އަހަރެންނާ ރޮނާލްޑޯއާ އަޅާ ނުކިޔާތި: ލުކާކޫ

ރޮނާލްޑޯ އާއި ލުކާކޫ

28 އަހަރުގެ ފުޓުބޯޅަ ތަރި ރޮމެލޫ ލޫކާކޫ، އޭނާ އާއި ޕޯޗުގަލްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯއާ އަޅާ ނުކިޔޭނެ ކަމަށް ބުނެފިއެވެ.

ބެލްޖިއަމް އަދި ޗެލްސީގެ މޮޅު ފޯވާޑު ލުކާކޫ ބުނީ ރޮނާލްޑޯއާ އޭނާ އަޅާ ކިޔުމަކީ ބޭނުމެއް ނެތް ކަމެއް ކަމަށެވެ. އަދި ރޮނާލްޑޯއާ ހަމައަށް އޭނާއަށް އަދި ނާދެވޭނެ ކަމަށެވެ.

މިހަފްތާގައި ޕޯޗްގަލްގެ ތަރި ރޮނާލްޑޯ ވަނީ އެންމެ ގިނަ ގޯލް ގައުމީ ޓީމަށް ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައިފައެވެ.

ލުކާކޫ ބުނެފައިވަނީ ރޮނާލްޑޯ އަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ތިން ކުޅުންތެރިންގެ ލިސްޓުގައި ހިމެނިފައިވާ ތަފާތު އަދި ހުނަރުން ފުރިގެންވާ ކުޅުންތެރިއެއް ކަމަށެވެ. އަދި އެތަނުން އެއް ވަނައިން ތިން ވަނައަށް ކުޅުންތެރިން ރޭންކު ކުރަން އޭނާ ބޭނުން ނުވާ ވާހަކަ ބުނެފައިވެއެވެ. އެހެންނަމަވެސް އެލިސްޓްގައި ރޮނާލްޑޯ އަބަދުވެސް ހިމެނޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ރޮނާލްޑޯ އާއި ލުކާކޫ

ފުޓުބޯޅައިގެ ތާރީހުގައި ރޮނާލްޑޯ ހޯދާފައިވާ ކާމިޔާބީ އަކީ މިޒަމާނުގައި ފަސޭހައިން ހޯދޭނެ ކާމިޔާބީއެއް ނޫންކަމަށް ލުކާކު ފާހަގަކުރިއެވެ. އަދި އޭނާއަށް އިޓަލީ ލީގުގައި ރޮނާލްޑޯއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ނަސީބެއް ކަމެއް ކަމަށެވެ.

މީގެ އިތުރުން މިފަހަރުގެ އިނގިރޭސި ޕްރެމިއާ ލީގުގައި ވެސް ރޮނާލްޑޯއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބިގެން ދާތީ ހިތްހަމަޖެހޭ ކަމަށް ލުކާކޫ ބުންޏެވެ. އަދި މިއީ އިނގިރޭސި ލީގަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ފާހަގަ ކުރިއެވެ.

އެންމެ ފަހުގެ އިޓަލީ ލީގުގެ ޓައިޓަލް ނަގައިދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރި ލޫކާކޫ އަކީ 135 މިލިއަން ޔޫރޯއަށް ޗެލްސީ އަށް ކުޅޭ ކުޅުންތެރިއެކެވެ. އަދި އޭނާއަކީ އޭނާގެ ގައުމީ ޓީމަށް 66 ގޯލު ޖަހައިދިން އަދި ޔޫރޯގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ ހުނަރުން ފުރިގެންވާ ކުޅުންތެރިއެކެވެ.

comment ކޮމެންޓް