އޭދަފުށީ ދަނޑު އިތުރަށް ތަރައްގީ ކުރަނީ

އޭދަފުށީ ޓާފް ދަނޑު ސިޑިބަރި ނިމޭއިރު ހުންނާނެ ގޮތުގެ ކުރެހުމެއް --- ފޮޓޯ:

ބ. އޭދަފުށީ ޓާފް ދަނޑު ތަރައްގީ ކުރުމުގެ ގޮތުން އެދަނޑުގައި ރޮސްޓްރަމް އަދި ސިޑި ބަރި ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބިންގާ އަޅައި ދިނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕު ކާމިޔާބުކުރި ޓީމުގެ މުހައްމަދު ޖަމީލް (ޖަމްބޭ)، މުހައްމަދު ޝިފާން (ކުޑައްޓޭ)ގެ އިތުރުން ރާއްޖެއިން 1991 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރިހި މެޑަލް ހޯދި ޓީމުގެ އަބްދުލްވާހިދު ހުސައިން އަދި އޭދަފުށީ ޓީމުގެ ކޯޗު އަބްދުލް މަޖީދު ހަސަނެވެ.

އޭދަފުށީ ޓާފް ދަނޑު ހުޅުވީ 2019 ވަނަ އަހަރުއެވެ. މިދަނޑަކީ ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު (ކްރައުން ނަޒީރު)ގެ އެހީގައި އަޅާފައިވާ ދަނޑެކެވެ.

މިދަނޑު އިތުރަށް ތަރައްގީ ކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދަނީ ކްރައުން ނަޒީރުގެ ހަރަދުގައެވެ.

ދަނޑުގެ މަސައްކަތް ނިމޭއިރު 800 މީހުންގެ ޖާގައިގެ ސިޑި ބަރީގެ އިތުރުން 100 މީހުންގެ ޖާގައިގެ ރޮސްޓްރަމް އެއް ހުންނާނެއެވެ.

ބޮޑު ހަރަދެއް ކޮށްގެން ނިންމާފައިވާ އޭދަށުފީ ދަނޑު ހުޅުވުމައްފަހު ދިން އިންޓަވިއުއެއްގައި އެދަނޑު ސަރަހައްދީ މުބާރާތްތައް ކުޅެވޭ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށް ކްރައުން ނަޒީރު ވަނީ ވައުދުވެފައެވެ.

comment ކޮމެންޓް