ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުންވާ ކަންކަން ހާސިލް ކުރުމަށް ހިތްވަރުލައި މަސައްކަތްކުރާނަމަ، ކާމިޔާބީއާ ހަމައަށް ވާސިލު ވެވޭނެއެވެ.
އިިންޑިއާގެ ބެންގަލޫރުގެ އާދައިގެ އާއިލާ އަކަށް އުފަން ރަމޭޝް ބާބޫ އަކީ، ވަރަށް ދަތި ހާލުގައި ދިރިއުޅެމުން އައި މީހެކެވެ. އެެހެންނަމަވެސް މިއަދު އޭނާ އަކީ ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓްގައި ހިމެނޭ މީހެކެވެ.
އެހެން ބިލިއަނަރުންނާއި ޚިލާފަށް، ރަމޭޝް ބިލިއަނަރަކަށްވީ ބޯކޮށާ މީހެއްގެ މަގާމުގައި ހުރެއެވެ. އޭނާގެ އުމުރުން ހަތް އަހަރުގައި އޭނާގެ ބައްޕަ ވަނީ މިދުނިޔެއާ އަލްވަދާއު ކިޔާފައެވެ. މިއަދު އޭނާ ހިންގާ ބޯކޮށާ ތަނަކީވެސް އޭނާގެ ބައްޕަގެ މުދަލެކެވެ.

ރަމޭޝް ބާބޫ
އޭނާގެ ބައްޕަ މަރުވުމަށްފަހު، އެންމެ ފުރަތަމަ ބޮކޮށާ ތަނާ ހަވާލުވީ ރަމޭޝްގެ މަންމައެވެ. ނަމަވެސް ދިރިއުޅުން ހުރި ގޮތުން ވިޔަފާރި ނުހިންގުމުގެ ސަބަބުން ދިނީ ކުއްޔަށެވެ. އެއިން ލިބެނީ ދުވާލަކު އެންމެ ފަސް ރުޕީސްއެވެ.
އެހިސާބުން އެ އާއިލާ ވަރަށް ބޮޑަށް ނިކަމެތި ވިއެެވެ. އަދި ވިޔަފާރި ބަނގުރޫޓު ވިއެވެ. އެހެންނަމަވެސް، ރަމޭޝްގެ ހިތްވަރު ދުލެއް ނުކުރިއެވެ. ނޫސް ކަރުދާސް ޑެލިވަރ ކުރުމާއި އަދި އެނޫންވެސް މަސައްކަތުން އާމްދަނީ ހޯދަން މަސައްކަތް ކުރިއެވެ. އެއީ އޭނާގެ އުމުރުން އެންމެ 13 އަހަރުގައެވެ.
އަނެއްކާވެސް އަހަރުތަކެއް ފަހުން ބޯކޮށާތަނާ ހަވާލުވީ ރަމޭޝްއެވެ. އޭނާ މުޅި ވިޔަފާރި ނަގާ ކޮޅަށް ޖެހީ އަމިއްލަ މިންނެތް މަސައްކަތުންނެވެ. ލިބުނު ފައިސާ އިން ރަމޭޝް އެންމެ ފުރަތަމަ ގަތީ މަރުޓީ ވޭނެކެވެ.
އެކާރު ގަތް ފަހުން އޭނާ ގެ ބޯކޮށާ ތަނަށް ސަމާލުކަން ނުދެވުމުގެ ސަބަބުން، އޭނާ ނިންމީ އެކާރު ކުއްޔަށް ދޭށެވެ. އޭގެން ވަރަށް ބޮޑު ފައިދާއެއް އޭނާއަށް ލިބުނެއެވެ. އެވިޔަފާރީގެ ސަބަބުން އޭނާއަށް ވިޔަފާރީގެ އައު ކޮންޓްރެކްޓެއް ލިބުނެވެ. އެހެންކަމުން އޭނާ އޮޓޯމޮބައިލް ރެންޓަލް ސާވިސް ދޭނެ ތަނެއް ހެދިއެވެ.

ރޯލްސް ރޮޔިސް އަދި ބީ އެމް ޑަބްލިޔު އާއެކު ރަމޭޝް ބާބޫ
މިހާރު ރަމޭޝް އަކީ 400އަށްވުރެ ގިނަ ކާރުގެ ވެރި ފަރާތެކެވެ. ބިލިނިއަރެކެވެ. މިކާރުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ އަގުބޮޑެތި ކާރު ހިމެނޭއިރު އޭގެތެރޭގައި ބީ އެމް ޑަބްލިޔު، ރޯލްސްރޮއިސް ސިލްވާ އަދި މާސެޑެސް ސީ ކާރު ހިމެނެއެވެ.
ބޯކޮށާ މީހަކަށްވެ ހުރެ މިއަދު އޭނާ ބިލިއަނަރެއްގެ މަގާމަށް އައީ ނުހަނު ބުރަ މަސައްކަތުންނެވެ. އޭނާ އަކީ މިއަދު އިންޑިއާގަ ހުރި އެންމެ މުއްސަނދި ބޯކޮށާ މީހާއެވެ. އަދި އޭނާ އަކީ އެހެން މީހުންނަށް ހުރި ނަމޫނާއެކެވެ.