ރަސްމާދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ރ. ރަސްމާދޫ -- ފޮޓޮ/ގޫގަލް އިމޭޖެސް

ކޮވިޑްގެ ކޭހެއް ފެނި ރ. ރަސްމާދޫ މޮނިޓަރިންގެ ހާލަތަށް މިއަދު ގެނެސްފިއެވެ.

ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް "ސަން"އަށް ވިދާޅުވީ އެރަށުން ޕޮޒިޓިވް ވެފައިވަނީ އެރަށު ސްކޫލްގެ ލައިބްރަރީގައި ވަޒީފާ އަދާކުރާ މުވައްޒަފެއް ކަމަށެވެ.

މީގެ އިތުރުން، އޭނާ ވަނީ ވަރަށް ފަހުން މާލެ އައިސްފައި ކަމަށާއި މާލެ އިން އެނބުރި ރަށަށް ދިޔައީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެކީ ޕީސީއާރް ޓެސްޓު ހަދައި ނެގެޓިވް ނަތީޖާ ލިބުމުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މާލެއިން ރަށަށް އައިސް ދެ ދުވަހަކު ނުކުން ވަޒީފާއަށް، ދެން ސުކޫލުން އެންގީ ބަލީގެ އަލާމާތް ފެންނާތީ މަޑުކޮށްލަން ގޭގައި.ރޭގައި ޕޮސިޓިވް ވީ" އާސިފް ވިދާޅުވިއެވެ.

އާސިފް އިތުރަށް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ. އަދި ގާތްގަނޑަކަށް 20 ވަރަކަށް މީހުންނާއި ކުޑަކުދިން ކޮންޓެކްވި ކަމަށް ބެލެވޭ ކަމަށް އާސިފް ވިދާޅުވިއެވެ.

ރަސްމާދޫގައި ވަނީ 18 އަހަރުންމަތީގެ ވެކްސިން ޖެހޭ އެންމެން ވެކްސިން ފުރިހަމަކޮށްފައި ކަމަށާއި 12 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ކަމަށް އާސިފް ވިދާޅުވިއެވެ.

މިއީ ރަސްމާދޫ މޮނިޓަރިންގެ ހާލަތަށް ގެނެވުނު ދެވަނަ ފަހަރެވެ. މީގެ ތިން މަސް ކުރިން ރަސްމާދޫ ވަނީ ކޮވިޑްގެ ކޭސްއެއް ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

comment ކޮމެންޓް