"ޝޭރްޝާހް" އަށްފަހު ސިދާތުގެ މަގްބޫލުކަން އިތުރުވެއްޖެ

ޒުވާން އެކްޓަރު ސިދާތު މަލްހަތްރާ---

މިދިޔަ މަހު ރިލީޒްކުރި "ޝޭރްޝާހް" ފިލްމަށްފަހު އެކްޓަރު ސިދާތު މަލްހަތްރާގެ މަގްބޫލުކަން އިތުރުވެއްޖެއެވެ.

އާންމުންގެ މެދުގައި މަގްބޫލުވި ގިނަ ފިލްމުތަކެއް ކުޅެފައިވާ ސިދާތުގެ މި ފިލްމަށް ވަނީ ކްރިޓީކުންގެ އިތުރުން އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.

ސިދާތު އާ އޭނާގެ ލޯބިވެރިޔާ ކިއާރާ އަދުވާނީ ލީޑު ރޯލުން ފެނިގެންދިޔަ މި ފިލްމަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރި ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ ވިޝްނޫވަރުދާންއެވެ.

މި ފިލްމަކީ ސިދާތު އާމީ އޮފިސަރެއްގެ ރޯލުން ފެނިގެންދާނެ ފިލްމެކެވެ. އިންޑިއާގެ އަސްކަރީ އޮފިސަރެއް ކަމަށްވާ ވިކްރަމް ބަޓްރާގެ މި ބައޮގްރަފިކަލް ޑްރާމާގައި އަސްކަރީ އޮފިސަރު ވިކްރަމްގެ ލޯބީގެ ހަޔާތުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ.

އެ ފިލްމުގެ މަގްބޫލުކަމަށް ފަހު ސިދާތު ވަނީ ކަރަންގެ އާ ފިލްމަކަށް ސޮއިވެސްކޮށްފައެވެ. އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމު ރަސްމީކޮށް އަވަސް މުސްތަގްބަލެއްގައި އިއުލާންކުރާނެއެވެ. ސާގަރް އަމްބަރީ ޑައިރެކްޓްކުރާ މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ ފިލްމެއް ވެސް މެއެވެ.

އެކްޓަރު ސިދާތު ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" އިންނެވެ.

comment ކޮމެންޓް