ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލަށްލުމާއެކު އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ އިސްވެރިން މަސައްކަތްކުރީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ހޯދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޖުމްހޫރީ ޕާޓީގައި ގާސިމް ގެ އެޑްވައިސަރުގެ މަގާމުގައި ހުންނެވި އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަދު ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލްހާމް ވަނީ ރައީސް ޔާމީން ޖަލުގައި އޮންނެވި އިރު އިދިކޮޅުގެ އިސްވެރިން އެމަނިކުފާނު މިނިވަން ކުރެއްވުމަށްކަމަށް ބުނެ ދެއްކެވި ވާހަކައާމެދު ސުވާލު އުފައްދަވާފައެވެ.
"އެންމެފަހުން ރައީސް ޔާމީން ޖަލުގައި އޮންނެވި އިރުވެސް ޕީޕީއެމުން ރިޔާސީ ކެނޑިޑޭޓުންގެ ގޮތުގައި ނިކުންނަވަން ބޭނުންފުޅު ތިންވަރަކަށް ބޭފުޅުން ޕެލެޓިނަމް ކައިރީގައި އަޅުގަނޑާ ބައްދަލުކުރެއްވި. ވިދާޅުވީ ރައީސް ޔާމީން ޖަލުގައޭ އެއޮތީ، ތިމަންނަމެން އިންޓަރެސްޓެޑޭ އިލްހާމޭ. ގާސިމާ ވާހަކަދައްކައިގެން ރިޔާސޫ ކެނޑިޑޭޓުކަން ތިމަންނަ އަށް ހޯދައޮދޭން މަސައްކަތްކުރާށޭ،" އިލްހާމް ވިދާޅުވިއެވެ.
އިލްހާމް އިތުރަށް ވިދާޅުވީ އިދިކޮޅުގެ އިސްވެރިންނަށް ވެސް މިކަން އެނގިވަޑައިގަންނަވާނެކަމަށެވެ. އަދި އެ ޕާޓީގެ ތެރޭގައި ރިޔާސީ ކެނޑިޑޭޓުކަން ބޭނުންވެެ ޔާމީން ޖަލުގައި ބާއްވަން ބޭނުންވާ ފަސް ވަރަކަަށް ބޭފުޅުން އެބަ ތިއްބެވިކަމަށެވެ.
"އަޅުގަނޑަށް ވަރަށް ރަނގަޅަށް ކިޔައިދޭން އެނގޭނެ އިސްވެރިންގެ ވާހަކަ. ނަން ހާމަކުރަން ބޭނުންނުވާތީ އެހާ ކުޑަކުޑަކޮށް މިކަން މިގެންދަނީ. އިސްކޮށް ރީޔާސީ ކެނޑިޑޭޓުކަން ބޭނުންވާ ފަސް ބޭފުޅުން ބޭނުންވޭ ރައީސް ޔާމީން ޖަލުގައި ބާއްވަން. ހަތިމަށް އަތްލާފައި ހުވާކޮށްފާނަން އެ މީހުން ބައްދަލުކުރިކަމާއި ދެއްކިވާހަކައާއި އެއްޗެހި،" އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ މިއަދު ޖުމްހޫރީ ޕާޓީގެ ޗެއާމަން ގާސިމް އިބްރާހިމަށް ނިސްބަތްކޮށް ކުޑައިމީސްކޮށް އެއްވެސް ބަހެއް ބުނުމުގެ ހައްގު އިދިކޮޅަށް ލިބިފައިނުވާކަމަށެވެ. އަދި ގާސިމަކީ އެއްވެސް މީހަކަށް އަނިޔާވެރިވާނެ ބޭފުޅެއް ނޫންކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ އެ ޕާޓީން ކުރިއަށް އޮތްތަނުގައި ކުރަން ނިންމާފައިވާ މަސައްކަތްތައް ހިއްސާކޮށްފައެވެ.އަދި އިދިކޮޅު ފަރާތްތަކަށް ގިނަ ތުހުމަތުތަކެއްކޮށް ބަހުގެ ގިނަ ހަމަލާތަކެއް ރައްދުކުރައްވާފައެެވެ.