ބިމާ ބެހޭ ގާނޫނުގެ ބިލު ބަލައިގަނެ، ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ބިން ދޫކުރުމުގެ ބާރު ލޯކަލް ކައުންސިލްތަކަށް ލިބޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެެ، ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ފުށޫ އަރާތީ، ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ބަލައިގަނެ، ކޮމިޓީއަށް ފޮނުވަން ފާސްކުރީ 42 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވައެވެ.

މި ބިލުގައި ހިމަނާފައިވާ އިސްލާހުތައް ފާސްވެއްޖެނަމަ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ. އެގޮތުން އެ ރަށެއްގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭނާ އެއްގޮތް ވާގޮތުގެ މަތީން، މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ކުއްޔަށް ދޫކުރުމާއި ވިއްކުމުގެ ބާރު ކައުންސިލްތަކަށް ލިބޭނެއެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވާ ގޮތުން މިގޮތަށް ދެވަނަ ފަރާތަކުން ގަންނަ ނުވަތަ ކުއްޔަށް ހިފާ ބިމާއި އެ ބިމާ ގުޅިފައިވާ ހައްގުތައް، އެފަރާތަކާއެކު ކުރެވިފައިވާ މުއާމަލާތަކާ އެއްގޮތްވާ ގޮތުގެމަތިން އެފަރާތަކަށް ރަޖިސްޓަރީކޮށް ދެވޭނެއެވެ.

comment ކޮމެންޓް