވެ.
ދުނިޔޭގެ އެންމެ ކާމިޔާބު ކުލަބުތަކުގެ ތެރޭގައި ނަން ކިޔާލެވޭ ބާސެލޯނާ މިވަގުތު އޮތީ ނާޒުކު ފައްތަރެއްގައެވެ. ކުލަބުގެ ދަރަނި އިންތިހާއަށް ބޮޑުވެ ޓީމުގެ މުހިއްމު ކުޅުންތެރިން ދޫކޮށްލަން ޖެހިފައިވާ އިރު، ބާސެލޯނާގެ ތާރީހުގައި ވެސް އެންމެ މުހިއްމު ކުޅުންތެރިޔާ ލިއޮނެލް މެސީ ވެސް ޓީމުގައި ރަޖިސްޓްރީ ކުރާނެ ގޮތެއް ނެތިގެން ހިލޭ ޓްރާންސްފާއެއްގައި ވަނީ ގޮސްފައެވެ.
އަދި އެހެންމެ މެނޭޖްމެންޓުގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދި ކުލަބު އޮޔާ ދާން ދޫކޮށްލާފައިވާ ގޮތަކަށް ކަންކަން ދާން ފެށުމާ އެކު ކުލަބުގެ މެމްބަރުން ކުރިން ރައީސްއަކަށް ހުރި ބާޓޮމެއުއާ ދެކޮޅަށް ނުކުތީ މިދިޔަ ސީޒަންގެ ކުރީކޮޅުއެވެ. އެއާ އެކު އުފެދުނު ޕްރެޝަރުގައި އިސްތިއުފާ ނުދޭނެ ކަމަށް ބާޓޮމެއު ފުރަތަމައިން ބުނި ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އޭނާއާއި އޭރުގެ ކުލަބުގެ ބޯޑު އޮތް ގޮތަށް ވަނީ އިސްތިއުފާ ދީފައެވެ.
ބާޓޮމެއުގެ "ދޯހަޅި" ކަމުން ބާސެލޯނާއަށް މާލީ ގޮތުން ލިބުނު ގެއްލުން އަލުން ފޫބައްދަން އަހަރުތަކެއް ނަގާނެ ކަމަށް މިހާރުގެ ރައީސް ޔޯއަން ލަޕޯޓާ ވެސް ބުނެފައިވާ އިރު، ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވެސް ތިބީ ބާޓޮމެއު ދެކެ ހިތްހަމަ ނުޖެހިފައެވެ. އެގޮތުން ބާސެލޯނާގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ، ޕީކޭ ވަނީ އޭނާގެ ހިތުގެ އުދާސްތައް ބަންޑުން ކޮށްލައިފައެވެ.
"އަހަރެން ނުބުނާނަން އޭނަ [ބާޓޮމެއު] އެއީ އެންމެ ގޯހެކޭ. އެކަމަކު އަހަރެންނަށް ތަޖުރިބާކުރެވުނު ކަންކަމަށް ބަލާފައި އޭނަގެ ނަން އެންމެ ކުރީގައި އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރަން،" ޕީކޭ ބުންޏެވެ.
ޕީކޭ ބުނީ ބާސެލޯނާއަށް މިހާރު ޖެހިފައިވާ ގިނަ މައްސަލަތަކުގެ މުގުލުގައި ބާޓޮމެއު ހުރެގެން ކުލަބު ހަވާލުވާން ދޫކޮށްލެވުނީތީ ބާސެލޯނާގެ މެމްބަރެއްގެ ހައިސިއްޔަތުން ލަދުވެތި ވާ ކަމަށެވެ. އެހެން ނަމަވެސް އައު ރައީސްއާ އެކު ކުލަބުގެ މިސްރާބު މިވަގުތު ހުރީ ރަނގަޅު މިސްރާބަކާ ދިމާލަށް ކަމަށެވެ.
"ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ކުލަބުގެ ކަންކަން ހަމައަކަށް އެޅި ކާމިޔާބީތަކެއް ހޯދޭނެކަން ޔަގީން."