މުދަލު ޒަކާތުގެ ނިސާބު ކުޑަކޮށްފި

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އައްޑޫގައި ޒަކާތް ބެހުމުގެ ކަންތައް ކުރިއަށްގެންދަނީ --- ފޮޓޯ/ އިސްލާމިކް އެފެއާޒް

މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު މަދުކޮށްފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުން ފެށިގެން، މި އަހަރުގެ އޯގަސްޓް މަހުގެ 19 ވަނަ ދުވަހާ ހަމައަށް ނިސާބުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 6961.50 ރުފިޔާއެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީން މިިއަދު ބުނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 6878.20 ރުފިޔާ ކަމަށެވެ. އެއީ 83.30 ރުފިޔާ މަދު އަދަދެކެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ އިންނެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިސާބު ކަނޑައެޅުމެވެ.

ޒަކާތްދިނުމަކީ ދީނުގެ ފަރުޟުތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުތު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން މުދަލުގެ ޒަކާތް ބަލައިގަންނަމުން ދަނީ މީރާއިންނެވެ.

comment ކޮމެންޓް