ސިޔާސީ މީހުންނަށް ޖޭއެސްސީގައި ނުތިބެވޭ ގޮތް ހަދަން އަނެއްކާވެސް މަޖިލީހަށް ބިލެއް

މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) -- ފޮޓޯ: މަޖިލިސް

ސިޔާސީ މީހުންނަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ނުތިބެވޭ ގޮތަަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.

ޓޮމް ހުށަހެޅުއްވި ބިލުގައި ވަނީ ގާނޫނު އަސާސީ މިހާރު އޮތް ގޮތަށް ޖޭއެސްސީއަށް މެމްބަރުން އައްޔަން ކުރުމުން، އެކޮމިޝަނުން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކުގައި ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާކަން ހާމަވާ ކަމަށެވެ.

އެގޮތުން ދައުލަތުން ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި، ދައުލަތާ ދެކޮޅަށް އެ މައްސަލައެއް ނިމިއްޖެނަމަ އެފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައި ފަނޑިޔާރުންނަށް ބިރުދައްކަމުންދާތީ އާއި ބައެއް ހުކުމްތައް ލިޔެ ފޮނުވަމުން ދަނީ ޖޭއެސްސީގައި ތިއްބެވި ސިޔާސީ ފަރާތްތައް ކަމަށް ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ތުހުމަތު ކުރާ ކަމަށް ތޯރިގް ވިދާޅުވިއެވެ.

މީގެ އިތުރުން ތިން ބާރު ވަކިން، މިނިވަން ކަމާ އެކު ހިންގުމުގެ ފުރުސަތު ގާނޫނު އަސާސީން ލިބެން ޖެހޭ ކަމަށް އެ ބިލުގައިވެއެވެ. ނަމަވެސް ޖޭއެސްސީ އެކުލަވާލުމުގައި ވެރިކަން ކުރާ ބާާރާއި ގާނޫނު ހެދުމުގެ ބާރު ތަމްސީލުކުރަނީ ސިޔާސީ ބޭފުޅުން ކަމަށް އެ ބިލުގައިވެއެވެ.

އެހެންކަމުން ސިޔާސީ ބޭފުޅުން ބައިވެރިވެގެން ޖޭއެސްސީން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކުގައި ނުރަނގަޅު، ސިޔާސީީ ނުފޫޒާއި ބާރު ވެސް އެކުލެވޭ ކަމަށް ބިލުގައި ފާހަގަކޮށްފައިވެ އެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަން މިހާރު އެކުލަވާލެވިފައިވާ ގޮތުގެ ބޭނުން ހުދުމުހުތާރުގޮތެއްގައި ވެރިކަމުގެ ބާރުންހިފައި، އަދި ޖޭއެސްސީއަކީ ވެރިކަން ދިފާއުކުރާ އަސާއެއްގެ ގޮތުގައި ބޭނުން ކުރަމުންދިއުމުގެ އިތުރުން، ޖޭއެސްސީއިން ނުފޫޒު ފޯރުވައިގެން ފަނޑިޔާރުންގެ މުސްތަގިއްލު ކަމާއި ނުފޫޒެއްނެތި ހުކުމްކުރަން އޮންނަ މަގު ހަނިކޮއްލައި، އަޅުވެތި ކުރާތަނަކަށް ބަދަލުވެފައިވާތީވެ، ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރުމަށް މަޖިލިސް ގަވާއިދުގެ 82 ވަނަ މާއްދާގެ ދަށުން މިބިލު ހުށަހަޅަން،" ތޯރިގްގެ އިސްލާހުގައިވެއެވެ.

މީގެ ކުރިންވެސް ތޯރިގް މިފަދަ އިސްލާހެއް ގާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިރު، އެ ބިލު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. އޭރު ތޯރިގް ހުށަހެޅުއްވީ، މަޖިލިސް ރައީސް އާއި މަޖިލިސް މެމްބަރު، އާންމުންގެ ތެރެއިން ކަނޑައަޅާ ފަރާތް، ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރު، ބަންޑާރަނައިބު އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމަނާ ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށެވެ.

comment ކޮމެންޓް