ބާސެލޯނާގައި އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އެންޓޮއިން ގްރީޒްމަން ކުރިން ދޫކޮށްލައިގެން ވެސް ސްޕެނިޝް ލީގުގެ ގަވާއިދުތަކަށް ފެއްތުމުގެ ގޮތުން ބާސެލޯނާގައި 21 އަހަރު ކުޅުނު ލިއޮނެ މެލްސީ ކުލަބުގައި މަޑު ކުރުވޭނެ ގޮތެއް ނެތް ކަމަށް އެކުލަބުގެ ރައީސް ޔޮއާން ލަޕޯޓާ ބުނެފިއެވެ.
ނިމިގެން ދިޔަ ޓްރާންސްފާ މާކެޓުގައި މެސީ ބާސެލޯނާއަށް ކަރުނައާ އެކު އަލްވަދާއު ކިޔަން ޖެހުމާ އެކު ބާސެލޯނާގެ ސަޕޯޓަރުންގ ފާޑުކިޔުންތައް ވަނީ ކުލަބުގެ ރައީސްއާއި އިސް މެނޭޖްމެންޓަށް އަމާޒުކޮށްފައެވެ. ކުޅުންތެރިންގެ މުސާރަ އިންތިހާއަށް ބޮޑުވުމުގެ ސަބަބުން މެސީގެ އެއްބަސްވުން އައު ކުރެވެން ނެތް ކަމަށް ކުލަބުން އޭރު ބުނުމުން އުފެދުނު ބަހުސަކީ މުސާރަ ބޮޑު ކުޅުންތެރިންގެ އުޖޫރަ ކުޑަ ނުކުރި ސަބަބެވެ.
މެސީގެ ޓްރާންސްފާއަށްފަހު އެކުލަބުގެ އޭރު އެންމެ ބޮޑު އުޖޫރައެއްގައި ހުރި ގްރީޒްމަން ވަނީ އޭނަގެ ކުރީގެ ކުލަބު އެތުލެޓިކޯ މެޑްރިޑަށް ލޯން އެެއްބަސްވުމެެއްގެ ދަށުން ބަދަލުވެފަ އެވެ. އެއާ އެކު ބާސެލޯނާގެ މުސާރައިގެ އޮނިގަނޑަށް ބޮޑު ލުޔެއް ލިބުނު ކަމަށް ރިޕޯޓްތަކުން ބުނި އިރު، އެ ޓްރާންސްފާ މެސީގެ ކުރިން ނުކުރީ ކީއްވެތޯ ގިނަބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެމުން ބާސެލޯނާގެ ރައީސް ލަޕޯޓާ ބުނީ ގްރީޒްމަން ކުރިން ފޮނުވާލި ނަމަވެސް މެސީ ބާސެލޯނާގައި މަޑުކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
"މެސީއާ އެކު ކުލަބުން އެއްބަސްވުމަކަށް އައިސްފައި އޮތީ. ލަ ލީގާއިން ވެސް އޭރު އެކަމަށް އެއްބަސްވެފައި އޮތުމުން ކުރިއަށް ދާން ނިންމީ. އެކަމަކު ފަހު ވަގުތު ލީގުން ބުނީ މެސީ ސޮއި ކުރެވޭނެ ގޮތަކީ ސީވީސީ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ކަމަށް. އެ ރިސްކް ނެގޭކަށް ނެތް މި ކުލަބަށް،" ލަޕޯޓާ ބުންޏެވެ.
މަޝްހޫރު އިންވެސްޓްމަންޓް ކުންފުނި ސީވީސީ ކެޕިޓަލް އިން ސްޕެނިޝް ލީގު (ލަލީގާ)ގެ 10 ޕަސެންޓް ހިއްސާ ތިން ބިލިއަން ޑޮލަރަށް ގަންނަން އެއްބަސްވި ޑީލަށް ސްޕެއިނުގެ އެއް ވަނަ އަދި ދެ ވަނަ ޑިވިޝަނުގެ ކްލަބްތަކުގެ މެދުގައި ނެގި ވޯޓުން މެޖޯރިޓީގެ ތާއީދު ވަނީ ލިބިފައެވެ.
ސްޕެއިނުގެ އެއް ވަނަ އަދި ދެ ވަނަ ޑިވިޝަނުގެ ޖުމްލަ 42 ކްލަބްގެ ތެރެއިން މި ވޯޓުގައި ޑީލާ ދެކޮޅު ހެދީ ރެއާލާއި ބާސެލޯނާ އަދި އެތުލެޓިކް ބިލްބާއޯގެ އިތުރުން ނަން ހާމަކުރަން ބޭނުންނުވާ ކްލަބެކެވެ.
"މެސީ ކުލަބު ދޫކޮށް ދިޔަ ފަހުން އަހަރެން އޭނައަކާ ވާހަކައެއް ނުދައްކަން. އެކަމަކު ޕީއެސްޖީގެ ޖާޒީގައި އޭނާ ފެނުމުން ކުރެވުނީ ވަރަށް ތަފާތު އިހުސާސެއް. މެސީ އަކީ އަބަދުވެސް ބާސެލޯނާގެ މީހެއް. މިއީ ނިމުން ކަމަށް ބަލައިގެން ނުވާނެ," ލަޕޯޓާ ބުންޏެވެ.